ހަބަރު

އިންޑިއާއިން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ ކްރިޑިޓް ފެސިލިޓީއެއް ދޭން އެއްބަސްވެއްޖެ

ނިއު ދިއްލީއިން: ނާޒިމް ހަސަން
Dec 17, 2018
9

އިންޑިއާއިން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ ކްރިޑިޓް ފެސިލިޓީއެއް ދިނުމަށް ނިންމާފައިވާ ކަމަށް، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު އިއުލާން ކުރައްވައިފި އެވެ. އޭނާ އެކަން އިއުލާން ކުރެއްވީ ރާއްޖެ-އިންޑިއާޔާ ދެމެދު ބޭއްވި ރަސްމީ ވާހަކަތަކަށް ފަހު ދެ ލީޑަރުން ދެއްވި ސްޓޭޓްމަންޓްގަ އެވެ.

އޭގެ ތަފްސީލް މޯދީ ވިދާޅެއް ނުވެ އެވެ. ނަމަވެސް އެ ބައްދަލުވުމަށްފަހު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވި އިންޓަވިއުއެއްގައި ވަނީ އޭގެ ތަފްސީލް ދެއްވާފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ބަޖެޓް ސަޕޯޓްގެ ގޮތުގައި 200 މިލިއަން ޑޮލަރު ދޭން ވަނީ ނިންމާފަ އެވެ. އޭގެ ތެރެއިން 50 މިލިއިން ޑޮލަރަކީ ހިލޭ އެހީ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ލައިން އޮފް ކްރެޑިޓްގެ ގޮތުގައި 800 މިލިއަން ޑޮލަރު ދޭން ނިންމާފައިވާއިރު އޭގެ އިންޓްރެސްޓް ރޭޓަކީ 1.5 ޕަސެންޓެވެ. އޭގެއިތުރުން 400 މިލިއަން ޑޮލަރު ވަނީ ކަރެންސީ ސްވެޕްގެ ގޮތުގައި ދޭން ނިންމާފަ އެވެ.

މޯދީ ވިދާޅުވީ، އިންޑިއާގެ ޔުނިވަސިޓީތަކުން ކިޔެވުމުގެ 1،000 ފުރުސަތު ދިވެހިންނަށް ފަހިކޮށްދޭން ނިންމާފައިވާ ކަމަށެވެ. ރާއްޖެ-އިންޑިއާޔާ ދެމެދު ވަނީ މިއަދު ހަތަރު އެއްބަވުމެއްގައި ވެސް ސޮއިކޮށްފަ އެވެ. ވިސާ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސޮއި ކުރައްވާފައިވާއިރު އިންޑިއާގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުސްމާ ސުވަރާޖެވެ.

ރަސްމީ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ސަރަހައްދީ ރައްކާތެރިކަން ގާއިމުކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ގުޅިގެން ކަނޑުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ބަލާ ފާސްކޮށް މައުލޫމާތު ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި، ޓެރަރިޒަމް ނައްތާލުމަށް އެކުގައި މަސައްކަތް ކުރުމަށާއި، ހިއުމަން ޓްރެފިކިން ހުއްޓުވުމަށާއި، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް އެކުގައި މަސައްކަތްކުރުމަށް ދެ ގައުމުން ނިންމަވާފައިވާ ކަމަށް ދެ ބޭފުޅުން ހާމަކުރެއްވި އެވެ.

މީގެއިތުރުން ދެ ގައުމުގެ ދެމެދު ސިއްހީ ދާއިރާއިންނާއި، ގާނޫނީ ދާއިރާއިންނާއި، ވިޔަފާރި ކުރިއެރުވުމުގެ ދާއިރާއިންނާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ދާއިރާއިން އެކަށައެޅުމަށް ދެ ގައުމުގެ ސަރުކާރުން ވަނީ ނިންމާފަ އެވެ.