މޯލްޑިވްސް މީޑިއާ ކައުންސިލް، އެމްއެމްސީގެ އާ ދައުރަށް މެންބަރުން މިއަދު އިންތިހާބުކޮށްފި އެވެ. މެންބަރުން އިންތިހާބުކޮށްފައިވަނީ މީޑިއާތަކުގެ މެދުގައި މިއަދު ހޯމް މިނިސްޓްރީގައި ކުރިއަށް ދިޔަ ވޯޓަކުންނެވެ.
އެމްއެމްސީ އެކުލަވިގެން ވަނީ މީޑިއާގެ އަށް މެމްބަރުންނާއި އާންމުންގެ ހަތް މެމްބަރުން އެކުލެވޭ ގޮތަށެވެ. ދައުރަކީ ދެ އަހަރެވެ. މީޑިއާ ތަމްސީލް ކުރާ މެންބަރުންގެ ތެރެއިން ހަތް މެންބަރުންނާއި އާންމުންގެ ހަތް މެންބަރުންގެ ދައުރު މިދިޔަ ބުދަ ދުވަހު ވަނީ ނިމިފަ އެވެ. ދައުރު ނުނިމެނީ ރާއްޖެ ޓީވީގެ އަލީ ޔޫސުފްގެ އެވެ. އޭނާ އެމްއެމްސީއަށް އިންތިހާބުވެފައިވަނީ މިދިޔަ އަހަރު އެވެ.
މިއަދު ވަނީ ހުސްވި މީޑިއާގެ ހަތް މެންބަރުންނާއި އާންމުންގެ ހަތް މެންބަރުން އާ ދައުރަށް އިންތިހާބުކޮށްފަ އެވެ. އިންތިހާބުގައި ވޯޓު ދީފައިވަނީ 95 މީޑިއާއެއްގެ ފަރާތުންނެވެ.
މީޑިއާގެ ފަރާތުން 12 ފަރާތަކުން ވާދަ ކުރި އެވެ. އޭގެތެރެއިން އެންމެ ގިނަ ވޯޓު ހޯދީ ސަން މީޑިއާ ގުރޫޕްގެ އަހުމަދު އާޒިފެވެ. އޭނާއަށް 89 ވޯޓު ލިބިފައިވެ އެވެ. އަށްޑިހަ ހަ ވޯޓާއެކު ދެވަނައަށް ގޮސްފައިވަނީ ވީމީޑިއާގެ ޝިފްޒާ މުސްތަފާ އެވެ.
ދެން ހޮވުނު މެންބަރުންނަކީ 83 ވޯޓާއެކު ޕީއެސްއެމްގެ އަހުމަދު ޖަދުވާން އާއި 82 ވޯޓާއެކު މިދުވަސް އޮންލައިންގެ އަޒްމީ އަލީ އާއި 80 ވޯޓާއެކު ހަފްތާ އޮންލައިންގެ ހިދާޔަތުﷲ އާއި 73 ވޯޓާއެކު ދަ އިސްލާމްގެ އަލީ އަހްސަން އަދި 70 ވޯޓާއެކު ފެންވަރު އޮންލައިންގެ އަލީ ރިފްޝާން އެވެ.
އިންތިހާބުގައި ނާކާމިޔާބުވެފައިވަނީ ހިތާދޫ އޮންލައިންގެ މޫސާ ޒިޔާދާއި މެންދަން އޮންލައިންގެ އަހުމަދު ޖައިޝަން އާއި ތިނަދޫ އޮންލައިންގެ މުހައްމަދު ވަހީދު އަލީ އާއި މިހާރު އޮންލައިންގެ ހަސަން އާމިރަށެވެ.
އާންމުންގެ ފަރާތުން 14 މީހަކު އެމްއެމްސީ މެންބަރު ކަމަށް ވާދަ ކުރި އެވެ. އޭގެ ތެރެއިން އިންތިހާބުވެފައިވަނީ އަބްދުލްލަތީފް އަހުމަދާއި ހިސާން ހަސަން އާއި އަހުމަދު އަމީން މުހައްމަދާއި ފާތުމަތު ސައުޒަން ހުސެއިން އާއި އާތިފް އަބްދުލް ހަކީމާއި ރިފްއަތު ރަޝީދާއި ޝީރީން ނާހިދާ ލަތީފެވެ.