ބަންގްލަދޭޝްގައި މީގެ ފަސް އަހަރު ކުރިން މަރުވި ދިވެހި މޮޑެލް، ރައުދާ އާތިފްގެ މަރުގެ މައްސަލަ ތަހުގީގުކުރަން ރާޖްޝާހީ ކޯޓުން ފުލުހުންނަށް އިއްޔެ އަމުރުކޮށްފި އެވެ.
ރާޖްޝާހީ ސިޓީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގެ ޑޯމިޓަރީގައި ރައުދާ ދިރިއުޅުނު ކޮޓަރީގައި އޭނާ މަރުވެފައި އޮއްވައި ފެނުނީ 2017 ވަނަ އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ.
އޭނާގެ މަރުގެ މައްސަލައާ ގުޅިގެން އެކި ފަހަރު މަތިން ބަންގްލަދޭޝް ފުލުހުން އެ މައްސަލަ ތަހުގީގުކޮށް، އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދި އެވެ. ކޮންމެ ފަހަރަކު ވެސް ފުލުހުން ކަނޑައަޅާފައިވަނީ ރައުދާ މަރުވީ އަމިއްލައަށް ކަމަށެވެ.
ނަމަވެސް އެކަން ގަބޫލު ނުކޮށް އޭނާގެ މަރަކީ ގަތުލެއްގެ ގޮތުގައި ތަހުގީގުކޮށްދޭން އެދުނީ އޭނާގެ ބައްޕަ މުހައްމަދު އާތިފެވެ. ރައުދާގެ މަރާ މެދު ބަންގްލަދޭޝް ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ތައްޔާރުކޮށް ރާޖްޝާހީ މެޓްރޮޕޮލިޓޭން މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ފައިނަލް ރިޕޯޓާ ވެސް އާތިފު ވަނީ ދެކޮޅު ހަދާފަ އެވެ.
ރައުދާގެ މައްސަލަ ތަހުގީގުކޮށް މަރުކޮމިޝަނުން ވެސް ކަނޑައަޅާފައި ވަނީ އޭނާ މަރުވެފައި ވަނީ އަމިއްލައަށް ކަމަށެވެ. ކޮމިޝަނުން ފޮނުވި ރިޕޯޓު ވެސް އާތިފް ބަލައިގަނެފައެއް ނުވެ އެވެ.
އާތިފްގެ ވަކީލް، އަސްލަމް ސަރްކަރް އާއި ހަވާލާދީ ބަންގްލަދޭޝްގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާޖްޝާހީ ކޯޓުން އިއްޔެ އަމުރުކޮށްފައި ވަނީ އެ މައްސަލަ އެސިސްޓެންޓް ސުޕްރިޓެންޑެންޓް ޕޮލިސް (އޭއެސްޕީ) އޮފިސަރަކާއި ހަވާލުކޮށްގެން އަލުން އެ މައްސަލަ ތަހުގީގު ކުރުމަށެވެ. ހަވަނަ ފަހަރަށް މި މައްސަލަ ތަހުގީގުކުރުމަށް އަންގާފައިވާ އަމުރުގެ ކޮޕީ ރާޖްޝާހީގެ ފުލުހުންނަށް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
ރައުދާގެ މަރާ ގުޅިގެން އޭނާއާއެކު ދިރިއުޅެމުން ދިޔަ އެހެން ދަރިވަރަކަށް ތުހުމަތުކުރި އެވެ. އެކަމަކު ރައުދާގެ މަރާ ގުޅިގެން ތުހުމަތު ކުރެވުނު ދަރިވަރުގެ ކުށެއް ނެތް ކަމަށް ބަންގްލަދޭޝްގެ ސީއައިޑީ އިން ކަނޑައަޅާފައިވެ އެވެ. އަދި ރައުދާ އަމިއްލައަށް މަރުވީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާކާ ވަކިވުމުން އުފެދުނު ހިތްހަމަ ނުޖެހުމަކާ ގުޅިގެން ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.