ހަބަރު

ޓޫރިޒަމް ކުރިއަރުވާނީ ދީނަށާއި ގައުމިއްޔަތަށް ފުށުނާރާނެ ގޮތަށް: މިނިސްޓަރު

ޓޫރިޒަމް ސިނާއަތު ކުރިއެރުވުމުގައިި އިސްލާމް ދީނާއި ގަމިއްޔަތަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް މިނިސްޓަރު އަލީ ވަހިދު މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ގެސްޓްހައުސް މަހާސިންތާ ނިންމުމުގެ ގޮތުން ބޭއްވި ޖަލްސާގަ އެވެ. އެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ މިހާތަނަށް ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް ދީނަށާއި ގަމިއްޔަތަށް އަދި ރާއްޖޭގެ ސަލާމަތަށް ފުށުއަރާ ފަދަ ގޮތަކަށް އެ މިނިސްޓްރީއިން އެއްވެސް އަމަލެއް ނުހިންގާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ސަރުކާރުން ކޮންޕްރަމައިސް ނުކުރާނެ ކަންތައްތަކެއް ހުންނާނެ، މި ސިނާއަތު ކުރިއަށް ގެންދިޔުމުގައި ދީން އަބަދުވެސް ހިފަހައްޓާނަން، އެ ކޮންޕްރަމައިސްއެއް ނުކުރާނަން، އަޅުގަނޑުމެންގެ ގައުމިއްޔަތު ހިފަހައްޓާނަން، މި ސިނާއަތުގެ ކަންތައްތައް ކުރިއަށްދާއިރު އަޅުގަނޑުމެންގެ ސަލާމަތީ ކަންކަން ސިއްހަތާ ގުޅޭ ކަންތައްތައް މުވައްޒަފުން ކޮންޕްރަމައިސްކޮށްފަ މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓްރީ ނުދާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

"މިހާތަނަށް މިވީ އެއް މަސް ދުވަހުގެ ތެރޭގައި ވެސް ހުއްދަ ދިނުމުގައި ވެސް އަދި ހުއްދަ އާ ކުރުމުގައި ވެސް މި ދެންނެވި އެއްވެސް ކަމެއް އަޅުގަނޑުމެން ކޮށްފައެއް ނޯންނާނެ، އަޅުގަނޑުމެންނަށް މިއަދު ހަވާލުކޮށްފަ އޮތް މެންޑޭޓަކީ ރައްޔިތުން އުއްމީދު ކުރާ ކަހަލަ ސަރުކާރަކަށް މި ސަރުކާރުން ހެދުން،"

ސަރުކާރާއި ރައްޔިތުން ތިބެނީ ވަރަށް ދުރުގަ ކަމަށާއި ނަމަވެސް މި ސަރުކާރުން އެކަން ބަދަލު ކުރާނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ. މަގާމުތަކަށް އާދެވުމުން ރައްޔިތުންގެ އަޑު ނޭހުމުގެ ސަގާފަތް ބަދަލު ކުރައްބާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީއަށް ޝަކުވާ ކޮންމެ މީހަކަށް ވެސް ހުށަހެޅޭނެ ހާއްސަ ދެ މޯބައިލް ނަންބަރެއް މިނިސްޓަރު ވަނީ މިރޭ ތައާރަފް ކުރައްވާފަ އެވެ. އެ ޝަކުވާތައް ވަގުތުން ބަލައި، ހައްލު ހޯދައިދީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ގެސްޓް ހައުސްއާ ގުޅޭ ގަވައިދުތަކާއި ޓެކްސްގެ ނިޒާމަށް އަދި އެހެން ވެސް ބައެއް ކަންކަމަށް ހިޔާލު ހުށެހުޅުމަށް ހުޅުވާލަން މިއަދުގެ ކޮންފަރެންސްގައި ނިންމާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. ޖެނުއަރީ 14ގެ ފަހުން ކޮންފަރެންސްގައި ނިންމި ނިންމުންތަކުގެ ކަރުދާސް ރައީސް އިބްރާޙިމް މުހައްމަދަށް ސޯލިހަށް އަދި އިކޮނޮމިކް ކައުންސިލަށް ފޮނުއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ނިންމި ނިންމުންތަކުގެ ތެރެއިން ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަމަލީ ގޮތުން ބަދަލު ގެނެވެން ހުރި ކަންކަމަށް ބަދަލު ގެންނަވާނެ ކަމަށެވެ. ޔަގީން ކުރަން ބޭނުން ވަނީ އަންނަ އަހަރަކީ ދިވެހި ފަތުރުވެރިކަމުގެ ދާއިރާއަށް ރިކޯޑް ބްރޭކިން އަހަރަކަށް ހެދުން ކަމަށެވެ.