ވިޔަފާރި

އެންމެ ބޮޑު ހާޑްވެއާ ފިހާރަ ސޮނީ އިން ހުޅުވަނީ

ރާއްޖޭގައި ހާޑްވެއާގެ ވިޔަފާރީގައި އެންމެ މަގުބޫލު އެއް ބްރޭންޑް ކަމަށްވާ "ސޮނީ ހާޑްވެއާ" އިން ހުުޅުމާލޭގައި ބޮޑު ފިހާރައެއް ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ބްރިޖުން ހުޅުމާލެ އަށް އަރާ ބޮޑު މަގުގައި ހުޅުވަން ތައްޔާރުވާ ސޮނީ ހާޑްވެއާގެ ބޮޑު ފިހާރަ ހުޅުވަން ތައްޔާރު ވަނީ މާދަމާ އެވެ. މި ފިހާރަ ހުޅުވާކަން ކަސްޓަމަރުންނަށް އެންގުމުގެ ގޮތުން "27 ގައި ހުޅުވެނީ" މިހެން ލިޔެފައިވާ ބޯޑެއް އެ ފިހާރައިގެ ބޭރުގައި މިހާރު ވަނީ ބަހައްޓާފަ އެވެ.

ހަތަރު ބުރިއަށްވާ ގޮތަށް ހަދާފައިވާ މި ފިހާރަ ވާނީ، ރާއްޖޭގެ އެންމެ ބޮޑު އެއް ހާޑްވެއާ ފިހާރައަށެވެ. އަދި މިގޮތަށް ހުޅުމާލޭގައި ހުޅުވާ ދެވަނައަށް އެންމެ ބޮޑު ފިހާރަ އަށެވެ. މީގެ ކުރިން ރެޑްވޭވްއިން ވަނީ ހުޅުމާލޭގައި ލައްކައެއްހާ ވައްތަރުގެ މުދަލާއެކު "މެގަމޯލް" ގެ ނަމުގައި ފިހާރައެއް ހުޅުވާފަ އެވެ.

"ސޮނީ ހާޑްވެއާ" އަކީ 1970 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވިޔަފާރި ކުރަމުން ގެންދާ ކުންފުންޏެކެވެ. "ޔުއާ ފޭވަރިޓް ހާޑްވެއާ ސްޓޯރު" ގެ ސްލޯގަންގައި ވިޔަފާރިކުރާ ސޮނީ ހާޑްވެއާގެ ހަތް ފިހާރައެއް ހިންގަމުންދެ އެވެ.