ރިޕޯޓް

ރިސޯޓުތަކުގެ ދިވެހި ނަން ގެއްލިއްޖެ!

ހުޅުމާލެއާ ޖެހިގެން އެ އޮތީ ފުލްމޫން ރިސޯޓެވެ. ދެން، މާލެއާ އެންމެ ކައިރިން އެ ފެންނަނީ ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓު ކަމަށްވާ ކުރުނބާ މޯލްޑިވްސް އެވެ. ދެން އެ އޮތީ ޕެރަޑައިސް އައިލެންޑް ރިސޯޓު އެންޑް ސްޕާ އެވެ. ޓޫރިޒަމަށް 45 އަހަރު ވެގެންދާއިރު ރާއްޖޭގެ ގިނަ ރިސޯޓުތައް މަޝްހޫރުވެފައި އޮތީ ރިސޯޓު ހިންގަން ފެށުމަށް ފަހު ކިޔަން ފަށާ ނަމުންނެވެ. އެކަމަކު ކޮންމެ ރަށަކީ ވެސް ހާއްސަ ދިވެހި ރީތި ނަމެއް ކިޔާ ރަށެވެ. ނަމަވެސް ރިސޯޓު ހުޅުވުމާއެކު އެ ރަށް ނިސްބަތްވާ ރަށުގެ ނަން ދޫކޮށްލަ އެވެ. އެ ނަން ދެން އޮންނަނީ ހަމައެކަނި ކަރުދާހުގަ އެވެ. އެހެންވެ މިހާރު ފެންނަ މަންޒަރަކީ ރާއްޖޭގެ ގިނަ ރިސޯޓުތައް ހަދާފައިވާ ރަށްރަށުގެ އަސްލު ދިވެހިނަން "ގެއްލިގެން" ދާ މަންޒަވެ. ގިނަ މީހުންނަށް އެރަށްރަށަށް ކިޔާ ދިވެހި ނަމެއް މިހާރަކު ނޭނގެ އެވެ.

"ރަށަށް ކިޔާ އަސްލު ނަން އެބަޖެހޭ އެނގެން. އެހެންނޫނީއްޔާ ހަގީގަތުގައި ރާއްޖެއަށް ޖިއޮގްރެފިކް ގޮތުން ވެސް ގެއްލުން ތަކެއްވެއޭ ބުނެވި ދާނެ،" ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި ކަމަށްވާ ކެޕިޓަލް ކުންފުނީގެ ވެރިޔާ ޔޫސުފު ރިފްއަތު ވިދާޅުވި އެވެ.

"ލެއްގި" ގިނަ ނަންތައް މިހާރު މާފަރި ތަ!

ރާއްޖޭގައި މިހާރު 140 ރިސޯޓެއް ހިންގަމުންދެ އެވެ. މި ރިސޯޓުތައް ހިންގާ ގިނަ ރަށްތަކަށް ދިވެހިން ކުރިންސުރެ ރީތި ނަން ތަކެއް ކިޔަ އެވެ. އެ ނަންތައް ދީފައި ހުންނަނީ ވެސް އެ ރަށުގެ ސިފަތަކާ ވެސް ގުޅުވައިގެންނެވެ. މިސާލެއްގެ ގޮތުން ލަންކަންފިނޮޅު (ޕެރަޑައިސް އައިލެންޑް) އެވެ. ވިހަމަނާފުށި (ކުރުނބާ މޯލްޑިވްސް) ފުނަމައުއްޑު އާ (ރޮބިންސަން ކްލަބް) ދެވަނަ ފުށި (ޖުމެއިރާ) ފުރަނަ ފުށި (ފުލް މޫން)، އަކިރިފުށި (އޯ ބްލޫ ސިލެކްޓް އެޓް ސަންގެލި ރިސޯޓް) އަލުވި ފުށި (ސަން އަކުއާ އިރު ވެލި) ފަދަ ގިނަ ރަށް ތަކެއް ހިމެނެ އެވެ. ސުވާލަކީ ދިވެހިން މި ރަށްތަކަށް ކިޔައި އުޅުނު ރީތި ނަންތަން ހުއްޓައި އެހެން ނަން ތަކެއް ކިއުމުން މައްސަލަ އަކަށް ވަނީ ކީއްވެގެން ހެއްޔެވެ ؟

ރިސޯޓުތައް ހިންގާ ރަށްރަށުގައި ބޭނުންކުރާ ދިވެހި ނަންތައް ނުކިޔާ މައްސަލައިގައި ސޯޝަލް މީޑިއާގައި ވެސް މީގެ ކުރިން ބަހުސްތަކެއް ކުރި އެވެ. މި ބަހުސްގައި މިކަމުގެ ޒިންމާ ސަރުކާރުތަކުގެ ބޮލުގައި އެޅުވި އެވެ. އަނެއް ބަޔަކު އިނގިލި ދިއްކުރީ ރާއްޖޭގައި ޓޫރިޒަމް ފައްކާ ކުރުމުގައި އެންމެ އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅުންނަށެވެ.

މި މައްސަލާގައި ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި އަހުމަދު އައިމަން ބުނެފައިވާ ގޮތުގައި އިނގިރޭސި ބަހުން މި ރަށް ތަކަށް ނަން ކިއުމަކީ މުސްތަގުބަލަށް ބަލާއިރު ދިވެހި ވަންތަކަން ގެއްލުވާލުން ފަދަ ކަމެކެވެ.

"ރާއްޖޭގެ ރިސޯޓުތަކަށް ނަން ކިއުމުގައި އެރަށުގެ އަސްލު ނަން އެ ރިސޯޓުގެ ނަމުގައި ހިމަނަން ލާޒިމް ކުރާތަން ދެކެން ބޭނުންވޭ. މި ފަދަ މަޖުބޫރު ކަމެއް ތައާރަފު ނުކޮށްފިނަމަ މީގެ އަހަރު ތަކެއް ފަހުން ބައްޕާ އެއޮތީ ކޮން ރަށެއްހޭ އަހައިފިނަމަ ދަރިފުޅާ އެއީ ކުންފުނަދޫ އޭ ބުނާކަށް ބައްޕަ އަށް ވެސް ނޭނގޭނެ،" އައިމަން ހިޔާލު ފާޅުކުރި އެވެ.

ދިވެހި ނަމުން ޝައުގުވެރި ކުރުވި ދާނެ!

ރާއްޖެ ބޭރު މީހުންގެ މެދުގައި ހާއްސަވާ އެއް ސަބަބަކީ އެކި ސަރަހައްދުތަކުގައި ހުރި ހާއްސަ ސިފަ ތަކެވެ. ހާއްސަކޮށް ވަކިވަކި ރަށްރަށުގެ ހާއްސަ ސިފަތަކުންނެވެ. ބައެއް ރަށްރަށް އުފެދިފައިވާ ގޮތާއި އެ ރަށުގައި ހުންނަ ސިފަތަކެއްގެ މައްޗަށް ބަލައި އެ ރަށަކަށް ނަން ވެސް ދީފައި ހުރެ އެވެ. އެހެންވެ، ރިސޯޓުތަކުގެ ނަންތައް ބޭނުން ކުރުމުގައި ވެސް ދިވެހިން ނަންތަކުގެ ބޭނުން ކުރުން މުހިންމު ވަނީ މިހެންވެ އެވެ.

ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު އަލީ ވިދާޅުވި ގޮތުގައި ރިސޯޓު ތަކަށް ނަން ކިއުމުގައި ދިވެހިން ކުރިންސުރެ ރަށަށް ކިޔާ ނަން ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ރާއްޖޭގެ މުސްތަގުބަލަށް ބަލާއިރު ވެސް މިއީ މުހިންމު ކަމެއް ކަމަށް އޭނާ ދެކެ ވަޑައިގަންނަވަ އެވެ.

"ރާއްޖޭގެ ރަށްތަކުގެ ހާއްސަކަން ގުޅިގެން މި އަންނަނީ އެ ރަށުގެ ނަންތަކާ. އެހެންވެ ރިސޯޓު ހަދާއިރު ވެސް ހުންނަން ޖެހޭ އެ ރަށަށް ކިޔާ އަސްލު ނަން ފެންނާނެހެން ބޯޑުގައި ލިޔެފައި. ވަރަށް މުހިންމު ކަމެއް އެ ނަންތައް ކިއުމަކީ،" އަޝްރަފު ވިދާޅުވި އެވެ.

ހާއްސަކޮށް ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގައި ދިވެހި ނަންތައް ބޭނުން ކުރުމަކީ ދިވެހި ވަންތަ ސިފަތައް ބޭރަށް ދައްކާލަން ލިބޭނެ ފުރުސަތަކަށްވާނެ އެވެ. އެހެންވެ މި ކަމަކީ ރިސޯޓު ހަދަން ދޭއިރު މިހާރު ލާޒިމް ކުރަން ޖެހިފައިވާ ކަމެކެވެ. ނަމަވެސް ރާއްޖޭގެ ޓޫރިޒަމް ފުޅާ ވެގެން ދާއިރު ފެންނަނީ ގިނަ ރަށްރަށުގެ ދިވެހިނަން ދޫކޮށްލާ ތަނެވެ.

ދިވެހި ޓްރެވަލް ކުންފުންޏެއް ކަމަށްވާ ޓްރެވަލް ކަނެކްޝަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މިރުޝާދު މުހައްމަދު ވިދާޅުވި ގޮތުގައި ރިސޯޓުތަކުގެ ދިވެހި ނަން ބޭނުން ކުރުމަކީ އިޝްތިހާރު ކުރަން ވެސް މުހިންމު ކަމެކެވެ.

"ބޭރުގެ ބައެއް ބްރޭންޑް ތަކުން ހިންގާ ރިސޯޓުތަކުންވެސް ރިސޯޓު ހިންގާ ރަށުގެ ނަން ބޭނުން ކުރޭ. މިއީ ވަރަށް މުހިންމު ކަމެއް. އެހެންނޫނީ ރާއްޖެ އިން މުހިންމު ބައެއް އެ، ގެއްލިގެން ދަނީ. އެހެންވީމަ، އެބަޖެހޭ ދިވެހިން ރަށަށް ކިޔާ ނަން ބޭނުން ކުރަން ފުރުސަތު ދޭން ވެސް،" މިރުޝާދު ވިދާޅުވި އެވެ.

ރިސޯޓުތައް ދިވެހި ވަންތަކޮށް ފަރުމާއަކަށް ހެދިއަސް އަދި ކަމަކު ނުދެ އެވެ. މީގެ ބަދަލުގައި ރިސޯޓު ދުނިޔެއަށް އިޝްތިހާރު ކުރާއިރު އެ ރަށުގެ އަސްލު ނަން ވެސް ބޭނުން ކުރަން ޖެހެ އެވެ.