ހަބަރު

ޗައިނާގެ ބޮޑު އެއްބަސްވުމެއްގެ ތަފްސީލެއް ނެތް

ޗައިނާ ސަރުކާރާއެކު، ނިމިގެން ދިޔަ ސަރުކާރުން ވެފައިވާ ބޮޑު އެއްބަސްވުމެއްގެ ތަފްސީލްތައް މި ސަރުކާރަށް އަދި ލިބިފައިނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޗައިނާއަށް ވަޑައިގެން ވެވަޑައިގެންނެވި ބޮޑު އެއްބަސްވުމުގެ ތަފްސީލް އެމަނިކުފާނަށް އަދި ލިބިވަޑައިގެންފައިނުވާ ކަމަށެވެ.

"އޭގެ ތަފްސީލްތަކެއް އަޅުގަނޑުމެންނަކަށް ނޭނގެ، އެ އެގްރިމެންޓް މި ހޯދަނީ، އަޅުގަނޑު ގަބޫލު ކުރާ ހިތެއް ނުވޭ ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާފަދަ ކަމެއް ރައީސް ޔާމީންގެ ސަރުކާރުން ވެސް ކޮށްފައި އޮންނާނެ ކަމަކަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ޔާމީން ޗައިނާއަށް ވަޑައިގެން ބޮޑު ދެ އެއްބަސްވުމެއްގައި ސޮއި ކުރެއްވި އެވެ. އެއީ މިނިވަން ވިޔަފާރި އެއްބަސްވުމާއި ވިފާރީގެ ރޮނގުން މުޅި ދުނިޔެއާއި ޗައިނާ ގުޅުވައިލުމަށް ހިންގާ ބިޔަ މަޝްރޫއެއް ކަމަށްވާ "ދަ ސިލްކް ރޯޑް އިކޮނޮމިކް ބެލްޓް އެންޑް ދަ ޓުވެންޓީ ފަސްޓް ސެންޗުރީ މެރިޓައިމް ސިލްކް ރޯޑް" މަޝްރޫއަށް އެއްބާރުލުން ދިނުމަށް ވެފައިވާ އެއްބަސްވުމެވެ. އޭގެ ތެރެއިން މިނިވަން ވިޔަފާރި އެއްބަސްވުމަކީ ރައްޔިތުންގެ މަޖިލީހުން ރުހުންދީގެން ބައިވެރިވި އެއްބަސްވުމެކެވެ.

މިނިވަން ވިޔަފާރި އެއްބަސްވުމުގެ ތަފްސީލްތައް މީގެކުރިން ހާމަވެފައިވީ ނަމަވެސް މިހާތަނަށް ސިލްކް ރޯޑް އެއްބަސްވުމާ ގުޅޭ އެއްބަސްވުމުގެ އެއްވެސް ތަފްސީލެއް ތިލަވެފައެއް ނުވެ އެވެ.

ރައީސް ސޯލިހު ވިދާޅުވީ، ޗައިނާއާއެކު ވެސް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެ ގައުމުން ރާއްޖޭގައި ފަށާފައިވާ އެއްވެސް މަސައްކަތްތައް ނުހުއްޓޭނެ ކަމަށެވެ.

"އަޅުގަނޑުމެން ޗައިނާ ސަރުކާރާއެކީގަ ވާހަކަ ދައްކަމުން އެބަދަން، އެ ބޭފުޅުން ތިބީ މިހާރު ވެސް ދޫކޮށްފައިވާ ލޯނުތަކާއި އެމްއޯޔޫތަކާ ގުޅިގެން އެކީގައި މަސައްކަތްކޮށް އެއަށް ރަނގަޅު ގޮތް ހޯދައިދިނުމަށް، އަޅުގަނޑަކަށް ނުފެނޭ ޗައިނާއާއެކީގަ މިއޮތް ގުޅުމަށް ހުރަސް އެޅޭ ތަނެއް ވެސް އަދި ޗައިނާއިން ފަށާފައިމިވާ މަސައްކަތްތައް ވެސް ބުރުލެއް އަންނާނެ ކަމެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ޗައިނާއިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގިނަ ލޯނުތަކެއް ނަގާފައިވާއިރު އެ ގައުމަށް އޮތް ދަރަނީގެ އަދަދު 1.4 ބިލިއަން ޑޮލަރަށް ވަނީ އަރާފަ އެވެ. އެ ލޯނުތަކަކީ އިންޓްރެސްޓް ރޭޓް ބޮޑު ލޯނުތަކެވެ.