މާލޭ ސަރަހައްދުގައި ދިރިއުޅޭ ކޮންމެ މީހަކަށް ވެސް ގޯއްޗެއް ދެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ޕްރައިމަރީ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެން ރައީސް ނަޝީދު ރޭ އެހެން ވިދާޅުވި ނަމަވެސް އެކަން ކުރައްވާނެ ގޮތެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ އެއީ މިއަދު ރާއްޖެއަށް ނުކޮށް ދެވޭނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ ޖީލުން އަންނަން އޮތް ޖީލަށް އެކަން ނުކޮށް ދެވިއްޖެ ކަމަށްވާނަމަ ގަބޫލުފުޅު ކުރައްވާ މި މާލެއެއް ނޯންނާނެ، ދެނެއް މި މާލެއަކު ނެތް ފޮތި ކުރާނެ ތަނެއް، ދެނެއް އަޅުގަނޑުމެންނަކަށް ނެތް ބަހާނެ އެއްޗެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މި ވާހަކަފުޅު ދެއްކެވިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މާލެ ކައިރިން ފުށިފަރު ފަޅު ހިއްކައި އެ ތަނުން ބިމާއި ފްލެޓް މީހުންނަށް ދޫކުރުމަށް މަޝްރޫއުއެއް އިއުލާން ކުރައްވާފަ އެވެ. އެކަމަށް ފޯމް ވެސް އެ ސަރުކާރުން ދޫކުރި އެވެ. ނަމަވެސް މަޝްރޫއުގެ އެއްވެސް އަމަލީ މަސައްކަތެއް ނުފަށަ އެވެ. ނަމަވެސް އެ މަޝްރޫއުގެ ދަށުން އެންމެންނަށް ބޯހިޔާވަހިކަން ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ދިވެހިންގެ އުއްމީދުތައް ވަރަށް މަތި ކަމަށާއި އެކަން ގަބޫލުފުޅު ވެސް ކުރައްވާ ކަމަށެވެ. ރާއްޖޭގެ މުއްސަނދިކަމާއި ލިބިފައިވާ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ދިވެހިންނަށް މާ ތަނަވަސްކަ ންމަތީ ދިރިއުޅެވޭނެ ކަމީ ޝައްކު ކުރެވޭ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ގާނޫނު އަސާސީ އިސްލާހު ކުރުމަކީ އޭގައިވާ އިހްތިސޯސްތައް ހޯދުން ނޫން ކަމަށާއި އެއީ ތަނަވަސްކަމާއެކު ދިރިއުޅެވުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ގާނޫނު އަސާސީގެ ބޭނުމަކީ ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީއިން މިސްރާބު ޖަހާފައިވަނީ ދިވެހިންނަށް އަނެއްކާވެސް އެ ތަނަވަސް ދިރިއުޅުން ހޯދައިދިނުމަށެވެ. އެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ވަރަށް މުހިންމުވާ ކަމަށާއި ނޫންނަމަ ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށް ދޭން އުނދަގޫ ވާނެކަން ރައީސް ނަޝީދު ފާހަގަ ކުރެއްވި އެވެ.