ހަބަރު

މަގު ހެދި އެމްއާރުޑީސީގެ 709 މުވައްޒަފުން މަގުމަތި ވަނީ

މަގުތައް ހެދި މޯލްޑިވްސް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ގެ 709 މުވައްޒަފުންގެ ވަޒީފާ ގެއްލި މަގުމަތި ވެދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މަސައްކަތް ކުރާ އެމްއާރްޑީސީގެ މުވައްޒަފުންގެ ފަރާތުން "އަވަސް" އަށް މިއަދު މައުލޫމާތު ދިން އެ ކުންފުނީގެ ސީނިއަ މުވައްޒަފަކު ބުނި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުވާލަން ނިންމާފައިވާ އެމްއާރުޑީސީގެ 709 މުވައްޒަފުން މަގުމަތިވުމުގެ ބިރު ހީވެފައިވަނީ އެ މީހުންގެ އެގްރިމެންޓް ފެބްރުއަރީ މަހު ހަމަވާތީ ކަމަށެވެ. އަދި މިކަމުގެ ސަބަބުން 463 ދިވެހި މުވައްޒަފުންނާއި 246 ބިދޭސީންގެ އާއިލާތައް ނުތަނަވަސް ކަމުގައި ތިބި ކަމަށް ވެސް އޭނާ ބުންޏެވެ.

"އެމްއާރުޑީސީ އުވާލުން ނިންމުމާއެކު 709 މީހުން ބަދަލުކުރީ ޕަބްލިކް ވޯކްސްއަށް. ބަދަލުކުރިއިރު މުވައްޒަފުންގެ އެގްރިމެންޓުގައި އޮތީ އެއް އަހަރު. އޭރު ސަރުކާރުން ދިޔައީ ރިންގް ރޯޑް ހަދަމުން. ސަރުކާރުން ބުނެފައި އޮތީ މުވައްޒަފުންގެ އެއްބަސްވުން ހަމަވުމުގެ ކުރިން އިތުރު ތިން އަހަރަށް ސޮއިކުރާނެ ކަމަށް،" ނަން ނުޖެހުމަށް އެދި އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މި މުވައްޒަފުންގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އިތުރު ތިން އަހަރު ދުވަހަށް ސޮއިކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން މުވައްޒަފުންނަށް މެމޯއެއް ވެސް އޭރު ދިން ކަމަށް އޭނާ ބުންޏެވެ.

"މި މެމޯ ދިންއިރު އިންތިހާބު އޮތީ ކައިރިވެފައި. އެހެންވެ، އަޅުގަނޑުމެން އޭރުގެ މިނިސްޓަރު މުއިއްޒުއާ ބައްދަލު ކުރިން. ބައްދަލު ކުރީމަ ވިދާޅުވި އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް. ނަމަވެސް ފަހުން އެކަމެއް ނުވި،" އެންމެ ސީނިއަ އެއް މުވައްޒަފު ބުންޏެވެ.

ވަޒީފާގެ ޔަގީންކަމުގެ ލިޔުން ދިން

އެމްއާރުޑީސީގެ މުވައްޒަފުންނަށް ހައުސިން މިނިސްޓްރީން ފޮނުވި މެމޯގެ ކޮޕީއެއް ވެސް "އަވަސް" އަށް ވަނީ ލިބފަ އެވެ. ހައުސިން މިނިސްޓްރީގެ ޕާމަނަންސް ސެކްރެޓްރީ މުހައްމަދު މާހިދު ޝަރީފު ސޮއިކޮށް ފޮނުވި މެމޯގައިވާ ގޮތުން އެ މުވައްޒަފުންނާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާ ދުވަހު އިތުރު ތިން އަހަރު ދުވަހަށް އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށް ލިޔެފައިވެ އެވެ.

"ޔަގީންކަން ދިން ނަމަވެސް ތިން އަހަރުގެ އެއްބަސްވުމުގައި ސޮއެއް ނުކުރި. އަދި އިންތިހާބު ނިމުމުން އަޅުގަނޑު ހައުސިން މިނިސްޓަރު [މުއިއްޒު] އަށް މެސެޖު ކުރިން. މެސެޖު ކުރީމަ ވިދާޅުވި އެމަނިފާނު ވިދާޅުވި އެއްޗެއް އަޑުނާހަ ޖަޒީރާ ރާއްޖެއަށް ވޯޓު ދިނީ ކަމަށް. ދެން ތި ކުރިއަށް ގެންދާނީ ޖަޒީރާ ރާއްޖޭގެ ވެރިންނޭ،" މުވައްޒަފު ބުންޏެވެ.

މި ސަރުކާރުގެ އިސްވެރިންގެ ކަރިއިއަށް

އެމްއާރުޑީސީގެ މުވައްޒަފު ބުނި ގޮތުގައި މި މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ޕެޓިޝަނެއް ވެސް ވަނީ ފޮނުވާފަ އެވެ. އަދި މިހާރުގެ މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމްގެ ފަރާތުން ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާ ވެސް ބައްދަލު ކުރި ކަމަށެވެ.

"ބައްދަލު ކުރީމަ ވިދާޅުވީ ޖެނުއަރީ މެދެންހާ ހިސާބު ހަމަޖެހޭނެއޭ. ޖަވާބެއް ލިބޭނެއޭ. މީގައި އަޅުގަނޑުމެން ބޭނުންވަނީ ޔަގީންކަން. އެއީ ޖެނުއަރީ މަހު ލިބޭ ޖަވާބަކުން ވަޒީފާ ގެއްލިދާނެ. އެހެންވެއްޖެނަމަ މިހާރު ވަޒީފާގެ ބާޒާރު އޮތް ގޮތުން ވަޒީފާ ހޯދަން ދަތިވާނެ. އެކަމާ އަޅުގަނޑުމެން މިތިބީ ކަންބޮޑުވެފައި."