ހަބަރު

"ސްކޫލް ނާސްތާގެ ރައްކާތެރިކަން ޔަގީން ކުރާނަން"

ދިރާސީ އާ އަހަރުގެ ކިޔެވުމާއެކު ސްކޫލްތަކުގެ ދަރިވަރުންނަށް ދެވޭ ނާސްތާ ޕްރޮގްރާމުގައި ހިމެނޭ ކާނާ އަކީ ރައްކާތެރިކާނާތޯ ޔަގީން ކުރައްވާނެ ކަމަށާއި އެންމެ އިސްކަން ދެއްވާނީ ވެސް އެކަމަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމާގުޅޭ ގޮތުން ބެލެނިވެރިންނާއި އާއްމުންގެ ހިޔާލު ހޯދަން ރޭ އަމީނިއްޔާ ސްކޫލުގައި ބޭއްވި ފޯރަމަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސްކޫލު ކުދިންނަށް ދޭ ނާސްތާގެ މެނޫ ތައްޔާރު ކުރާނީ މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ހެލްތީ ފުޑް ގައިޑަކުން ކަމަށެވެ. އަދި އެ ފުޑް ގައިޑަކީ ޔުނިސެފްގެ އެހީގައި ތައްޔާރުކޮށްފައިވާ ގައިޑެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަނާ އަދި ވިދާޅުވީ އަންނަ ޖަނަވަރީ މަހު ޝާއިއު ކުރާ އެ ފުޑް ގައިޑުގައި ހެނދުނުގެ ނާސްތާގެ އިތުރުން، އެހެން ވަގުތުތަކުގެ ކެއުންތައް ނަގާނެ ގޮތް ވެސް ހިމަނާފައިވާނެ ކަމަށެވެ.

ރޭ ބޭއްވި ފޯރަމްގައި ކުދިންގެ ނާސްތާއަކީ ރަނގަޅަށް މޮނީޓާ ކޮށް ސާފުތާހިރު ކަންމަތީ ދެވޭނެ ތަކެތި ކަން ދެމެހެއްޓުމަށް މިނިސްޓްރީއިން އަޅާނެ ފިޔަވަޅަކީ ކޮބައިތޯ ވަރަށް ގިނަ ބެލެނިވެރިން ވަނީ ސުވާލު ކޮށްފަ އެވެ. އަދި ލަހުން ކެވޭ ކުދިންނަށް ވަގުތު ދިނުމުގައި ސްކޫލުތަކުން އަމަލު ކުރާނެ ގޮތަކީ ކޮބައިތޯ އާއި އެލާޖީ ފަދަ މައްސަލަތައް ހުންނަ ކުދިންނަށް ކުރިމަތިވާނެ އުނދަގޫ ތަކަށް އަމަލު ކުރައްވާނީ ކިހިނެއްތޯ ވެސް ސުވާލުކޮށްފައި ވެއެވެ.

އެ ސުވާލު ތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ ސްކޫލު ކުދިންނަށް ދެވޭ ނާސްތާއަކީ ރައްކާތެރި ކާނާއަށް ހަދައި އެގޮތުގައި އެކަން ދެމެހެއްޓުން ކަމަށެވެ. އަދި ނާސްތާ ދޭނީ ސްކޫލުގެ ގަޑިތައް ފެށުމުގެ ކުރިން ކަމުން، އެކަން އިންތިޒާމް ކުރަން ސްކޫލުތަކަށް ދޫކޮށްލާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ އެލާޖީ ފަދަ މައްސަލަތައް ހުންނަ ކުދިންނަށް ވަކި ހާއްސަ މެނޫއެއް ތައްޔާރުކުރެވި ބެލެނިވެރިންނާ ހިއްސާ ކުރުމަށްފަހުގައި ނޫނީ ނުދޭނެ ކަމަށެވެ.

ރާވާފައި އޮތީ ސްކޫލަށް ދަރިވަރު ދިއުމާއެކު ނާސްތާ ދޭން. ދަރިވަރުން ކިޔަވާ ވަގުތަކުން ބައެއް އެކަމަކަށް ނުނަގާނަން. މިކަން އަޅުގަނޑުމެން މި ދޫކޮށްލަނީ ސްކޫލުން އިންތިޒާމް ކުރަން. އެހެންވީމަ ކިޔެވުން ފެށުމުގެ ކުރިން ނާސްތާގެ ކަންތައްތައް ހަމަޖެހިގެންދާނެ،
ޑރ. އައިޝަތު އަލީ | އެޑިއުކޭޝަން މިނިސްޓަރު

"ރާވާފައި މިއޮތީ ސްކޫލަށް [ދަރިވަރު] ދިއުމާއެކު ނާސްތާ ދިނުމަށް. އެކަމަކު ދަރިވަރުން ކިޔަވާ ވަގުތަކުން ވަގުތެއް [އެކަމަކަށް] ނުނަގާނަން. އެހެންވީމަ، މިކަން އަޅުގަނޑުމެން މި ދޫކޮށްލަނީ ސްކޫލުން އިންތިޒާމް ކުރަން. އެހެންވީމަ ކިޔެވުން ފެށުމުގެ ކުރިން ނާސްތާގެ ކަންތައްތައް ހަމަޖެހިގެންދާނެ. އަދި އެލާޖީއާއި އެކި އެއްޗެހި ނުކެވޭ ކުދިންނަށް އަޅުގަނޑުމެން ހާއްސަަ މެނޫތަކެއް ހަދާނަން. އެކުދިންގެ ޑައެޓަރީ ރިކްއާމަންޓަށް ބަލާފައި ތަޖުރިބާކާރުންގެ އެހީއާއެކު ހާއްސަ މެނޫއެއް ތައްޔާރު ކުރާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ރޭ ވިދާޅުވީ މި ޕްރޮގްރާމުގައި ކޭޓަރިންގެ ހިދުމަތްދޭ ފަރާތްތަކުގެ އިތުރުން ރަށު ފެންވަރުގައި ޕީޓީއޭ މެދުވެރިކޮށް ވެސް ބައިވެރިވެވޭނެ ކަމަށާއި ބައިވެރިވާ ކަމުގައިވާނަމަ ކާނާ ތައްޔާރުކުރާ ބަދިގެ އަކީ މިނިސްޓްރީއިން ގަބޫލު ކުރާ ފެންވަރުގެ ސާފުތާހިރު ތަނަކަށް ވާންޖެހޭނެ ކަމަށެވެ.

ނާސްތާ ޕްރޮގްރާމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. ޕްރޮގްރާމްގައި 25 ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ފަށާއިރު، 2020 ވަނަ އަހަރުން ފެށިގެން ހުރިހާ ސްކޫލެއްގައި މި ޕްރޮގްރާމް ހިންގަން ވަނީ ނިންމާފަ އެވެ.