ހަބަރު

ޔާމީންއާ ދެކޮޅަށް މާދަމާ އެމްޑީޕީ މުޒާހަރާއަށް ނުކުންނަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާ ދެކޮޅަށް އަޑު އުފުލުމަށް މާދަމާ އެމްޑީޕީއިން މުޒާހަރާއަށް ނުކުންނަން ނިންމައިފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ގަވައިދާ ހިލާފަށް މާލީ މުއާމަލާތްތަކެއް ކުރެއްވި ކަމަށް ތުހުމަތުވާ މައްސަލާގެ ތަހުގީގަށް ރައީސް ޔާމީން މާދަމާ މެންދުރުފަހު 2:00 އަށް ފުލުހަށް ހާޒިރުވާން ވަނީ ޗިޓް ފޮނުވާފަ އެވެ.

ޕީޕީއެމްއިން ބުނި ގޮތުގައި ރައީސް ޔާމީން ފުލުހަށް ވަޑައިގަންނަވާނީ ހިންގަވާފަ އެވެ. އެ ވަގުތު އެމަނިކުފާނާއެކު ތިބި ކަމަށް ދެއްކުމަށް ވީހާވެސް ގިނަ ސަޕޯޓަރުން މަގު މައްޗަށް ނުކުތުމަށް އެ ޕާޓީއިން ވަނީ ގޮވާލާފަ އެވެ.

ހަމަ އެގޮތަށް ރައީސް ޔާމީންއާ ދެކޮޅަށް އަޑުއެފުލުމަށް މަގު މައްޗަށް ނުކުތުމަށް އެމްޑީޕީއިން ވަނީ އެ ޕާޓީގެ ސަޕޯޓަރުންނަށް މިރޭ ގޮވާލާފަ އެވެ.

އެމްޑީޕީއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ ރައީސް ޔާމީން ކުރައްވާފައިވާ ވައްކަމުގެ އަމަލުތައް ހަނދާންކޮށް ދިނުމަށް މާދަމާ މެންދުރުފަހު 1:00 އަށް އެމްޑީޕީގެ އޮފީސް ކުރިމައްޗަށް އެއްވުމަށް ސަޕޯޓަރުންނަށް ގޮވާލާ ކަމަށެވެ.