ހަބަރު

ކަނޑުގެ ސަލާމަތަށް އިންޑިއާ، ރާއްޖެ ގުޅުން ވަރުގަދަކުރާނެ: މޯދީ

ނިއު ދިއްލީއިން: ނާޒިމް ހަސަން
Dec 17, 2018
2

އިންޑިއާގެ ކަނޑުގެ ސަލާމަތަށްޓަކައި ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުންތައް ބަދަހިކުރަންޖެހޭ ކަމަށާއި އެކަމުގައި އަމަލު ކުރާނީ ދެ ގައުމަށް ވެސް ފައިދާވާ ގޮތަށް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލު ކުރެއްވުމަށްފަހު މީޑިއާއަށް ދެއްވި ސްޓޭޓްމެންޓްގައި މޯދީ ވިދާޅުވީ ރައީސް ސޯލިހުގެ ކާމިޔާބީއަކީ އިންޑިއާއިން ވެސް އުފާކުރާ ކާމިޔާބީއެއް ކަމަށެވެ. އެ ކާމިޔާބީ ރައީސް ސޯލިހަށް ހޯއްދެވުނީ އެމަނިކުފާނުގެ ހިކުމަތްތެރިކަމުގެ ސަބަބުން ކަމަށް ވެސް ވިދާޅުވި އެވެ.

"ރައީސް ސޯލިހާއެކު ގުޅިގެން މަސައްކަތް ކުރަން މިހުރީ ތައްޔާރަށް، ދެ ގައުމަށާއި ރައްޔިތުންނަށް ފައިދާވާ ގޮތަށް ގުޅުން ދަމަހައްޓާނަން،" ހިންދީ ބަހުން ދެއްވި ސްޓޭޓްމެންޓްގައި މޯދީ ވިދާޅުވި އެވެ.

ބޮޑު ވަޒީރު މޯދީ ވިދާޅުވި ގޮތުގައި އިންޑިއާ ކަނޑުގެ ސަލާމަތަށްޓަކައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން މިހާރަށް ވުރެ ބަދަހިކުރަންޖެހެ އެވެ. ދެ ގައުމުގެ ރައްކާތެރިކަމާއި ސަލާމަތް ވަނީ ގުޅިފައި ކަމަށާއި އެހެންކަމުން އެއް ގައުމުން އަނެއް ގައުމުގެ ކަންބޮޑުވުންތަކާއި ހިޔާލުތަކަށް ބަލަންޖެހޭނެ ކަމަށެވެ.

"އިންޑިއާއަށް ނޫނީ ރާއްޖެއަށް ގެއްލުންވާ ފަދަ ކަމެއްގައި ދެ ގައުމުން ކުރެ އެއް ގައުމެއްގެ ބޭނުން ވެސް އެހެން ބަޔަކަށް ކުރެވިގެން ނުވާނެ، މި ގުޅުމަކީ ދެ ގައުމުގެ ހަމަހަމަ އަދި ބާރާބަރަށް ހިއްސާވާ ގުޅުމެއް،" މޯދީ ވިދާޅުވި އެވެ.

ސްމީ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ސަރަހައްދީ ރައްކާތެރިކަން ގާއިމުކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ގުޅިގެން ކަނޑުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ބަލާ ފާސްކޮށް މައުލޫމާތު ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި، ޓެރަރިޒަމް ނައްތާލުމަށް އެކުގައި މަސައްކަތް ކުރުމަށާއި، ހިއުމަން ޓްރެފިކިން ހުއްޓުވުމަށާއި، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް އެކުގައި މަސައްކަތްކުރުމަށް ދެ ގައުމުން ނިންމަވާފައިވާ ކަމަށް ދެ ބޭފުޅުން ހާމަކުރެއްވި އެވެ.

މީގެއިތުރުން ދެ ގައުމުގެ ދެމެދު ސިއްހީ ދާއިރާއިންނާއި، ގާނޫނީ ދާއިރާއިންނާއި، ވިޔަފާރި ކުރިއެރުވުމުގެ ދާއިރާއިންނާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ދާއިރާއިން އެކަށައެޅުމަށް ދެ ގައުމުގެ ސަރުކާރުން ވަނީ ނިންމާފަ އެވެ.

އިންޑިއާ އާއި ރާއްޖެއާއި ދެމެދުގައި ގާއިމު ކޮށްފައިވާ ދަތުރުފަތުރު ކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް ފަހި ކުރުމަށް ވެސް މަޝްވަރާކޮށްފައިވެ އެވެ. އެކަކީ ހިދުމަތްތާއި މުދާ ބަދަލުކުރުމުގައާއި ސަގާފަތާއި ހިޔާލު ބަދަލުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެކަމެއް ކަމަށް މޯދީ ވިދާޅުވި އެވެ.