މިއުޒިކް

"ހާސިލް"ގެ ލަވަތައް އަޑު އަހާލައިފިންތަ؟

ރާއްޖޭގެ މިއުޒިކަށް ހާއްސަ އެޕްލިކޭޝަން ލަވަފޮށީގައި އެންމެ ފަހުން ރިލީޒް ކުރީ ސ. ފޭދޫއަށް އުފަން، މުހައްމަދު ރިޔާޒް (ރިޔާ - ބޮރިސް) ގެ "ހާސިލް" އަލްބަމް އަކީ 10 އަހަރު ވަންދެން އޭނ މަސައްކަތްކޮށްގެން ނެރުނު ޑެބިއު އަލްބަމެވެ. މިއީ ބަޔަކަށް އަޑު އިވޭނެ ގޮތަށް އަލްބަމެއްގެ ސިފައިގައި އޭނާ ހެދި ފުރަތަމަ އަލްބަމް ކަމުން ހުރިހާ ގޮތަކުންވެސް މިއީ ރިޔާ އަށް ވަރަށް ހާއްސަ އަލްބަމް އެކެވެ.

މި މަހުގެ 22 ގައި މި އަލްބަމް ރިލީޒް ކޮށްފައިވާއިރު އަލްބަމްގެ ހުރިހާ ލަވަތަކެއް އެއްކޮށް ނިންމާލުމަށް ގާތްގަނޑަކަށް 10 އަހަރު ހޭދަ ވެއްޖެ ކަމަށް ރިޔާ ބުންޏެވެ. ޖުމްލަ ހަތް ލަވަ ހިމެނޭ "ހާސިލް" އަލްބަމުގައި އޭނާގެ އުފަން އަތޮޅު އައްޑޫގެ ލަވައެއް ވެސް ހިމަނާފައި ވެއެވެ. އެ ލަވަ ވަނީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ހާއްސަ ކޮށްފަ އެވެ.

"މި އަލްބަމްގެ ލަވަތައް ރެކޯޑުކޮށް ހުރިހާ މަސައްކަތެއް ނިންމުމަށްޓަކައި، މިހާރު 10 އަހަރު ވެދާނެ. އެއީ މާލީ ހާލަތު ހުރި ގޮތުންނާއި ބުރަ މަސައްކަތަކަށް ވީމަ. އެކަމަކުވެސް އެހާ ގިނަ ދުވަސް ވީއިރުވެސް މި އަލްބަމްގެ މަސައްކަތް ކުރިއަށް ގެންދިޔައީ މިއުޒިކަށް ދެވޭ ލޯބީގެ ސަބަބުން". "ހާސިލް" އަލްބަމްގެ ހުރިހާ ލަވަތަކެއް ކިޔާފައިވާ ރިޔާ ބުންޏެވެ.

އަލްބަމުގެ ހުރިހާ ލަވަތަކެއްގެ ޅެމާއި ރާގުވެސް އުފައްދާފައި ވަނީ ރިޔާ އެވެ. މިއުޒިކް ތައްޔާރު ކޮށްފައިވަނީ ދާއިރާގައި މަގުބޫލު ތިން ފަންނާނުން ކަމަށްވާ، ފަތޯ، ޓްރޯ އަދި ހާޑީ އެވެ. އަލްބަމްގެ ލަވަތައް ލަވަފޮށީގަ އާއި ބައިސްކޯފު އެޕްލިކޭޝަން މެދުވެރިކޮށް މިހާރު އަޑު އެހެ އެވެ.