ހަބަރު

އިންޑިއާގެ ކްރިޑިޓް ފެސިލިޓީއިން ދަރަނި ބޮޑެއް ނުވާނެ: މިނިސްޓަރު

ނިއު ދިއްލީއިން: ނާޒިމް ހަސަން
Dec 17, 2018
17

އިންޑިއާއިން ދޭން އެއްބަސްވި، 1.4 ބިލިއަން ޑޮލަރުގެ ކްރިޑިޓް ފެސިލިޓީގެ ސަބަބުން، ރާއްޖޭގެ ދަރަނި ބޮޑުވެގެން ނުދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާއިން މާލީ އެހީ ދިނުމަށް މިއަދު އެ ގައުމާ އެކު ސޮއިކުރި އެއްބަސްވުންތަކުގެ ތަފްސީލް މީޑިއާއަށް ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، އިންޑިއާއިން ދޭން އެއްބަސްވި، 1.4 ބިލިއަން ޑޮލަރަކީ ދަރަންޏެއް ނޫން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ދެ ގައުމުގެ ސެންޓްރަލް ބޭންކާ ދެމެދު ހަދާފައިވާ ކަރަންސީ ސްވަޕްގެ އެއްބަސްވުން 200 މިލިއަން ޑޮލަރުން 400 މިލިއަން ޑޮލަރަށް އިތުރު ކުރުމާއި ރާއްޖޭގައި ހިންގާ އިގްތިސާދީ މަޝްރޫއުތަކަށް އިންޑިއާގެ އެކްޒިމް ބޭންކުން ދޭ، 800 މިލިއަން ޑޮލަރުގެ ކްރިޑް ލައިނެއް ކަމަށެވެ.

މި ލައިން އޮފް ކްރެޑިޓުގެ ތެރެއިން ނަގާ ލޯނުގެ އިންޓަރެސްޓް ރޭޓަކީ 1.5 ޕަސެންޓް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން، މިނިސްޓަރު އަމީރު ވިދާޅުވީ، އިންޑިއާއިން ދޭ 21 ބިލިއަން ރުފިޔާގެ ތެރޭގައި ސަރުކާރުގެ ބަޖެޓް ސަޕޯޓަށް ބޭނުންވާ 200 މިލިއަން ޑޮލަރު ހިމެނޭ ކަމަށެވެ. އަދި އޭގެ ތެރެއިން، 50 މިލިއަން ޑޮލަރަކީ ހިލޭ އެހީކަމަށް
ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ފައިސާ ހަމަޖެހުމުން މިއަހަރުގެ ބަޖެޓްގައި ބޮންޑް ވިއްކަން ހިމަނާފައި އޮތް އޮތުން މަޑުޖައްސާލާނެ އެވެ.