ފިނިޕޭޖް

ފޮތް ލިސްޓުގެ ރަތް ކޮތަޅު، ރީތި ފޮތް ކޭހަކަށް!

އާ އަހަރު ފަށަން ތައްޔާރުވާ އިރު އަބަދުވެސް ދަރިވަރުންގެ ބެލެނިވެރިން އެންމެ ފޯރީގައި އުޅެނީ ދިރާސީ އަހަރު ފެށުމުގެ ކުރިން ކުދިންގެ ސްކޫލުގެ ކަންކަން ނިންމާލައި އެކަމުން އަތް ދޫކޮށްލައިގެން ހުންނާށެވެ. އެންމެ ބޮޑު މަސައްކަތަކަށްވެފައި އޮންނަނީ ކުދިންގެ ފޮތް ލިސްޓު ހަމަ ކުރުމެވެ. ދެން ޔުނިފޯމްކަންތައް ނިންމާލުމާއެކު ހެޔޮވަރު ބޫޓާއި އިސްޓާކީނާއި ދަބަހެވެ. އެކަމަށް މާލޭ ހުރިހާ ފިހާރެއް ބަލައި ހަވާނެ އެވެ. ދިރާސީ އަހަރަށް ތައްޔާރުވުމަކީ ވަރަށް ބުރަ ބޮޑު ކަމެކެވެ. މި ހުރިހާ ކަމެއްގެ ތެރެއިން ފޮތް ލިސްޓަށް ފޮތް ހަމަ ކުރުމަކީ ތަފާތު ތަޖުރިބާއެކެވެ.

ބުކްޝޮޕަކަށް ގޮސް ފޮތްލިސްޓު ގަނޑު ސޭޓަށް ދިއްކޮށްލުމުން ލިސްޓުގައި ހުރި ނަންބަރުތައް ކަނޑަމުން ކަނޑަމުން ގޮސް ދެ ޓާމަށް ވާވަރަށް 12 ވަރަކަށް މޮނީޓަރު ފޮތާއި ބޮޑެތި ޓެކްސްޓް ފޮތްތައް ރަތް ކުލައިގެ ބޮޑު ކޮތަޅަކަށް އަޅާފައި ދޭނެ އެވެ. އޭގެ ވެސް އެންމެ ކޮތަޅަކަށް ނޫނެވެ. ދެތިން ކޮތަޅު މަތި މައްޗަށް ލައްވައިގެނެވެ. އެއީ ފާޑެއްގެ އަހުވައެކެވެ.

އެ ހިފައިގެން ނިކުތުމުން ދެން އަދި އެ ކަންތަކާ ޖެހުނީ އެވެ. ފޮތް ކޮޅު ހިފައިގެންދާނެ ކާރެއް ނުލިބޭނެ އެވެ. ދެން ޖެހޭނީ ފޮތްތަކާއި ސްކޫލްގެ އެހެން ސާމާނު ހިމެނޭ ބޮޑު ބިޔަ ކޮތަޅު ހިފައިގެން ހިނގާށެވެ. އެއް އަތައް ބަރުވެފައި ހުރެގެނެވެ. ކޮތަޅުގެ ބަރުބޮޑުވެގެން އެއްބައިފަހަރު ބޯ މައްޗަށް، އަނެއްބައިފަހަރު ކިހިއްޔަށްލައިގެން ހާލެއްގައި މީހުން އުޅޭތީ ފެނެ އެވެ. މަގުމައްޗަށް ބަންޑުވާ ފަހަރުވެސް އާދެ އެވެ.

ބޮޑު ޗުއްޓީއާ ދިމާކޮށް ފޮތްލިސްޓު ހަމަކޮށްލަން ރަށްރަށުން އަންނަ މީހުން މިކަމުގައި އަދި އުޅެންޖެހިފައި އޮންނަނީ މާ އުނދަގޫ ގޮތަކަށެވެ.

ރަށްރަށުން އަންނަ މީހުން ފޮތް ލިސްޓް ހަމަކުރާއިރު އަމިއްލަ ދަރިފުޅުގެ އިތުރުން އާއިލާގެ އެހެން ކުދީންނާއި ރަށުގެ ގިނަ އާއިލާތަކެއްގެ ކުދީންގެ ފޮތް ލިސްޓުވެސް ހަމަ ކުރާނެ އެވެ. ފޮތް ލިސްޓުގައި ހިމެނޭ ފަންސޫރާއި ގަލަންތައް ވެސް ހިމަނައިގެން ފޮށިގަނޑުތަކުގައި ބަންދުކޮށް ރަށު ބޯޓަށް އަރުވައި އެ ފޮށިގަނޑު ރަށަށް ފޯރާއިރު ވަރަށް ގިނަފަހަރު ވާނެ "ހައެތި" ވެފައި ވެސް ހުރެއެވެ. ކޮތަޅުގެ އެކި ދިމަ ދިމާލުން ފޫގޮސް، ކަންތައް ބަނޑި ހަލާކުވެފައި ހުރެ އެވެ.

އެކަމަކު ފޮތް ލިސްޓަށް ފޮތް ހަމަ ކުރަން މިއަދު ބުކްޝޮޕަށް ދާ މީހަކު ގެއަށް ދާނީ ހެވިލާފަ އެވެ. ކުރިން އުފުލަން ޖެހުނު ބަރު ކޮތަޅު ބޮނޑި މިހާރު ކޮނޑަށްލާކަށް ނުޖެހެ އެވެ. މުޅިން މަންޒަރު ބަދަލުވެއްޖެ އެވެ. އެއް ބުކްޝޮޕް އަނެއް ބުކްޝޮޕާ ވާދައަށް ރީތިހާ ކޭސްތަކުގައި މިހާރު ފޮތްތައް ހުންނަނީ ބަންދުކޮށްލާފަ އެވެ.

މާލޭހެ ބުކްޝޮޕްތަކުން މިހާރު ލިސްޓަށް ދޫކުރާ ފޮތްތައް ހިފައިގެން ކުޑަ ކުއްޖަކަށް ވެސް ދެވޭނެ އެވެ. ޓެކްސްޓް ފޮތްތައް ނެތުމުގެ ލުޔާއެކު މިހާރު ހުންނަނީ ފޮތްލިސްޓަށް ބޭނުންވާ ހުރިހާ ސާމާނެއް އެއް ފޮށީގައި ރީއްޗަށް އަތުރާލައި ބަންދު ކޮށްލާފަ އެވެ. ބްރީފްކޭހެއްގެ ގޮތަށް އަތުން ހިފާނެ އަތްގަނޑުވެސް ފޮށީގައި އިނދެ އެވެ. ފޮށީގެ ޑިޒައިނާއި ކުލަތައް ވެސް ރީއްޗެވެ. ގެއަށް ގެންދަން ފަސޭހަ ވެފައި އަތަށް ވެސް ލުޔެވެ.

މީގެ އިތުރުން ފޮތަށް ލައްވާ ސެލޯފޭން އާއި ކަރުދާސްވެސް ފޮތް ލިސްޓާއެކު ދޫކޮށް ބެލެނިވެރިންނަށް ސްކޫލު ޝޮޕިން ކުރުމުގެ ބުރަ މާ ބޮޑަށް ވެސް ލުއިވީ އެވެ. ބައެއް ބުކްޝޮޕު ތަކުގައި ފޮތް ލިސްޓަށް ފޮތް ބަލައި ދާން ނުވެސް ޖައްސަ އެވެ. ހަބަރެއް ވެލާއިރަށް ގޭ ދޮރުމައްޗަށް އެ ހުރިހާ ސަމާނު ހިމެނޭ ރީތި ފޮށި ހިފައިގެން އައިސް ތިބެއެވެ.

ފޮތް ލިސްޓުގައި ހިމެނޭ ހުރިހާ ސާމާނެއް ބޮޑު ކޮތަޅަށް އަޅައި އެ ހިފައިގެން އުޅުނު ޒަމާން ވެސް މި ނިމުނީ އެވެ. ބަރު ކޮތަޅު ހިފައިގެން އާއިލާ އެންމެންނާއެކު މާލޭގެ އެއް ފެނުން އަނެއް ފެނަށް ހިނގި ދުވަސްދެން މިދިޔައީ އެވެ. ސްކޫލު ފޮތްލިސްޓަށް ބޭނުންވާ ހުރިހާ ސާމާނެއް އެއް ފޮށި ފޮށީގައި ބަންދުކޮށް، ފަސޭހައިން ހިފޭނެ ގޮތަކަށް ތަރައްގީ ވީއެވެ.