ލައިފްސްޓައިލް

ބިންމައްޗަށް ވެއްޓޭ އެއްޗެހި ކާންވާނެތަ؟

ގިނަ ދިވެހިންނަކީ މިހާރު ކެއުމުގައި ސާފުތާހިރުކަމަށް ވަރަށް ފަރުވާ ބަހައްޓާ ބައެކެވެ. ސާފުތާހިރު ނޫން ކާނާ ކެއުމުން ހަށިގަނޑަށް ލިބޭ ގެއްލުން ތައް އެނގި، އާއްމުކޮށް ބޭނުންކުރާ ތަންތަން ސާފުކޮށް ބެހެއްޓުމަށްވެސް ދިވެހިން މިހާރު ސަމާލުކަންދެ އެވެ. ބަދިގޭ އުނދުނާއި، ކާމޭޒުމަތިވެސް ބަހައްޓާނީ ސާފުކޮށް ރީތިކޮށްފަ އެވެ. އެހެންނަމަވެސް، ބައެއް ފަހަރު ނޭނގި ބިންމައްޗަށް ވެއްޓޭ އެއްޗެހި ޖެހިލުމެއްނެތި ނަގައި، ހިރަފުސް ފޮޅާލާހެން، އެއަށް ފުމެލުމަށްފަހު ކާލާނެ އެވެ.

ކާއެއްޗެހި ބިންމައްޗަށް ވެއްޓުމުން، ސިކުންތުކޮޅެއްތެރޭ ނަގައި ކާލެވެނީ މިގޮތަށް ކަން ކުރުމަށް އާދަވެފައި ހުރީމަ އެވެ. ކުޑައިރުވެސް ބިންމައްޗަށް އެއްޗެއް ވެއްޓުމުން މަންމަމެންވެސް ބުނަނީ "ދަރިފުޅާ ރަނގަޅުވާނޭ، ފޮހެލާފައި ކާލާށޭ!" އެވެ. އެހެންނަމަވެސް، ބިންމައްޗައް ވެއްޓޭ އެއްޗިއްސަަކީ ހަގީގަތުގައި ކާންވާނެ އެއްޗިހި ހެއްޔެވެ؟

ފަސް ސިކުންތު ވުމުގެ ކުރިން ކައިފިނަމަ ވާނީ ކިހިނެއް؟
ބިންމައްޗަށް ވެއްޓޭ އެއްޗެއް ފަސް ސިކުންތު ވުމުގެ ކުރިން ނަގާ ކާލައިފި ނަމަ އޭގައި އެއްވެސް ޖަރާސީމެއް ނުހުންނާނެ ވާހަކައަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ގިނަ ބަޔަކު ގަބޫލު ކުރާ ގަބޫލު ކުރުމެކެވެ. "ފައިވް ސެކަންޑް ރޫލް"ގެ ދިރާސާތައް ކުރުމަށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ބައެއް ފަރާތްތަކުން ވަނީ ރިސާޗުތަކެއް ވެސް ކޮށްފަ އެވެ. އެގޮތުން، ކާއެއްޗެއް ވައްޓާލާ ފަސް ސިކުންތު ތެރޭ، ބިންމަތިން ނަގާ މަންޒަރު ވީޑިއޯ ވެސް ކުރި އެވެ. އަދި މައިކްރޮސްކޯޕާއި ޖަރާސީމު ހޯދާނެ އެހެން ވަސީލަތްތައް ބޭނުންކޮށްގެން ބެލުމުންވެސް ހާމަވީ، ކުޑަ ސިކުންތު ކޮޅަކަށް ވެއްޓުނަސް ޖަރާސީމު އަރާ ކަމަށެވެ.

ވެއްޓޭ ތަނުގެ ގޮތުންވެސް ތަފާތުވޭ!
ބިންމައްޗަށް ކާއެއްޗެހި ވެއްޓުމުން ކިތަންމެ އަވަހަށް ނެގިއަސް، ވެއްޓޭ ތަނުގެ ގޮތުން ތަފާތެއް ފެނެ އެވެ. ކްލެމްސަން ޔުނިވާސިޓީގައި 2007 ގައި ކުރި ދިރާސާއެއް ދައްކާގޮތުން، ކާއެއްޗިއްސަށް އަރާ ޖަރާސީމު ގުނެނީ ވަގުތަށް ބަލާފަ އެއް ނޫނެވެ. އަދި، ކިތަންމެ އަވަހަށް ނެގިއަސް ވެއްޓޭ ތަނަކީ ނުތާހިރު ތަނެއް ނަމަ ޖަރާސީމު އަރާ މިންވަރު ގިނަ ވާނެ އެވެ. ހަމަ އެހެންމެ، ކާޕެޓު ފަދަ ތަންތަނަށް ކާއެއްޗެހި ވެއްޓުމުން އޭގައި ފޮރުވިފައި ހުންނަ ހިރަފުހާއި ކުނޑިން ޖަރާސީމު އަރާ މިންވަރު އިތުރުވާނެ އެވެ. ޓައިލްސް އަދި މާބުލް ފަދަ އޮމާން ތަނަކަށް ވެއްޓޭނަމަވެސް އެތަފާތު ފެންނާނެ އެވެ.

ކާއެއްޗެހީގެ ބާވަތުންވެސް ތަފާތުވޭ!
މި މައްސަލައިގައި ބައެއް ފަރާތްތަކުން ބުނަނީ މީގައި މުހިއްމީ ވެއްޓޭ ތަނާއި ވަގުތު ނޫން ކަމަށެވެ. ކާއެއްޗެއް ވެއްޓޭއިރު އެއީ ޖޭމް، ޖެލީ، އައިސްކްރީމް ކަހަލަ "ސްޓިކީ ފުޑް" އެއް ނަމަ އަވަހަށް ޖަރާސީމު އަރާނެ އެވެ. އަދި ޗިޕްސް، ޕޮޕްކޯން، ބިސްކޯދު އަދި ތަރުކާރީ ފަދަ ލުއި އެއްޗިއްސަށް ޖަރާސީމު އެރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް، މިކަމާ ބަހުސް ކުރާ ފަރާތްތައް ބުނެ އެވެ.

މި މައްސަލައިގައި އެކި މީހުންގެ ހިޔާލު ތަފާތެވެ. ބައެއް މީހުންނަށް "ފައިވް ސެކަންޑް ރޫލް"ގެ ދަށުން ވެއްޓޭ އެއްޗެހި ކެއުން ހުއްދަ އެވެ. އެކަމަކު، ކިތަންމެ އަވަހަށް ނަގައި ކާލިޔަސް، އޭގައި ޖަރާސީމު ހުންނާނެ ކަމަށް އެމީހުންވެސް ގަބޫލު ކުރެ އެވެ. އެހެންނަމަވެސް، ބިންމަތިން ނަގައިގެން އެއްޗެހި ކެއުމުގައި އަމިއްލަ ސިއްހަތާ ދޭތެރޭ ވިސްނުމަކީ މުހިއްމު ކަމެއް ކަމަށް ސިއްހީ މާހިރުން މި މައްސަލައިގައި ލަފާ ދެ އެވެ. ކުޑަ ޖަރާސީމެއް ވިޔަސް ގެއްލުން ބޮޑުވާނެ އެވެ.