މެދުއިރުމަތީގެ މަހުޖަނުން އެންމެ ގިނަ އެއް ގައުމު ކަމަށްވާ ސައޫދީ އަރަބިއްޔާގެ ޓޫރިސްޓެއް މި އަހަރު ރާއްޖެ އަށް އައި ފުރަތަމަ ޓޫރިސްޓުގެ ގޮތުގައި ހޮވިއްޖެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މިއަދު ހެނދުނު އޮމާން އެއާގެ ޑަބްލިއުވައި 381 ފްލައިޓުން ރާއްޖެ އައި މި އަހަރުގެ ފުރަަތަމަ ޓޫރިސްޓުގެ ގޮތުގައި ހޮވިފައިވަނީ ސައޫދީ އަަރަބިއްޔާގެ ރައްޔިތެއް ކަމަށްވާ ހާލިދްގެ ދެމަފިރިން އެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އާއިލާއާ އެކުގަ އެވެ.
ވީއައިއޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހާލިދުގެ އާއިލާއަށް ރާއްޖެއިން މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އެވެ. މިއާއިލާ 2019 ވަނަ އަހަރުގެ ފުރަތަމަ ޓޫރިސްޓުގެ ގޮތުގައި ހޮވުމާއެކު އޭނާއަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތުވެސް ދީފައިވެ އެވެ.
![](https://images-01.avas.mv/post/big_DUiAMjWZTRb0ZAnNKIACvoUEG.jpg)
ހާލިދުއަށް ވަނީ އޮމާން އެއާއިން ދެން އަންނަ ފަހަރަކު ރާއްޖެއަށް އަންނަން ދެކޮޅު ޓިކެޓު ދީފަ އެވެ. އަދި ދިވެހި ސަގާފީ ކުލަތައް އެކުލެވޭ ގޮތަށް ތަރައްގީކޮށްފައިވާ އާވީ މޯލްޑިވްސް ރިސޯޓުން ވަނީ ހާލިދުގެ އާއިލާއަށް ހަތް ދުވަހުގެ ހިލޭ ހުރުން ހިމެނޭ ޕެކޭޖެއް ދީފަ އެވެ.
![](https://images-01.avas.mv/post/big_bzLFCnS204lyHmn5WYr21Z2C0.jpg)
ސައޫދީ އަރަބިއްޔާއަކީ ރާއްޖެއާ ގާތް ގުޅުމެއް ބާއްވާ ގައުމެކެވެ. އަދި އެގައުމުން ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ މީހުން ރާއްޖެއާދެ އެވެ. އެ ގައުމުން ނޮވެމްބަރު މަހުގެ ނިޔަލަށް 21,475 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 18,514 މީހުންނާ އަޅާބަލާއިރު 16 ޕަސެންޓް އިތުރުވުމެކެވެ.
![](https://images-01.avas.mv/post/big_ibCkxX4qKMamS1QYekKJieobv.jpg)
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އަށް 1.3 މިލިއަން މީހުން ވަނީ އައިސްފަ އެވެ.