ހަބަރު

މަޖިލީހާ ގުޅޭ ގޮތުން ހަތަރު ލީޑަރުން މާދަމާ ރައީސްއާ ބައްދަލުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ގޮތުން ކޯލިޝަންގެ ހަތަރު ލީޑަރުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ބައްދަލު ކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.

މީގެކުރިން އެމްޑީޕީ އޮފީހުގައި ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހިމާއި ރައީސް މައުމޫން އަބްދުލްގައްޔޫމާއި އިމްރާން އަބްދުﷲ މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ. ނަމަވެސް އެ ބައްދަލުވުން ނިންމަވާލެއްވީ ނަތީޖާއަކަށް ހަމަ ނުގޮހެވެ.

އޭގެފަހުން އެމްޑީޕީއިން ވަނީ 87 ދާއިރާއަށް ނުކުންނަން ނިންމާފަ އެވެ. އެގޮތަށް ނިންމީ ރައީސް ސޯލިހު ބައިވެރިވެވަޑައިނުގަންނަވާ ގައުމީ މަޖިލީހުގެ ޖަލްސާއެއްގަ އެވެ. ކޯލިޝަންގެ އަނެއް ތިން ޕާޓީއިން ގެންދަނީ އެއީ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް ބުނަމުންނެވެ.

ކޯލިޝަންގެ މެދުގައި މަޖިލީހުގެ ގޮނޑިތައް ބަހާނެ ގޮތަށް އެއްބަސްވެފައިވާނެ ކަމަށް އެ ޕާޓީތަކުން ބުނެ އެވެ. ނަމަވެސް ރައީސް ސޯލިހުގެ ތަރުޖަމާނު ވެސް ވަނީ ހަތަރު ލީޑަރުންގެ އެއްބަސްވުމެއް އެކަމުގައި ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ކޯލިޝަނާ ދޭތެރޭގައި ޔަގީންކަން އެބަ އޮތް ކަމަށާއި ކޯލިޝަންގެ އެއްބާރުލުން އެމަނިކުފާނަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"މި ސަރުކާރު ދެމި އޮންނާނީ ކޯލިޝަން ސަރުކާރެއްގެ ގޮތުގައި، އަޅުގަނޑު ރައްޔިތުން އިންތިހާބުކުރި ގޮތް ވަރަށް ސާފު، އެގޮތުގައި އަޅުގަނޑު ދެމިހުންނާނީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބާއި ދެން ހުރި އެހެން ކަންކަމާމެދު ގޮތްތަކެއް ނިންމުމަށް މާދަމާ ހަތަރު ލީޑަރުން ބައްދަލު ކުރައްވާނެ ކަމަަށާއި އޭގެ ފަހުން ބައްދަލުވުމުގެ މައުލޫމާތު މީޑިއާއަށް ހާމަ ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.