ވިޔަފާރި

އުރީދޫގެ ސުޕަނެޓްގެ ހިދުމަތް ރާއްޖޭގެ 60 ޕަސެންޓަށް

ސަތޭކަ އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑުތަކުގައި އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ދ. ކުޑަހުވަދޫއަށް ތައާރަފުކޮށް، ރާއްޖޭގެ 60 ޕަސެންޓް ކަވަރުކޮށްފި އެވެ.

އުރީދޫން ބުނީ މުޅި ރާއްޖެއަށް ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ތައާރަފް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އުރީދޫ ސުޕަނެޓްގެ ހިދުމަތް މެއި 12، 2016 ގައި ތައާރަފު ކުރުމަށްފަހު މުޅި ރާއްޖެއަށް މި ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ކުންފުނީގެ ޑައިރެކްޓަރު ސޭލްސް އެންޑް ބްރޭންޑް ހުސައިން ނިޔާޒު ވިދާޅުވީ ޒަމާނީ ތަރައްގީ އާއި ހަމައަށް ވާސިލުވުމަށް އެންމެ މުހިއްމު އެއް ހިދުމަތަކީ އިންޓަނެޓް ކަމަށްވުމާއެކު، އުރީދޫގެ އަމާޒަކީ ހަލުވި ސްޕީޑުގެ އިންޓަނެޓްގެ ހިދުމަތް ރާއްޖޭގެ ހުރިހާ ހިސާބަކަށް ފޯރުކޮށްދިނުން ކަމަށެވެ.

"ކުޑަހުވަދޫގައި ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ތައާރަފްކޮށް، އިންޓަނެޓްގެ ޚިދުމަތް އިތުރު ފުރިހަމަކަމާއެކު ބޭނުން ކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް. ރައްޔިތުންނަށް އިގްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދައި ދިނުމަށް ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުން ގެންދާނަން،" ނިޔާޒު ވިދާޅުވި އެވެ.

ސުޕަނެޓްގެ ހިދުމަތް ކުޑަހުވަދު އަށް ތަޢާރަފްކުރުމާއިއެކު، 31 ޑިސެމްބަރ 2018 ގެ ކުރިން ސުޕަރނެޓް ހިޔާރު ކުރާ ކުޑަހުވަދޫގެ ކަސްޓަމަރުންނަށް ހާއްސަ އޮފާއެއްވެސް ވަނީ ތައާރަފް ކޮށްފައެވެ. ހަމައެހެންމެ ކުޑަހުވަދޫ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫއިން ސުޕަނެޓްގެ ހިދުމަތް ފޯރު ކޮށްދިނުމުގައި އެއްވެސް ކަނެކްޝަން ފީ އެއް ނުހިމެނުމަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.