ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓްތައް އިތުރުވުމަކީ އަދި ތަރައްގީއެއް ނޫން ކަމަށާއި އުމްރާނީ އަދި އިންސާނީ ވަސީލަތް ތަރައްގީވުން މުހިންމު ކަމަށް، ގައުމީ އެއާލައިން މޯލްޑިވިއަންގެ އާ އެމްޑީ، މުހައްމަދު ރިޒްވީ ވިދާޅުވެއްޖެ އެވެ.
"އަވަސް"އަށް ދެއްވި އިންޓަވިއެއްގައި ރިޒްވީ ވިދާޅުވީ މޯލްޑިވިއަންގެ ފްލައިޓްތައް މިދިޔަ ދުވަސްތަކުގައި އިތުރުވެފައިވީ ނަމަވެސް ކުންފުނީގެ ތަރައްގީއަށް ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ކުރެވިފައި ނެތް ކަމަށެވެ. ހާއްސަގޮތެއްގައި ކުންފުނީގެ އިންފްރާސްޓްރަކްޗާ އާއި މުވައްޒަފުންގެ ކަންކަމުގައި އެކަށީގެންވާ މިންވަރެއްގައި އަޅާލެވިފައި ނެތް ކަމަށް ރިޒްވީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ކުންފުނީގެ އެންމެ ބޮޑު އެއް ރައުސްމާލަކީ މުވައްޒަފުން އެވެ. މުވައްޒަފުންގެ މަސައްކަތުގެ މާހައުލުވެސް ރަނގަޅު ކުރެވެން އަންނަނީ އިންފްރާސްޓްރަކްޗާއަށް އިންވެސްޓްކޮށްގެން ކަމަށް ވެސް ރިޒްވީ ވިދާޅުވި އެވެ.
"ފްލީޓް އިތުރު ކުރެވިދާނެ. އެކަމަކު އެއީ އަދި ހަގީގީ ތަރައްގީ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ކުންފުނީގެ އިންފްރާސްޓްރަކްޗާއަށް ވެސް އިންވެސްޓް ކުރަން އެބަޖެހޭ. މުވައްޒަފުންގެ ކަންކަމަށް ވެސް އެބަ ޖެހޭ އިންވެސްޓް ކުރަން. މިތަނަށް ބޮޑު ފައިދާއެއް ލިބިގެން ދިޔައިރު އެކަން އޮތީ ނުކުރެވި،" ރިޒްވީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މޯލްޑިވިއަންއަށް ހާއްސަކޮށްގެން އާ އޮފީސް އިމާރާތެއް ގާއިމްކުރުމާއި އެއާޕޯޓްގައި ވެސް މޯލްޑިވިއަންއަށް ލިބިފައިވާ ބިންތައް މިހާރަށް ވުރެ ރަނގަޅަށް ބޭނުން ކުރެވޭ ގޮތަށް ތަރައްގީ ކުރުމަކީ އެ އެއާލައިންގެ އަމާޒެއް ކަމަށެވެ. ރިޒްވީ ވިދާޅުވި ގޮތުގައި ދިވެހި ޕައިލެޓުންނަށް ވީހާ ވެސް ބޮޑަކަށް ފުރުސަތު ދިނުމުގެ ގޮތުން، އަލަށް ޕައިލެޓުންގެ ގޮތުގައި މޯލްޑިވިއަންއަށް ވަންނަ ފަރާތްތަކުގެ އަތުން ނަގަމުން އަންނަ ޑިޕޮސިޓް ފައިސާ ނުނަގަން ވަނީ ނިންމައިފަ އެވެ. އޭގެ ބަދަލުގައި ފަސްއަހަރުގެ ބޮންޑެއް ދިނުމަށް ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން މުވައްޒަފުންނަށް ލިބެމުން އަންނަ އިނާޔާތްތަކާއި އެޗްއާރު ޕޮލިސީވެސް ރަނގަޅު ކުރަން ނިންމާފައިވާ ކަމަށް ރިޒްވީ ވިދާޅުވި އެވެ.
"މިތަނުގައި މިއުޅެނީ ޓެކްނިކަލް މުވައްޒަފުންތަކެއް. އަދި މިއީ ޓެކްނިކަލް މަސައްކަތްތަކެއް ކުރާ ކުންފުންޏެއް. އެހެން ވީމާ ކުންފުނީގެ ވަރަށް ބޮޑު ރައުސްމާލެއް މިއީ މިތަނުގެ މުވައްޒަފުން. އަޅުގަނޑު މަސައްކަތް ކުރާނަން މިއީ މުވައްޒަފުން މަސައްކަތް ކުރަން ރަނގަޅު މާހައުލެއް މިތަނުގައި ދިރުވަން،" ރިޒްވީ ވިދާޅުވި އެވެ.