ހަބަރު

ތާރީހީ އިލްމްވެރިޔާ ނަދުވީ އަވަހާރަވެއްޖެ

Dec 28, 2018
1

ދިވެހި އަދަބިއްޔާތާއި ތާރީހަށް ގިނަ ހިދުމަތްތަކެއްކޮށް ދެއްވި މުހައްމަދު ވަހީދު، ނަދުވީ މިއަދު ހެނދުނުގެ ވަގުތެއްގައި އަވަހާރަވެއްޖެ އެވެ.

ތާރީހީ އިލްމްވެރިޔާ ނަދުވީ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެވެ. ނަދުވީ އަވަހާރަވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ގެންދަނިކޮށެވެ.

އަވަހާރަވިއިރު ނަދުވީ ހުންނެވީ ދިވެހި ބަހުގެ އެކެޑެމީގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގަ އެވެ.

އޭނާ ވަނީ ދިވެހި ބަހާއި ތާރީހަށް ހިދުމަތް ކުރާ މަރުކަޒުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ. އެގޮތުން އެ މަރުކަޒުގެ އިސް އެހީތެރިޔާގެ މަގާމާއި މުޝީރުގެ އެހީތެރިޔާގެ މަގާމު ފުރުއްވާފައިވެ އެވެ.

ނަދުވީއަކީ އެކި ދާއިރާތަކުން ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އަދަބިއްޔާތާއި ޕޮލިޓިކަލް ސައިންސާއި އިސްލާމީ އިލްމުން ތައުލީމް ހާސިލް ކުރައްވާފައިވެ އެވެ. އަދަބިއްޔާތުން މާސްޓާސް ވެސް ހައްދަވާފައިވެ އެވެ. އެ މާސްޓާސް ނަދުވީ ނެންގެވީ ރައީސް މުހައްމަދު އަމީން ކިޔަވާ ވިދާޅުވި އިންޑިއާގެ އަލީގަޅު މުސްލިމް ޔުނިވާސިޓީންނެވެ.

ފަތްތޫރައިގައި ތާރީހީ ލިޔުންތައް ނަދުވީ ލިޔުއްވާފައިވާއިރު، އަދަބީ ފާޑުކިޔުއްވުމުގެ ލިޔުންތަކެއް ވެސް ސިލްސިލާކޮށް ލިޔުއްވާފައިވެ އެވެ.