ހަބަރު

މަރުވި ކުއްޖާގެ ހަށިގަނޑާއެކު އާއިލާ ރާއްޖެއިން ފުރައިފި

ސިމެންތި ބަސްތާއެއް ދަށުވެ މަރުވި، އުމުރުން ހަތް އަހަރުގެ ބަންގްލަދޭޝްއަށް ނިސްބަތްވާ ރޯޝަން ޖިއަންގެ ހަށިގަނޑާ އެކު އޭނާގެ އާއިލާއިން މިއަދު ރާއްޖެއިން ފުރައިފި އެވެ.

މ. ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާ އިން ޖެހިގެން ލިބުނު އަނިޔާތަކާއެކު މިއަދު މެންދުރު މަރުވި ޖިއާންގެ ހަށިގަނޑާ އެކު އާއިލާއިން ބަންގްލަދޭޝްއަށް ފުރީ، މިރޭ 9:30 ހާއިރު އެވެ. އެކަން ޖިއަންގެ އާއިލާ މެންބަރަކު ވަނީ "އަވަސް"އަށް ކަށަވަރުކޮށްދީފަ އެވެ.

ޖިއަންއަކީ ފ. އަތޮޅު ރަށެއްގައި ދިރިއުޅެމުން އަންނަ ކުއްޖެކެވެ. އެ ކުއްޖާގެ މަންމައަކީ އެ އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރެކެވެ. ޖިއަން މާލެ އައީ އާއިލާއާއެކު ސްކޫލް ޗުއްޓީ އަކަށެވެ. ނަމަވެސް މާފަންނު ގަނޑިބުރު ކައިރީ ހުރި، ނަލަހިޔާ މަންޒިލް ކައިރިން އެ ކުއްޖާ ހިނގާފައި ދަނިކޮށް ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި، ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް މަރުވީ މިއަދު މެންދުރު 12:00 ހާއިރު އެވެ.

އެކަމާ ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ ހާދިސާއާ ގުޅިގެން މާލޭގައި އިމާރާތް ކުރުމުގެ ހުއްދަތަށް ވަނީ ވަގުތީ ގޮތުން ހިފަހައްޓައިފަ އެވެ. އަދި އިމާރާތް ކުރުމުގެ ސަލާމަތަށް ގިނަަ ފިޔަވަޅުތަކެއް މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން ވަނީ އަޅަން ފަށައިފަ އެވެ. އެ މައްސަލަ ފުލުހުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.