އދ. ގެ މުހިންމު ދެ ވޯޓެއްގައި ރާއްޖެއިން އިންޑިއާއަށް ތާއީދު ކުރާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.
މި ޔަގީންކަން ރައީސް ސޯލިހު ދެއްވީ މިއަދު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވާފަ އެވެ.
ރަސްމީ މަޝްވަރާތަކަށްފަހު ރައީސް ސޯލިހު ދެއްވި މީޑިއާ ސްޓޭޓްމެންޓްގައި ވިދާޅުވީ، ދެ ގައުމުން އެއްބަސްވާ ބައިނަލްއަގްވާމީ ކަންކަމުގައި އެއް ގައުމު އަނެއް ގައުމަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
އެގޮތުން، ރައީސް ސޯލިހު ވިދާޅުވީ އެކްސްޕޭޑެންޓް އެންޑް ރީފޯމް ޔޫއެން ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެންބަރަކަށް އިންޑިއާ ހެދުމަށް ރާއްޖެއިން ތާއިދު ކުރާނެ ކަމަށެވެ. އަދި، އެ ކައުންސިލްގެ ދާއިމީ ނޫން މެންބަރެއްގެ ގޮތުގައި 2020 އާއި 2021 ވަނަ އަހަރުގެ ދައުރަށް ވެސް ރާއްޖެއިން އިންޑިއާއަށް ތާއިދު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެކުރިން ރާއްޖެއިން ވެސް އެ ކައުންސިލަށް ވާދަ ކުރި އެވެ. ނަމަވެސް އިންޑޮނޭޝިއާ ވާދަކޮށް ވަނީ ބަލިވެފަ އެވެ.
މޯދީ ވެސް ވަނީ ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅެން ނިންމާފައިވާތީ މަރުހަބާ ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަމުގައި ރާއްޖެއިން ދޭންޖެހޭ ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް އިންޑިއާއިން ދޭނެ އެވެ.
ރަސްމީ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ސަރަހައްދީ ރައްކާތެރިކަން ގާއިމުކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ގުޅިގެން ކަނޑުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ބަލާ ފާސްކޮށް މައުލޫމާތު ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި، ޓެރަރިޒަމް ނައްތާލުމަށް އެކުގައި މަސައްކަތް ކުރުމަށާއި، ހިއުމަން ޓްރެފިކިން ހުއްޓުވުމަށާއި، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް އެކުގައި މަސައްކަތްކުރުމަށް ދެ ގައުމުން ނިންމަވާފައިވާ ކަމަށް ދެ ބޭފުޅުން ހާމަކުރެއްވި އެވެ.
މީގެއިތުރުން ދެ ގައުމުގެ ދެމެދު ސިއްހީ ދާއިރާއިންނާއި، ގާނޫނީ ދާއިރާއިންނާއި، ވިޔަފާރި ކުރިއެރުވުމުގެ ދާއިރާއިންނާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ދާއިރާއިން އެކަށައެޅުމަށް ދެ ގައުމުގެ ސަރުކާރުން ވަނީ ނިންމާފަ އެވެ.
އިންޑިއާ އާއި ރާއްޖެއާއި ދެމެދުގައި ގާއިމު ކޮށްފައިވާ ދަތުރުފަތުރު ކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް ފަހި ކުރުމަށް ވެސް މަޝްވަރާކޮށްފައިވެ އެވެ. އެކަކީ ހިދުމަތްތާއި މުދާ ބަދަލުކުރުމުގައާއި ސަގާފަތާއި ހިޔާލު ބަދަލުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެކަމެއް ކަމަށް މޯދީ ވިދާޅުވި އެވެ.