ހަބަރު

އަލީ ވަހީދުގެ އަޒުމު: ވަރުގަދަ ބެންޗް މާކަކަށް!

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި އެންމެ އިސްކަމެއް ދެއްވާނީ އެ މިނިސްޓްރީއަށް ތުހުމަތުވާ ކަންކަން ހައްލުކޮށް ދާއިރާއަށް އިންގިލާބީ ބޮޑު ބަދަލެއް ގެނައުމަށް ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް ދާއިރާއާ ގުޅޭ ގޮތުން ކުރެވޭ އުއްމީދުތަކާއި މިނިސްޓަރު ކަމުގެ އަޒުމުތައް އަލީ ވަހީދު ހިއްސާ ކުރައްވާފައިވަނީ "އަވަސް"އިން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ "އަވަސް ހުކުރު" ޕްރޮގްރާމްގަ އެވެ.

އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީ މިހާރު ހިނގަނީ ކުރިން އެ މިނިސްޓްރީ ހިނގަމުން ދިޔަ ގޮތަށް ނޫން ކަމަށެވެ. މިނިސްޓްރީގެ ސެކްޝަންތައް މިހާރު ހުންނާނީ މިނިވަންކަމާއެކު ކަމަށާއި ސިވިލް ސާވިސްގެ އިސް ވެރިންނާއެކު މިހާރު މިނިސްޓްރީ ހިނގަމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑަށް ރައީސް ދެއްވީ މައިގަނޑު ދެ އިރުޝާދެއް މި މަގާމު ހަވާލުކުރުމަށްފަހު، ކޮރަޕްޝަން ފްރީކޮށް އަމާނަތްތެރިކަމާއެކު ވުޒާރާ ހިނގަ ދޭން ވާނެ އަދި ގުޑް ގަވަނެންސް ގެނެސްދޭން ވާނެ، އެހެންވީމަ އަޅުގަނޑު ދަންނަވާނީ އަޅުގަނޑު އެއް ދުވަހު މިނިސްޓަރުކަން ކުރިޔަސް އަދި ދެ އަހަރު ތިން އަހަރު ފަސް އަހަރު މިނިސްޓަރުކަން ކުރިޔަސް އަޅުގަނޑު މިތަނުން ނުކުމެގެން ދާނީ ރައީސް އެ ދެއްވި އިރުޝާދާ އަދި އަޅުގަނޑުމެންނަށް 10 އަހަރު މި ދަސްވި އެއްޗެއް ރަނގަޅަށް ޑެލިވާކުރުން،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ މިނިސްޓްރީން ނުކުމެގެން ދާނީ ޓޫރިޒަމް މިނިސްޓްރީއާމެދު ރައްޔިތުން ދެކޭ ގޮތާއި ކުރާ ތުހުމަތުތައް ބަދަލުކުރުމަށްފަހު ކަމަށެވެ. ކުރީ ސަރުކާރުގެ ތެރޭގައި އަމަލުތައް ހިނގާފައިވާ ގޮތަށް އޭނާގެ މިނިސްޓަރު ކަމުގައި ކަންކަން ނުހިނގާ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

އަޅުގަނޑު ޔަގީންކަން މި ދެނީ އަޅުގަނޑުމެން މިތަން ދޫކުރާނީ ބެންޗް މާކެއް ކްރިއޭޓްކޮށްފަ، އެ ޔަގީންކަން އަމިއްލަ ނަފުސަށް އެބަ އޮތް
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

"ކުރީގެ ސަރުކާރާއި ކުރީގެ ވަޒީރުންނަށް އަޅުގަނޑު މި މަގާމުގައި ހުރެގެން އެއްޗެއް ދަންނަވާކަށް ނެތިން، އެބޭފުޅުންނަށް ރަނގަޅަށް ކުރެއްވި ކަންކަމަށް އިހްތިރާމާއި ގަދަރު ވެސް ކުރަން، އަޅުގަނޑަކީ އަދީބެއް ނޫން، އަޅުގަނޑަކީ އަލީ ވަހީދު، އެހެންވީމަ އަޅުގަނޑު ދާނީ އަޅުގަނޑުގެ ލެގަސީއެއް ދޫކޮށްފަ،" އަލީ ވަހީދު ވިދާޅުވި އެވެ.

"މި މަގާމު ލިބުނު ވަގުތު ހިތަށް އެރި ދެ އެއްޗެއް ބުނެލާނަން، ފުރަތަމަ އަޅުގަނޑު ހިތަށް އެރި މިއީ ހާދަ ބިރުވެރި މަގާމެކޭ، މިކަން ކޮށްފަ ތިބޭ މީހުންނަށް ދެން ފަހުން މިވަނީ ކިހިނެއްބާވައޭ، ދެން ހަމަ ހަމްދާއެކު ހިތަށް އެރީ މިއީ ހާދަ ރަނގަޅު ފުރުސަތެކޭ، މިއީ ރާއްޖޭގެ ރައްޔިތުންނަށް ޕްރޫފްކޮށް ދޭން ރަނގަޅަށް ވެސް ކުރެވޭނެކަން،"

އަލީ ވަހީދު ވިދާޅުވި ގޮތުގައި މިނިސްޓަރު ކަމަކީ ޖާހެއް ބޮޑުވުމެއް ނޫން ކަމަށާއި އެ މަގާމަކީ ރައްޔިތުންގެ ހާދިމެއްގެ މަގާމެވެ. އެގޮތުގައި މަސައްކަތް ކުރައްވާނެ ކަމަށާއި އޭނާއަށް އަބަދުވެސް ރައްޔިތުންގެ ހިޔާލު ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުގެ ވަޒީރު ކަމުގައި ޝަރުއީ ހުކުމަކަށް ހިލާފަކަށް ނުވާނަން، އޮޑިޓަ ޖެނަރަލްގެ ލަފާއަކަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ލަފާއަކަށް ބަންޑާރަ ނައިބުގެ ލަފާއަކަށް ހިލާފެއް ނުވާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީއަށް 100 ދުވަސް ވައުދުތަކުގެ ތެރެއިން އައިސްފައިވާ ކަންކަން މާދަމާ ހާސިލްވެގެން ދާނެ ކަމަށާއި އެއަށްފަހު މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިޔުން ހުއްޓާ ނުލާނެ ކަމަށެވެ.

"އަޅުގަނޑަށް އެބަ ފެނޭ އެބަ އަޑު އިވޭ، މި އިންޑަސްޓްރީގަ ހުރި މައްސަލަަތައް، އެމީހުންގެ ކަންބޮޑުވުންތައް ޕްރެކްޓިކަލީ މި ދަނީ ދެނެގަންނަމުން، އޭގެ ތެރޭގައި ސާވިސް ޗާޖްގެ މައްސަލަ ހިމެނޭ، އަޅުގަނޑާ ބައްދަލުވެއްޖެ އާއިލާއާއެކު ބޮޑު ޗުއްޓީ ފަސް އަހަރު ހޭދަ ނުކުރެވި ތިބި މުވައްޒަފުންނާ،" އަލީ ވަހީދު ވިދާޅުވި އެވެ.

ރިސޯޓް މުވައްޒަފުންނަށް ލުއި ވާނެ ގޮތަށް ބޮޑު ޗުއްޓީ އަހަރުގެ މެދު ތެރެއަށް ހެދުމަށް މި ފެށޭ އަހަރު އެޑިއުކޭޝަން މިނިސްޓްރީއާއެކު މަޝްވަރާ ކުރައްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އޭގެ އިތުރުން އެހެން ދާއިރާތަކުގެ މީހުންނަށް ލިބޭ ފްލެޓް ސްކީމް ފަދަ ސްކީމްތައް ޓޫރިޒަމް އިންޑަސްޓްރީގެ މުވައްޒަފުންނަށް ހޯދައިދިނުމަށް މަސައްކަތް ކޮށް ދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އޭނާ ކުރިއަށް ދާނީ ދާއިރާގެ އެންމެންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް އަޑު އަހައި މަޝްވަރާކޮށްގެން ކަމަށެވެ. ބަދަލުތައް ގެނެވޭނީ އެންމެން އެއްކޮށް ކަމަށާއި އެންމެންގެ ބައިވެރިވުމާއި އެއްބާރުލުން ލިބެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.