ހަބަރު

އިންޑިއާގެ އެހީއިން ޗައިނާގެ ދަރަނި ނުދައްކާނަން: ރައީސް

ނިމިގެން ދިޔަ ސަރުކާރުން ޗައިނާއިން ނަގާފައިވާ ލޯނުތައް ދެއްކުމަށް އިންޑިއާއިން ދިން އެހީގެ ބޭނުން ނުހިއްޕަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާއަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުން ވަނީ ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފައިނޭންސްއެއް ދޭން އެއްބަސްވެފަ އެވެ. އޭގެ ތެރޭގައި ހިލޭ އެހީ ވެސް ހިމެނެ އެވެ. ޗައިނާއިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގިނަ ލޯނުތަކެއް ނަގާފައިވާއިރު އެ ގައުމަށް އޮތް ދަރަނީގެ އަދަދު 1.4 ބިލިއަން ޑޮލަރަށް ވަނީ އަރާފަ އެވެ. އެ ލޯނުތަކަކީ އިންޓްރެސްޓް ރޭޓް ބޮޑު ލޯނުތަކެވެ. ނަމަވެސް އިންޑިއާއިން އެހީ ދީފައިވަނީ އިންޓްރެސްޓް ވަރަށް ކުޑަކޮށެެވެ.

ދަތުރުފުޅާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ އިންޑިއާއިން ލިބުނު އެހީގެ މަގުސަދަކީ ޗައިނާއިން ނަގާފައިވާ ލޯނުތައް ދެއްކުން ނޫން ކަމަށެވެ.

"އަޅުގަނޑުމެން ޗައިނާ ސަރުކާރާއެކީގަ ވާހަކަ ދައްކަމުން އެބަދަން، އެ ބޭފުޅުން ތިބީ މިހާރު ވެސް ދޫކޮށްފައިވާ ލޯނުތަކާއި އެމްއޯޔޫތަކާ ގުޅިގެން އެކީގައި މަސައްކަތްކޮށް އެއަށް ރަނގަޅު ގޮތް ހޯދައިދިނުމަށް، އަޅުގަނޑަކަށް ނުފެނޭ ޗައިނާއާއެކީގަ މިއޮތް ގުޅުމަށް ހުރަސް އެޅޭ ތަނެއް ވެސް އަދި ޗައިނާއިން ފަށާފައިމިވާ މަސައްކަތްތައް ވެސް ބުރުލެއް އަންނާނެ ކަމެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އިންޑިއާގެ އެހީގެ އިންޑިއާއިން ދޭން އެއްބަސްވި، 1.4 ބިލިއަން ޑޮލަރަކީ ދަރަންޏެއް ނޫން ކަމަށާއި އޭގެ ސަބަބުން ރާއްޖެ ދަރަނިވެރިނުވާނެ އެވެ. އެ އެހީގެ ތެރޭގައި ހިމެނެނީ، ދެ ގައުމުގެ ސެންޓްރަލް ބޭންކާ ދެމެދު ހަދާފައިވާ ކަރަންސީ ސްވަޕްގެ އެއްބަސްވުން 200 މިލިއަން ޑޮލަރުން 400 މިލިއަން ޑޮލަރަށް އިތުރު ކުރުމާއި ރާއްޖޭގައި ހިންގާ އިގްތިސާދީ މަޝްރޫއުތަކަށް އިންޑިއާގެ އެކްޒިމް ބޭންކުން ދޭ، 800 މިލިއަން ޑޮލަރުގެ ކްރިޑް ލައިނެކެވެ.

މި ލައިން އޮފް ކްރެޑިޓުގެ ތެރެއިން ނަގާ ލޯނުގެ އިންޓަރެސްޓް ރޭޓަކީ 1.5 ޕަސެންޓެވެ. މީގެ އިތުރުން، ރައީސް ވިދާޅުވީ، އިންޑިއާއިން ދޭ 21 ބިލިއަން ރުފިޔާގެ ތެރޭގައި ސަރުކާރުގެ ބަޖެޓް ސަޕޯޓަށް ބޭނުންވާ 200 މިލިއަން ޑޮލަރު ހިމެނޭ ކަމަށެވެ. އަދި އޭގެ ތެރެއިން، 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ ކަމަށެވެ.

އިންޑިއާ ދަތުރުފުޅުގައި ވަނީ ހަތަރު އެއްބަސްވުމެއްގައި ސޮއި ކުރައްވާފަ އެވެ. ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި އިންޑިއާއެކުވީ އެއްވެސް އެއްބަސްވުމެއްގައި ވެސް އެފަދަ ކަމެއް ނޯންނާނެ ކަމަށެވެ. އިންޑިއާއަކީ ރާއްޖޭގެ ހާލަތު އެނގޭ ގާތް ގައުމެއް ކަމަށާއި އެ ގައުމުން ދީފައިވާ އެހީއަކީ ވެސް އެެގޮތުގެ މަތިން ދީފައިވާ އެހީއެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

އިންޑިއާގެ ދަތުރުފުޅުގައި ވިސާގެ ބޮޑެތި ލުއިތަކެއް ދިންކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އިންޑިއާގެ ރައްޔިތުންނަށް ވެސް ދެން ރާއްޖެއިން ވިސާގެ ދަތިތަކާ ކުރިމަތިނުވާނެ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާ ރައްޔިތުންނަށް ރާއްޖެއިން ވިސާ ހޯދުމަށް ދިމާވާ ދަތިތައް ހައްލު ކުރައްވަން އެއްބަސްވެފައިވާނެ ކަމަށެވެ.

"ވިސާގެ ލުއި ފަސޭހަ އިންޑިއާ ރައްޔިތުންނަށް ލިބިގެންދާނެ، އެ ނޫން އެހެން ކަމެއް ރާއްޖެއިން އިންޑިއާއަށް ކޮށް ދިނުމަށް އެއްބަސްވެފައެއް ނޯންނާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.