ހަބަރު

ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި އަމުރު އިސްތިއުނާފުކުރަން ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް ކުރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތުން ހުށަހަޅުއްވައިފި އެވެ.

ކުރިމިނަލް ކޯޓުގައި ފުލުހުން އެދިގެން ނެރުނު އަމުރުގެ ދަށުން ފްރީޒް ކުރި ރައީސް ޔާމީންގެ އެކައުންޓްތަކުގައި 100 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެކައުންޓްތައް ފްރީޒް ކުރި ފަހުން ރައީސް ޔާމީނާ ސުވާލުކުރުމަށް ފުލުހަށް ވެސް ވަނީ ހާޒިރުކޮށްފަ އެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކޮށްފައިވަނީ ރިޔާސީ ކެމްޕޭނަށް ލިބުނު ފައިސާ އެމަނިކުފާނުގެ ނަމުގައި ހުރި އެކައުންޓަކަށް ޖަމާވެފައިވާތީ އާއި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުން ހުރި އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައި ވާތީ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނުގެ ވަކީލް އާޒިމާ ޝަކޫރު ވިދާޅުވީ އެކައުންޓްތައް ފްރީޒް ކޮށްފައިވަނީ ސިޔާސީ ބޭނުމެއްގައި ކަމަށާއި އެކަމުގައި ގާނޫނީ މައްސަލަތަކެއް ވެސް އެބަހުރި ކަމަށެވެ. އެހެންވެ އެ މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާނެ ކަމަށާއި ރައީސް ޔާމީންގެ ފަރާތުން އެ މައްސަލާގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ހެކިތަކަށް ބަލާއިރު އެ މައްސަލަ ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އާޒިމާ ވިދާޅުވި އެވެ.

ނަމަވެސް އެ މައްސަލާގައި ފާހަގަކޮށްފައިވާ ގާނޫނީ ނުކުތާތަކުގެ ތަފްސީލެއް ކޯޓުގައި އޮތް މައްސަލައަކަށްވާތީ އާޒިމާ ވިދާޅެއް ނުވެ އެވެ. އާޒިމާ ވިދާޅުވީ ފާހަގަކޮށްފައިވާނީ އެ މައްސަލާގައި ޖިނާއީ އިޖުރާއަތްތަކާ ހިލާފަށް އަމަލުކޮށްފައިވާ ނުކުތާތަކެއް ކަމަށެވެ.

އާޒިމާ ވިދާޅުވި ގޮތުގައި އެކައުންޓްތައް ފްރީޒް ކުރި ކަމެއް އަދި ރަސްމީކޮށް ރައީސް ޔާމީނަށް ނާންގާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްއެެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުގައި ހަމައެކަނި ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށާއި އެކަމުން ދޭހަވަނީ އެއީ ސިޔާސީ މަގުސަދެއްގަ ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށް އާޒިމާ ވިދާޅުވި އެވެ.

"އެތައް ބައެއްގެ އެކައުންޓަށް ފައިސާ ޖަމާވިކަން އެހެރީ ލިސްޓުން އެނގެން، އެކަމަކު ފައިސާއާ ގުޅިގެން ހަމައެކަނި ސުވާލު މިކުރީ ރައީސް ޔާމީންއާ، އެމްއެމްޕީއާރްސީގެ ފައިސާ 100 އެތައް މީހުނެއްގެ އެކައުންޓްގަ ހުރި ކަމަށް ވަންޏާ ރައީސް ޔާމީން އެކައުންޓް ފްރީޒް ކުރަން ހުށަހެޅި ސަބަބަކީ އެ ފައިސާ ބޭނުން ކޮށްގެން އެހެން މުއާމަލާތްތައް ކުރުމުގެ ފުރުސަތު އޮތް ކަމަށް ވެގެން ފްރީޒް ކުރާ ކަމަށް ވަންޏާ އެ ހަމަ އޮންނާނެ އެންމެންނަށް ވެސް، އެ އޮންނާނީ އެންމެ މީހަކަށް ނޫން،" އާޒިމާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އެކައުންޓަށް ފައިސާތަކެއް ޖަމާކުރި މައްސަލައަކީ އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއިން ތަހުގީގު ކުރި މައްސަލައެއް ކަމަށާއި އޭރު ވެސް އެމަނިކުފާނު ތަހުގީގަށް އެއްބާރުލުން ދެއްވި ކަމަށް އާޒިމާ ވިދާޅުވި އެވެ. މައްސަލާގައި ބަޔާން ދެއްވައި ފައިސާ އޭސީސީގެ ބެލުމުގެ ދަށުގައި ބެހެއްޓެވިކަން ވެސް ފާހަގަ ކުރެއްވި އެވެ. އެހެންކަމުން ކުއްލިއަކަށް އެ މައްސަލަ އަލުން ނަގައިގެން އުޅުމަކީ ސިޔާސީ ގޮތުން ކުރާ ކަމެއްކަން އާޒިމާ ތަކުރާރުކޮށް ފާހަގަ ކުރެއްވި އެވެ.