ރިޕޯޓް

ރައީސްގެ އިންޑިއާ ދަތުރު: ދިވެހިންނަށް ލުއިތަކެއް، އުއްމީދުތަކެއް!

ރައިސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަވަށްޓެރި އިންޑިއާއަށް ވަޑައިގަންނަވާނެ އެވެ. ރައީސް ސޯލިހަށް މަރުހަބާ ދެންނެވުމަށް އިންޑިއާ ތައްޔާރުވަމުންދާއިރު ރައީސް ފުރަތަމަ ދަތުރުފުޅުގައި ގައުމު ދޫކުރައްވައި ވަޑައިގަންނަވަނީ އެތައް ގިނަ އުއްމީދުތަކަކާއެކު އެވެ. ދިވެހިންނަށް ލުއިތަކެއް ހޯދައިދެއްވުމުގެ އަޒުމުގަ އެވެ.

ނިމިގެންދިޔަ ސަރުކާރުގެ ބައެއް ސިޔާސަތުގެ ސަބަބުން ހީނަރުވެފައިވާ އިންޑިއާ އާއި ރާއްޖެ ގުޅުން އަލުން ކުރިން އޮތް ގޮތަށް ބަދަހިކުރުމަކީ ރައީސް ސޯލިހުގެ މި ދަތުރުފުޅުގެ އެންމެ ބޮޑު އަމާޒެވެ. ދެ ގައުމުގެ ގުޅުން ހަރުދަނާކޮށް އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މި ދަތުރުފުޅުގައި މަޝްވަރާ ކުރައްވާނެ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ދަތުރުފުޅުގައި ފުރާވަޑައިގެންނެވުމުގެ ކުރިން "އަވަސް"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސްގެ ދަތުރުފުޅާއެކު އިންޑިއާ އާއި ރާއްޖޭގެ ގުޅުން އާ ހަރުފަތްތަކަކަށް އަދި އާ އުދަރެހަކަށް ވާސިލްވާނެ ކަމަށެވެ. ހާއްސަކޮށް ދިވެހިންނަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެ އެއްބަސްވުންތަކެއް ދެ ގައުމުގެ ދެ މެދުގައި ސޮއި ކުރާނެކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ދަތުރުފުޅާއެކު އިންޑިއާ އާއި ރާއްޖޭގެ ގުޅުން އާ ހަރުފަތްތަކަށް އާ އުދަރެހަކަށް ވާސިލް ވެގެން ދާނެ
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

އިންޑިއާގައި ދިވެހިންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ވިސާގެ މައްސަލަ އެވެ. އެކި ސަބަބުތަކާހުރެ ވިސާ ނުލިބުމާއި ވިސާ ލަސްވުން ފަދަ ދަތިތަކެއް އިންޑިއާގައި ދިރިއުޅޭ ދިވެހިން ގެންދަނީ ތަހައްމަލު ކުރަމުންނެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި ދަތުރުފުޅުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެ ދަތިތައް ހައްލުވެ، ވިސާގެ އެތައް ލުއިތަކެއް ލިބިގެންދާނެ އެއްބަސްވުމެއްގައި ސޮއި ކުރާނެ އެވެ.

ރާއްޖެއާއެކު އަލަށް ހަދާ ވިސާ އެއްބަސްވުމަކީ މިހާތަނަށް އިންޑިއާއިން އެހެން އެއްވެސް ގައުމަކަށް ނުދޭހާ ގިނަ ދޫތަކާއި ލުއިތައް ދީފައިވާ އެއްބަސްވުމެއްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ވިސާ އެއްބަސްވުމުގެ ހުލާސާ:

  • ވިޔަފާރި އާއި ޓޫރިޒަމް އަދި ބޭސްފަރުވާ ދަތުރުތަކަށް 90 ދުވަހުގެ ވިސާ
  • ޓޫރިސްޓް ވިސާގައި ހުއްޓައި ކުއްލި ސިއްހީ ހާލަތެއް މެދުވެރިވެއްޖެނަމަ ރާއްޖެ ނައިސް މެޑިކަލް ވިސާއަށް ބަދަލުކުރުން
  • ދިގު މުއްދަތަކަށް ބޭސްކުރަން ޖެހޭ ހާލަތްތަކުގައި ހާލަތަށް ބަލައި ދެ އެހީތެރިންނާއެކު އެއް އަހަރު ދުވަހަށް ވިސާ ދޫކުރުން
  • މަލްޓިޕަލް އެންޓްރީ ސްޓޫޑަންޓް ވިސާ ޖަހައިދިނުން
  • 18 އަހަރުން ދަށުގެ ދަރިވަރުންގެ ބެލެނިވެރިންނަށް ވެސް މަލްޓިޕަލް އެންޓްރީ ވިސާ ދޫކުރާނެ
  • މަތީ ތައުލީމް އުގެނޭ ދަރިވަރުންގެ ދަރިން 18 އަހަރަށްވުރެ ހަގު ނަމަ، އަނބިންނާއި ފިރިންނާއި މައިންބަފައިންނަށް ވެސް ވިސާ ދޫކުރާނެ

ވިސާ އެއްބަސްވުމުގެ އިތުރުން ވެސް އެހެން ބައެއް އެއްބަސްވުންތަކުގައި އިންޑިއާ އާއި ރާއްޖެ ސޮއި ކުރާނެ އެވެ. ނަމަވެސް އެ އެއްބަސްވުންތަކުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު އަސްކަރީ އެއްވެސް އެއްބަސްވުމެއް އޭގެ ތެރޭގައި ނުހިމެނޭ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވަ އެވެ.

އަސްކަރީއާ ގުޅޭ އެއްބަސްވުމެއް ނެތް

ވިސާގެ ބޮޑެތި ލުއިތަކެއް ލިބޭއިރު އޭގެ ބަދަލުގައި އިންޑިއާގެ އަސްކަރިއްޔާއާއެކު "ޑީލްތަކެއް" މި ސަރުކާރުން ހަދަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް އެކަން މިނިސްޓަރު ޝާހިދު ދޮގު ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ރައީސް ސޯލިހުގެ އިންޑިއާ ދަތުރުފުޅުގައި އަސްކަރިއްޔާއާ ގުޅޭ އެއްވެސް އެއްބަސްވުމެއްގައި ސޮއި ނުކުރައްވާނެ އެވެ. އަދި އިންޑިއާގެ އަސްކަރިއްޔާއާ ގުޅުން ބަދަހިކުރުމުގެ އެއްވެސް މަޝްވަރާއެއް ވެސް މި ދަތުރުފުޅުގައި ނުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިފަދަ ވާހަކަތަކަކީ [އިންޑިއާގެ އަސްކަރިއްޔާ ރާއްޖެ ގެންނަ ވާހަކަތަކަކީ] ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަހަތުގައި ހުންނަވައިގެން ފިތުނަ ކުރުމަށް ދައްކަވާ ވާހަކަތަކެއް، އެ ވާހަކަތައް ހުއްޓާލުމަށް ގޮވާލަން،" މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުގައި ދިވެހިންނަށް އިންޑިއާގައި ގިނަ އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި އެހެންވެ އެ އުނދަގޫތައް ދެން ވެސް ހައްލުވެ، ލުއިތަކެއް ލިބުމަށް އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށެވެ. އަދި އެހެންވެ ފިތުނަ އުފެދޭ ފަދަ ވާހަކަތައް ދައްކަވަނީކަން ފާހަގަ ކުރެއްވި އެވެ.

މި ސަރުކާރުން ބޭނުން ވަނީ ކުރީގެ ސަރުކާރުގައި ދިވެހިންނަށް އިންޑިއާގައި ލިބުނު ހިތްދަތިކަން ފިލުވާލައި، ދިވެހިންނަށް އިންޑިއާގެ ހުރިހާ ވަސީލަތްތަކެއް އެންމެ ފުރިހަމައަށް ބޭނުން ކުރެވޭނެ ގޮތް ހެދުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ކުރީ ސަރުކާރުގައި ބައެއް ދަރިވަރުންގެ ބެލެނިވެރިންނަށް ވިސާއެއް ނުލިބުނު، ވިސާގެ ހިތްދަތިކަން އެ އާއިލާތަކުން ތަހައްމަލުކުރި، ހުރިހާ މީހުންނަކީ ދަރިން ސިންގަޕޫރަށް ފޮނުވުމުގެ ކުޅަދާނަކަން ހުރި ބައެއް ނޫން، އެންމެ ކައިރިން މިއޮތީ އިންޑިއާ، އެންމެ ގިނަ ދިވެހިން އުޅެނީ ވެސް އިންޑިއާގަ، އެހެންވެ އިންޑިއާގެ ހުރިހާ ވަސީލަތެއް ދިވެހިންނަށް ފުރިހަމަ ގޮތުގައި ލިބެން ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ސޯލިހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާގެ ރައީސް އަދި ނައިބު ރައީސްއާ ބައްދަލު ކުރައްވާނެ އެވެ. އޭގެ އިތުރުން އިންޑިއާގައި ދިރިއުޅޭ ދިވެހިންނާއި އިންޑިއާގެ ވިޔަފާރިވެރިންނާ ވެސް ރައީސް ސޯލިހު ބައްދަލު ކުރައްވާނެ އެވެ.

މި ދަތުރުފުޅުގައި ރައީސް ސޯލިހުގެ ވަފުދުގައި ކެބިނެޓްގެ ގިނަ މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.