ހަބަރު

ކޭލަކުނާއި ނޭކުރެންދޫ އަދި ބާރަށު ކުޅި ހިމާޔަތްކުރަން ރައީސް ނިންމައިފި

ހދ. ކޭލަކުނާއި އެ ރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަހައްދާއި، އެ އަތޮޅުގެ ނޭކުރެންދޫގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދާއި އަދި ހއ. ބާރަށުގެ ކުޅި، ފާ، ޗަސްބިން ސަރަހައްދަކީ، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމަށް ކަނޑައަޅައިފި އެވެ.

މިގޮތަށް ކަނޑައެޅީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހދ. ކޭލަކުނާއި، ހދ. ނޭކުރެންދޫގެ ކުޅި ހިމެނޭ ސަރަހައްދާއި، ހއ. ބާރަށުގެ ކުޅި ހިމެނޭ ސަރަހައްދަކީ ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކެއް ކަމުގައި ކަނޑައެޅުމަށް ނިންމެވީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހުގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ތަންފީޒުކުރާ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދެކެވެ.

ކޭލަކުނު ހިމާޔަތް ކުރުމަށް މީގެކުރިން ކެމްޕެއިން ވެސް ކުރި އެވެ. ނިމިގެންދިޔަ ސަރުކާރުން ވަނީ އެ ރަށުގައި ރިސޯޓެއް ހެދުމަށް ނިންމާފަ އެވެ. އެކަމާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލި އެވެ.