ދުނިޔެ

އިންޑިއާގެ ފައްޅިން ދިން ބަތުން މަނާ ކުރަން އަންގާފައިވާ ޒަހަރެއް ފެނިއްޖެ

Dec 19, 2018
4

ކަރުނާޓުކާ (ޑިސެމްބަރު 18) - މިދިޔަ ހަފުތާގައި، އިންޑިއާގެ ފައްޅިއަކުން ދިން ބަތް ކައިގެން 15 މީހަކު މަރުވެފައިވާއިރު، އެބަތުގައި ސޫފާސޫފި މަރަން ބޭނުންކުރާ ނުރައްކާތެރި ޒަހަރެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ ޒަހަރަކީ، މީގެ 10 އަހަރު ކުރިން އިންޑިއާ އިން މަނާ ކުރަން އދ. އިން އަންގާފައިވާ ޒަހަރެއް ކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެ އެވެ.

އިންޑިއާގެ ކަރުނާޓުކާ ސްޓޭޓުގެ ދެކުނުގައި ހުންނަ ފައްޅިއަކުން ބެހި ޓޮމާޓޯ ބަތް ކައިގެން މިހާތަނަށް 15 މީހުން މަރުވެފައިވާއިރު، އިތުރު 100 މީހުން ހޮސްޕިޓަލުގައި އެޑްމިޓުކޮށްފަ އެވެ.

"އަހަރެމެން މި ތަހުގީގު ކުރަނީ އެކަން ހިނގަން މެދުވެރިވިގޮތް ހޯދަން، ގަސްތުގައި ބަޔަކު ކުރިކަމެއް ކަމަށް ވެސް ބަލައިގެން ތަހުގީގު ކުރަނީ، މިހާރު ވެސް އެކަމާއި ގުޅިގެން ބަޔަކު ހައްޔަރުކޮށް އެ މީހުންނާއި ސުވާލު ކުރަމުން މިދަނީ،" އެ ސަރަހައްދުގެ ފުލުހުންގެ ސުޕްރިންޑެންޓަންޓް ދަރުމެންދުރަ ކުމާރު މީނާ ވިދާޅުވި އެވެ.

އެ ޒަހަރަކީ 2013 ވަނަ ބިހާރު ސްޓޭޓުގައި ހުންނަ ސްކޫލެއްގައި 23 ކުދިން މަރުވި ހާދިސާގައި ފެނިފައިވާ ޒަހަރު ކަމަށްވެ އެވެ. އެ ސްކޫލުގައި އެ ހާދިސާ ހިނގަން މެދުވެރިވީ، ކުރިން ޒަހަރު އަޅާފައިހުރި ފުޅިއަކަށް އަޅާފައިހުރި ކައްކާ ތެޔޮ ބޭނުން ކޮށްގެން އެކުދިންނަށް ކާނާ ތައްޔާރު ކުރުމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު އެޗު އޯ އިން ބުނާ ގޮތުން، އެ ޒަހަރުގެ އެންމެ 120 މިލިގްރާމް ކެވުނަސް އިންސާނެއްގެ ފުރާނައަށް ނުރައްކާވާނެ އެވެ. އެއީ އެންމެ ފަސް ބަތް ފުށުގެ ބަރުދަނެވެ.

އދ. އިން 2009 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ވަނީ އެ ޒަހަރު މަނާކުރަން އިންޑިއާއަށް ލަފާދީފަ އެވެ. އެ ޒަހަރަކީ އެމެރިކާ، ޔޫރަޕު އަދި ބައެއް އޭޝިޔާ ގައުމުތައް ހިމެނޭގޮތަށް ޖުމަލް 46 ގައުމެއްގައި އެތެރުކުރުން މަނާކޮށްފައިވާ ޒަހަރެކެވެ.

ނަމަވެސް، އިންޑިއާ ސަރުކާރުން ބުނީ، އެ ޒަހަރަކީ ދަނޑުވެރިންނަށް ވަރަށް ބޭނުންތެރި ޒަހަރެއް ކަމަށާއި، ސަބަބަކީ ބާޒާރުގައި ލިބެންހުރި އެފަދަ އެހެން ޒަހަރުތަކަށް ވުރެ އަގު ހެޔޮވުމެވެ.