ހަބަރު

ޗައިނާ އޮންނާނީ ގާތް ގައުމެއްގެ ގޮތުގައި: މިނިސްޓަރު

އިންޑިއާޔާ އެކު ބަދަހިކުރާ ގުޅުމުގެ ސަބަބުން ރާއްޖެ އާއި ޗައިނާގެ ގުޅުމަށް އަސަރު ނުކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އިންޑިއާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުން ވަނީ ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދީފަ އެވެ. އޭގެއިތުރުން އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރަން ވަނީ އެއްބަސްވެފަ އެވެ.

އޭގެ ސަބަބުން ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމަށް ބުރޫ އަރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ގޮވާލަމުން އެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓަރު ޝާހިދު އިންޑިއާގައި ހުންނަވާ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޗައިނާއަކީ ރާއްޖެއަށް ވަރަށް ގިނަ ދީލަތި އެހީތަކެއް ވެދީފައިވާ ގައުމެއް ކަމަށާއި ޗައިނާ އަބަދުވެސް އޮންނާނީ ގާތް ރަހުމަތްތެރި ގައުމެއްގެ ގޮތުގައި ކަމަށެވެ.

"އަޅުގަނޑުމެންނަކީ އެއް ގައުމު އަނެއް ގައުމާ ދެމެދު ދޭތެރެ ޖައްސާ ތޮޅުވުމަށް މަސައްކަތް ކުރާނެ ބައެއް ނޫން، އަޅުގަނޑުމެންނަކީ ހުރިހާ ގައުމަކާއެކު ވެސް ރަހުމަތްތެރި ކަމުގެ ގުޅުން ބަދަހިކުރަމުން ގެންދާނެ ގައުމެއް،" ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ނިމިގެންދިޔަ ސަރުކާރުގެ މާލީ އުސޫލުތައް ގޯސްކަމުން ގިނަ ގޮންޖެހުންތަކެއް ރާއްޖެއަށް ކުރިމަތިވެފައިވާ ކަމަށެވެ. އިންޓްރެސްޓް ބޮޑުކޮށް ގިނަ ލޯނުތަކެއް ވެސް ވަނީ ނަގާފަ އެވެ. އޭގެ ތެރޭގައި ގިނައީ ޗައިނާއިން ނަގާފައިވާ ލޯނެވެ.

އިންޑިއާއިން ވަނީ އެ ގޮންޖެހުންތައް ހައްލުކުރުމަށް ބޭނުންވާ މާލީ އެހީ ވަރަށް ދީލަތި ގޮތެއްގައި ދީފައިވާ ކަމަށް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވި އެވެ.

އިންޑިއާއިން ރާއްޖެއަށް ދީފައި ވަނީ، 1.5 ބިލިއަން ޑޮލަރުގެ ކްރިޑިޓް ފެސިލިޓީއެކެވެ. އޭގެ ތެރޭގައި ހިމެނެނީ، ދެ ގައުމުގެ މަރުކަޒީ ބޭންކްގެ ދެމެދުގައި ކަރަންސީ ސްވޮޕް ކުރުމަށް ދީފައިވާ ލިމިޓް 200 މިލިއަން ޑޮލަރުން 400 މިލިއަން ޑޮލަރަށް އިތުރުކުރުމާއި ރާއްޖޭގައި ހިންގާ އުމްރާނީ މަޝްރޫއުތަކަށް އިންޑިއާގެ އެގްޒިމް ބޭންކުން 800 މިލިއަން ޑޮލަރުގެ ލޯނު ހަމަޖައްސައިދިނުމެވެ. މީގެ އިތުރުން، ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ދޭއިރު އޭގެތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭއެހީ އެވެ.