ހަބަރު

އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ އެމްޑީ ކަމަށް ޖެނިފާ އައްޔަންކޮށްފި

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް އައިޝަތު ޖެނިފާ އައްޔަން ކޮށްފި އެވެ.

އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަކަށް ޖެނީފާ އައްޔަން ކުރީ އެ ކުންފުނީގެ ބޯޑުންނެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

ޖެނީފާ ވަނީ މީގެކުރިން މޯލްޑިވިއަން ކާގޯގެ ޑެޕިއުޓީ ހެޑްގެ މަގާމު އަދާ ކުރައްވާފަ އެވެ. އޭނާ އެ މަގާމުގައި ހުންނަވަނިކޮށް 2016 ވަނަ އަހަރު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އޭނާއަކީ އެމްޑީޕީގެ ހަރަކާތްތަކުގައި ވެސް އިސްކޮށް އުޅުއްވާ ބޭފުޅެކެވެ.

ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޖެނީފާ ހުށަހެޅުމުން ވަނީ ވަޒީފާ އޭނާއަށް އަނބުރާ ދޭން އަމުރުކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓާ ހަމައަށް ވެސް ދިޔަ އެވެ. ރިޔާސީ އިންތިހާބަށްފަހު ހައިކޯޓުން ވެސް ވަނީ ޖެނީފާއަށް ވަޒީފާ ދޭން ހުކުމް ކޮށްފަ އެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިފަހުން މުހައްމަދު ރިޒްވީ ވެސް ވަނީ އައްޔަންކޮށްފަ އެވެ.