ހަބަރު

ރައީސް ސޯލިހު އިންޑިއާއަށް ވަޑައިގެންފި

ނިއު ދިއްލީއިން: ނާޒިމް ހަސަން
Dec 16, 2018
1

ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާގެ ދިއްލީއަށް މިއަދު ވަޑައިގެންފި އެވެ.

ހާއްސަ ފްލައިޓެއްގައި ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދު މިއަދު ދިއްލީއަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ އިންޑިއާގެ ހެޑް އޮފް އެއާ ސްޓޭޝަން އާއި ފޮރިން ސެކްރެޓްރީ އެވެ.

ރައީސް ސޯލިހަށް މަރުހަބާ ދެންނެވުމުގެ ގޮތުން އިންޑިއާގެ ގުޗުރާތުގެ ސަގާފީ ނެށުމެއް ވެސް އެ ސަރަހައްދުގައި ދައްކާލާފައިވެ އެވެ. މޮޓޯކޭޓްގައި ރައީސް މިހާރު ވަނީ އެމަނިކުފާނު މި ދަތުރުފުޅުގައި މަޑުކުރަން ހަމަޖެހިފައިވާ އިންޑިއާގެ ރިޔާސީ ގަނޑުވަރު، ރާސްތްރަޕަތީ ބަވަންއަށް ވަޑައިގެންފަ އެވެ.

ރައީސް ސޯލިހާއެކު މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ޔޫސުފާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ބައިވެރިވެވަޑައިގަންނަވަ އެވެ.

ދަތުރުފުޅުގެ ރަސްމީ ހަރަކާތްތައް ކުރިއަށް ދާނީ މާދަމާ އެވެ. މާދަމާ އިންޑިއާއެކު މުހިންމު އެއްބަސްވުންތަކެއްގައި ރާއްޖެ ސޮއި ކުރާނެ އެވެ. އޭގެ ތެރޭގައި ވިސާއަށް ބޮޑެތި ލުއިތަކެއް ލިބޭ އެއްބަސްވުމެއް ހިމެނެ އެވެ.

މިއަދު ހަވީރު ރައީސް ސޯލިހުގެ ދެކަނބަލުން އިންޑިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވާނެ އެވެ. އަދި މިރޭ އިންޑިއާގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ރައީސްގެ މި ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެކެވެ.