ހަބަރު

ރައީސް ސޯލިހުގެ ދައުރު ހަމަކުރަން އެއްބާރުލުން ދޭނަން: ޝައިނީ

ރައްޔިތުންގެ ވޯޓާއެކު އިންތިހާބުވެފައި ހުންނަވާ ރައިސުލްޖުމްހޫރިއްޔާއަށް ފަސް އަހަރުގެ ދައުރެއް ލިބެންޖެހޭނެ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެކަމުގައި ދެއްވަން ޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

"އަވަސް ހުކުރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝައިނީ ވިދާޅުވީ، ސިޔާސީ މީހުން ސަރުކާރު ވައްޓާލުމުގެ ހިޔާލު ދޫކޮށްލަން ވެއްޖެ ކަމަށާއި ރައްޔިތުން ވޯޓު ލައިގެން ހޮވާ ސަރުކާރެެއް ދެމި އޮންނަން ޖެހޭނެ ކަމަށެވެ.

"ފަސް އަހަރު އޮންނަން ޖެހޭ، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރައީސް ސޯލިހަށް ފަސް އަހަރުގެ ޓާމެއް ހަމަ ކުރެވެން ޖެހޭނެ، ވެރިކަން ވެއްޓޭވަރުގެ އެއްވެސް ކަމެއް، އެއީ ބަރުލަމާނީ ނިޒާމް ގެނެސްގެން ކަމަށްވީ ނަމަވެސް ނުވަތަ އެހެން ކަމެއް ގެނެސްގެން ކަމަށްވީ ނަމަވެސް ކުރާކަށް އަޅުގަނޑުގެ ތާއިދެއް ނޯންނާނެ،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ ގައުމުގެ ހަމަޖެހުން އޮންނާނީ ނިޒާމް ހަރުދަނާ ވެގެން ކަމަށާއި ނިޒާމް ހަލާކުކޮށްލުމަށް ކުރާ މަސައްކަތް ބަލައިނުގަނެވޭނެ ކަމަށެވެ. އެއް ގޮތުން ނުވެގެން އަނެއް ގޮތަކުން ވެސް ސަރުކާރު ވައްޓާލުމަކީ ގޯސް ކަމެއް ކަމަށެވެ.

"އަޅުގަނޑު މަޖިލީހުގައި ވެސް އަދި އެ ނޫން ދިމާލެއްގައި ހުރި ކަމަށްވީ ނަމަވެސް ފަސް އަހަރުގެ ޓާމް ހަމަ ކުރުމަށްޓަކައި ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނަން،" ޝައިނީ ވިދާޅުވި އެވެ.

"އެކަމަކު އިދިކޮޅުގަ ތިބެގެން އަޅުގަނޑުމެންގެ މަސައްކަތަކަށް ވާނީ އެ ގެންދާ ގޮތް މަގުން ކައްސާލާ ކަމަށްވާނަމަ މަގަށް އެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން،"

ޝައިނީ ވިދާޅުވީ އިދިކޮޅުގައި ތިބެގެން ބިނާ ކުރުވަނި ފާޑުކިޔަން ޖެހޭނެ ކަމަށާއި އިދިކޮޅުވުމަކީ ސަރުކާރު ވައްޓާލުން ނޫން ކަމަށެވެ. އެއީ އާދައަކަށް ވެއްޖެނަމަ ރާއްޖޭގެ ނިޒާމް އެއްކޮށް ފުނޑިގެން ދާނެ ކަމަށް ޝައިނީ ވިދާޅުވި އެވެ.

"ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުންނެވިޔަސް އެއީ ރައްޔިތުންގެ ވޯޓާއެކު އެ ހިސާބަށް ވަޑައިގެންނެވިފައި އެވަނީ، އެ ދެ ދުވަހުން އެއް ދުވަހުން ވެއްޓޭ ގޮތަށް ވާނަމަ އެއީ ރަނގަޅެއް ނޫން،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވަނީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް ވެސް ނިންމަވާފަ އެވެ. އޭނާ ވާދަ ކުރައްވަނީ ޕީޕީއެމްގެ ޓިކެޓްގައި ހެންވޭރު ހުޅަނގު ދާއިރާއަށެވެ. އެ ދާއިރާއަށް ނުކުންނެވީ އުއްމީދާއެކު ކަމަށް ޝައިނީ ވިދާޅުވި އެވެ.