ހަބަރު

ރައީސް ސޯލިހު ދެން ވަޑައިގަންނަވާނީ ޔޫއޭއީއަށް

އަންނަ އަހަރުގެ ކުރީކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޔުނައިޑެޓް އަރަބި އެމިރޭޓްސް، ޔޫއޭއީއަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ. އެއީ އެމަނިކުފާނުގެ ދަވަނަ ރަސްމީ ދަތުރުފުޅެވެ.

އިންޑިއާއަށް ރައީސް ސޯލިހު ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސްގެ ދެވަނަ ދަތުރުފުޅަކީ ޔޫއޭއީގެ ވެރިރަށް އަބޫދާބީއަށް ކުރައްވާ ދަތުރުފުޅު ކަމަށެވެ.

އެ ދަތުރުފުޅު ރައީސް ކުރައްވާނީ މި ފެށޭ އަހަރުގެ ކުރީ ކޮޅު ކަމަށާއި އޭގެ ތަފްސީލްތައް ފަހުން ހާމަ ކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ރާއްޖެއާ ރަހުމަތްތެރި، ގައުމުތަކާއެކު ހަރުދަނާ ގުޅުންތަކެއް ގާއިމް ކުރަން މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. އެ ގައުމުތަކުގެ ގޮތުގައި ސައުދި އަރަބިއްޔާ، އިންޑިއާ އަދި ޔޫއޭއީ ޝާހިދު ފާހަގަ ކުރެއްވި އެވެ.

މި ސަރުކާރަކީ ދޭދޭ ގައުމުތައް ތޮޅުވުމަށް މަސައްކަތް ކުރާނެ ސަރުކާރެއް ނޫން ކަމަށާއި ރައީސްގެ ދަތުރުފުޅުގައި އިންޑިއާއެކު ވަރަށް ބޮޑަށް ގުޅުން ބަދަހިވެފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ރާއްޖެ އާއި ޗައިނާއާ ދެމެދުގެ ގުޅުމަށް ބުރޫ ނާރާނެ ކަމަށެވެ.

ޗައިނާއަކީ ވެސް ރާއްޖެއަށް އެތައް ގުނަ އެހީތަކެއްވެފައިވާ ގައުމެއް ކަމަށާއި އެ ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް ދެމިގެން ދާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.