އަންހެނުންގެ ހައްގުތައް ކަށަވަރުކޮށް ހަމަހަމަކަން ގާއިމު ކުރަން ހުރަސް އަޅާ ނުފޫޒުތަކާ ދެކޮޅަށް ތެދުވާން ޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝިދާތާ މިހެން ވިދާޅުވީ "ކޮންވެންޝަން އޮން ދި އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އަގައިންސްޓް ވިމެން" ނުވަތަ ސީޑޯއިން އދ. އަށް ހުށަހަޅާ ހަ ވަނަ ރިޕޯޓު ވެލިޑޭޓް ކުރަން ގުޅުންހުރި ދާއިރާތަކުން ބާއްވާ ބައްދަލުވުން އިފުތިތާހުކޮށް ދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
މާލޭގެ ޗަންޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކަމަނާ ވިދާޅުވީ ތަފާތު ކުރުމުގެ ވިސްނުމެއް މުޖުތަމައުގައި އަދިވެސް ގެންގުޅޭ ކަމަށާއި، އެފަދަ ކަންކަން ހައްލު ކުރުމަކީ ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.
![](https://images-01.avas.mv/post/big_j6a7wu5vXeenoszesV2zqlfP1.jpg)
ޕީރިއަޑިކް ރިޕޯޓު ހުށަހެޅުމަށް ލިބޭ މުއްދަތަކީ ކަންކަން ދެނެގަނެ، މިހާރު ގާއިމުކޮށްފައިވާ ނިޒާމާއި ހިދުމަތްތައް ހަރުދަނާ ކުރުމަށް ދައުލަތުގެ އިދާރާތަކަށް ލިބިގެންދާ ފުރުސަތެއް ކަމަށް ވެސް އެކަމަނާ މިއަދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ވެލިޑޭޝަން ބައްދަލުވުމުގެ ސަބަބުން މިހާރު އެކުލަވައިލައިފައިވާ ރިޕޯޓަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ސީޑޯގެ ސެކްޓޯރަލް ކޮމިޓީގައި މިނިސްޓްރީތައް ތަމްސީލުކުރާ ބޭފުޅުންނާއި، މިނިސްޓްރީތަކުގެ ޖެންޑާ ފޯކަލް ޕޮއިންޓަކުގެ އިތުރުން އދ. ގެ އެކިއެކި އޭޖެންސީތަކާއި، ޖަމިއްޔާތައް ހިމެނޭ ގޮތަށް 72 ފަރާތެއް ބައިވެރި ވެއެވެ