ކާނާ

ޓޮމާޓޯ ޕޭސްޓަކީ މާ ފައިދާހުރި އެއްޗެއް ނޫން!

ޓޮމާޓޯ ޕޭސްޓު ދަޅަކީ ދިވެހި ބަދިގެއެއް ވިއްޔާ ފަސޭހައިން ބޭނުން ކުރެވޭ ގޮތަށް އަތްފޯރާ ފަށުގައި ހުންނަ އެއްޗެކެވެ. މިއީ މިހާރު ދިވެހިންގެ ހުރިހާ ކެއުމެއްގައި ބޭނުންކުރާ "މެއިން އިންގްރީޑިއަންޓެ" ކެވެ. ފްރައިޑް ރައިސް، ޕާސްތާ އަދި ނޫޑުލިސް ފަދަ ކެއުންތައް ތައްޔާރު ކުރާއިރު މީގެ ޕޭސްޓު ދަޅެއް އެކަށް ނާޅައިފިއްޔާ ކެއުން މީރު ވެސް ނުވަނީ އެވެ. އަދި ބަތަށް ވެސް ޕޭސްޓު ދަޅު އަޅާ "ރެޑް ބަތް" ނުވަތަ "ޓޮމާޓޯ ބަތް" ފަދަ މޮޅެތި ނަންތައް ކިޔައިގެންވެސް ބޭނުން ކުރަނީ އެވެ. ޓޮމާޓޯ އަޅައިގެން ތައްޔާރު ކޮށްފައި ހުއްޓަސް މިއީ ހީކުރާ ވަރަށް ވުރެ ސިއްހަތަށް ގެއްލުން ދޭ އެއްޗެކެވެ.

ޓޮމާޓޯ ޕޭސްޓު ދަޅަކީ ވަރަށް ގިނަ ދުވަހުން ހަދާ، ގިނަ ދުވަހަށް ބޭނުން ކުރެވޭ ގޮތަށް އުފައްދާފައި ހުންނަ އެއްޗެކެވެ. ދަޅުގައި "ޕްރިސާވެޓިވްސް" ނުވަތަ ގިނަ ދުވަހަށް ރައްކާ ކުރެވޭ ބާވަތްތައް ހިމަނަ އެވެ. ފެކްޓްރީތަކުގައި އާއްމުކޮށް ޕްރިސާވަޓިވްސް ތައްޔާރު ކުރާނީ ގިނަ އަދަދެއްގެ ލޮނު އޭގައި ހިމަނައިގެންނެވެ.

ޕޭސްޓު ދަޅަކީ "ޓޮމާޓޯ ކޮންސެންޓްރޭޓެޑް" އެއްޗަކަށް ވުމުން ދަޅު އުފެއްދުމަށްޓަކައި، ޓޮމާޓޯތައް ގިނަ ދުވަސް ވަންދެން ކައްކާނެ އެވެ. އަދި މި ޓޮމާޓޯތައް ކައްކާނީ އޭގެ ތޮށްޓާއި އޮށްތައް ނެގުމަށްފަހު އެވެ. ޓޮމާޓޯއިން އެންމެ ފައިދާ ލިބޭ އެއްޗެހިތައް ނަގައި އެތައް ގަޑިއިރެއް ވަންދެން ކެއްކުމަށްފަހު، ކެއުމަށް ބޭނުންކުރާ ދަޅުގައި ހުންނާނީ ޓޮމާޓޯގެ އަސްލު ގުދުރަތީ ފައިދާތައް ނައްތާލެވިފަ އެވެ.

މީގެ އިތުރުން، މި ރަތް ކުލައިގައި ހުއްޓަސް މިއީ އަސްލު ޓޮމާޓޯގެ ރަތް ކުލަ ނޫންކަން އެކި ދަޅުތަކުގެ ކުލަ ތަފާތު ވުމުން އެނގެވެ. ފުޑް ކަލަރިން އާއި ގިނަ އަދަދެއްގެ ހަކުރު މި ޕޭސްޓު ދަޅު ހެދުމަށް އަޅާ އެވެ. މި ހަކުރުތައް ގިނަ ދުވަހަށް ބެހެެއްޓުމަށްޓަކައި ކޯން ސްޓާޗް ވެސް ޕޭސްޓު ދަޅުތައް ހެދުމަށްޓަކައި ހިމަނާފައި ވެއެވެ. ކޯން ސްޓާޗް އަކީ ޑައިބެޓީސް، ހިތުގެ ބަލިތައް އަދި އޮބޭސިޓީ ފަދަ ދުނިޔޭގައި ވެސް ބޮޑެތި މައްސަލަތަކަށް މަގުފަހި ކޮށްދޭ އެއްޗެކެވެ.

އެހެންކަމުން، ޓޮމާޓޯގެ ގުދުރަތީ މާއްދާތައް ނަގައި، ބޭކާރު ތަކެތި ހިމަނައިގެން އުފައްދާ މި ޕޭސްޓު ދަޅުގެ ބަދަލުގައި އަމިއްލަ އަށް ޓޮމާޓޯ ބޭނުންކޮށްގެން ވަގުތުން ޕޭސްޓު ހެދުމަކީ ހަށިގަނޑަށް މާ ފައިދާބޮޑު ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެ އެވެ. ޓޮމާޓޯ ޕޭސްޓް އަމިއްލައަށް ތައްޔާރު ކުރުމަކީ އުނދަގޫ ކަމަކަށް ވިޔަސް ޓޮމާޓޯގެ ގުދުރަތީ ފައިދާތައް ޔަގީނުން ވެސް ލިބޭނެ އެވެ.