ހަބަރު

އެމްޓީޑީގެ ރައީސްއަކަށް އަދީބު އައްޔަންކޮށްފި

މިއަދު ރަޖިސްޓްރީކުރި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ، އެމްޓީޑީގެ ރައީސް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު އައްޔަންކޮށްފައިވާ ކަމަށް އެ ޕާޓީއިން ހާމަކޮށްފި އެވެ.

އަދީބު، ރައީސްގެ ގޮތުގައި ހޮވާފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ އިންތިގާލީ ކައުންސިލްގެ ދެވަނަ ބައްދަލުވުމުގަ އެވެ. އެ ކައުންސިލްގައި 10 މެންބަރުން ތިއްބަވަ އެވެ. ދެވަނަ ބައްދަލުވުމުގައި ބައިވެރިވީ އަށް މެންބަރުންނެވެ.

އަދީބު ރައީސް ކަމަށް ހޮވާފައިވާއިރު ސީނިއާ ނައިބު ރައީސްގެ ގޮތުގައި އިސްމާއިލް އާސިފް ވެސް ވަނީ ހޮވާފަ އެވެ. އޭނާއަކީ އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ޕާޓީގެ މުއައްސިސް އެވެ. އޭގެ އިތުރުން ނައިބު ރައީސްއަކަށް ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ވަނީ ހޮވާފަ އެވެ. އެ ދެ މަގާމު ހޮވާފައިވަނީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގަ އެވެ.

އެ ޕާޓީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސިފް ވިދާޅުވި އަދީބު، ޕާޓީގެ ރައީސް ކަމަށް އައްޔަންކުރަން ކައުންސިލުން ނިންމީ ގާނޫނީ ލަފާ ވެސް ހޯދައިގެން ކަމަށެވެ. ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ޕާޓީއެއްގެ އިންތިހާބީ މަގާމަކަށް ނާދެވޭނެ ކަމަށް ގާނޫނުގައިވެ އެވެ. ނަމަވެސް އާސިފް ވިދާޅުވީ ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށް އިންތިގާލީ މަރުހަލާގައި، އިންތިގާލީ މަގާމަކަށް ނާދެވޭނެ ކަމަށް ބުނެފައި ނެތް ކަމަށެވެ.

އާސިފް ވިދާޅުވި ގޮތުގައި މިހާރު އެ ޕާޓީގެ އެންމެ މުހިންމު މަސައްކަތަކީ އަދީބަށް އިންސާފު ހޯދައިދިނުމެވެ. އަދީބަށް ކޮށްފައިވާ ހުކުމްތަކަކީ އިންސާފުވެރި ހުކުމްތަކެއް ނޫން ކަމަށާއި އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވާ ބޭފުޅުންގެ ތެރެއިން ވެސް މިހާރު ބަންދުގައި ހުންނެވީ ހަމައެކަނި އަދީބުކަން އާސިފް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން މި ބުނަނީ އަދީބު ވަގުތުން ވަގުތަށް ދޫކޮށްލާކަށް ނޫން، އެކަމަކު އިންސާފު ގާއިމްކޮށް ދޭށޭ، ތަހުގީގުތައް އިންސާފުން ކުރިއަށް ގެންދާށޭ، އަޅުގަނޑުމެންގެ ލީޑަރަށް ފްރީ އެންޑް ފެއާ ޓްރެއިލެއް ހޯދައިދޭށޭ،" އާސިފް ވިދާޅުވި އެވެ.

އާސިފް ވިދާޅުވި ހުކުމެއް އޮތީމަ، ސިޔާސީ ހަރަކާތް ހިންގުން ހަމައެކަނި މަނާ ވަނީ އަދީބަށް ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިހާރު ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވިއިރު ސިޔާސީ ކަންކަން ކުރެއްވި ކަމަށް އާސިފް ވިދާޅުވި އެވެ.

ޔާމީން ރަޝީދު ވިދާޅުވީ ގިނަ ދިވެހިންތަކެއް އުއްމީދު އަދީބާ ގުޅިފައިވާ ކަމަށެވެ. އޭނާއަކީ މިހާރު ރާއްޖޭގައި ހުންނެވި އެންމެ އުއްމީދީ އެއް ލީޑަރު ކަމަށް ޔާމީން ވިދާޅުވި އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގައުމަށް އައި ބޮޑެތި ތަރައްގީގެ މަޝްރޫއުތަކުގެ މޭސްތިރިއަކީ އަދީބު ކަމަށެވެ. އެހެންވެ އަދީބަށް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ ގިނަ ދިވެހިންތަކެއް ވެސް ބޭނުންވާ ކަމެއް ކަމަށެވެ.

އެމްޑީޓީ އުފެއްދުމަށް އިލެކްޝަން ކޮމިޝަނުން ހުއްދަ ދިނުމާއެކު އެ ޕާޓީއަށް އެންމެ ފުރަތަމަ ސޮއި ކުރެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 3،000 މެންބަރުން ހަމަކޮށް އިލެކްޝަން ކޮމިޝަނުން ހުއްދަ ދިނުމުން ބޭއްވި ޕާޓީގެ ފުރަތަމަ ޖަލްސާ ވެސް ހާއްސަކުރީ އަދީބަށެވެ. އަދީބު މިހާރު ހުންނެވީ ގޭބަންދުގަ އެވެ. އޭނާ ގޭބަންދަށް ބަދަލުކުރީ ސިއްހީ ހާލަތު ގޯސްވެ އެވެ.

އަލަށް އުފެދިގެން ދިޔަ ޕާޓީގެ ގިނަ މެންބަރުންނަކީ އަދީބާ އެކި ގޮތްގޮތުން ގުޅުން އޮންނަ، އަދި އަދީބަށް ތާއިދުކުރާ މީހުންނެވެ. އެ ޕާޓީގެ އަދީބުގެ ސިޔާސީ ހަޔާތް އަލުން ފަށައިގަންނާނެ ޕާޓީ ކަމަށް ވެސް ވަނީ ބުނެފަ އެވެ.