ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ބަންޑާރަ ނައިބު އޮފީހާ ހަވާލުވި ވައުދުތަކުގެ ތެރެއިން ފަސް ވައުދެއް ފުއްދައިފި އެވެ. އެ އޮފީހަށް ޖުމްލަ 12 ވައުދެއް 100 ދުވަހުގެ ތެރޭގައި ފުއްދަން ޖެހެ އެވެ.
ވައުދުތައް ފުއްދާ މިންވަރު ހާމަކުރުމަށް މިއަދު ބަންޑާރަ ނައިބު އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ވަކި މީހަކަށް މަންފާއެއް ހޯދުމަށް ބަދަލުކޮށް ފާސްކޮށްފައިވާ ގާނޫނުތައް ބަލައި މުރާޖައާ ކުރަން މިހާރު ވަނީ ފަށާފަ އެވެ. އެކަން ހަތް ދުވަސް ތެރޭގައި ފެށަން ޖެހެ އެވެ.
ދިވެހި ދައުލަތް ދަރަނިވެރިވެ ގައުމުގެ ސިޔާދަތަށް ގެއްލުންވާނެ އުސޫލުން ނަގާފައިވާ ލޯނުތަކާއި ކޮންޓްރެކްޓްތައް އަލުން ރީނެގޯޝިއޭޓް ކުރަން ވެސް ފުރަތަމަ ހަތް ދުވަސް ތެރޭގައި ފަށާފައިވާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެއިތުރުން ރިޝްވަތު ހިފާ މީހާއަށް އެއްވަރަށް ރިޝްވަތު ދޭ މީހާއަށް ވެސް ކުށްވެރިވާ ގޮތަށް ގާނޫނުލްއުގޫބާތު ބަދަލުކުރަން ބިލެއް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ފޮނުވާފަ އެވެ. އެއީ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކުރުމަށް ވައުދުވެފައިވާ ކަމެކެވެ.
ވިސްލް ބްލޮވާ ޕްރޮޓެކްޝަން ބިލެއް 60 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަންޖެހޭއިރު ބަންޑާރަ ނައިބު އޮފީހުން އެ ބިލް ވެސް ތައްޔާރުކޮށް މިހާރު ވަނީ މަޖިލީހަށް ފޮނުވާފަ އެވެ. ހަމަ އެގޮތަށް ނުހައްގު މުއްސަނދިކަން ހުއްޓުވުމުގެ ބިލް ވެސް ވަނީ ތައްޔާރުކޮށް ނިންމާފަ އެވެ.
މީގެ އިތުރުން، އެ ވައުދުތަކާ ގުޅިގެން އަލަށް އެކުލަވާލަންޖެހޭ ގާނޫނުތަކާއި، އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން
އިސްލާހު ގެންނަންޖެހޭ ގާނޫނުތައް ފާހަގަކޮށް، ކަމާގުޅޭ ބިލުތައް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ނިންމެވުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ފުރިހަމަކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި ކަމާގުޅޭ ބިލުތައް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.
އެގޮތުން މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން އިސްލާހު ގެންނަންޖެހޭ 11 ގާނޫނެއް މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން 10 ބިލެއްގެ ދެލިކޮޕީ މިހާރު ވަނީ އެކުލަވާލައި ނިމި، ބައެއް ބިލު
ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅާ ނިމިފަ ކަމަށް ބަންޑާރަ ނައިބު އޮފީހުން ބުންޏެވެ. އަދި މުޅިން އަލަށް އެކުލަވާލަންޖެހޭ ފަސް ގާނޫނަކާ ގުޅޭ ބިލު އެކުލަވާލަން އޮތްއިރު، އޭގެ ތެރެއިން އެއް ބިލު މިހާރު ވަނީ މަސައްކަތް ނިމި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، ދެ ބިލެއް އެކުލަވާލުމުގެ ފަހު މަރުހަލާގައިވާއިރު، ދެން އޮތް ދެ ބިލު އެކުލަވާލުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް ބަންޑާރަ ނައިބު އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނެފައިވާ ގޮތުން ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ހާސިލް ކުރުމަށް ޖުމްލަ 16 ބިލެއް ހަދަންޖެހެ އެވެ.