ހަބަރު

އެސްއެމްއީ ބޭންކް އުފައްދާނީ ތިން ސިޓީގެ ހިއްސާއާއެކު: ރައީސް

ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް، އެސްއެމްއީ ބޭންކް އުފައްދާނީ ރާއްޖޭގެ ތިން ސިޓީ ކައުންސިލްގެ ހުއްދައާއެކު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ގެސްޓްހައުސް މަހާސިންތާ ނިންމުމުގެ ގޮތުން ބޭއްވި ޖަލްސާގަ އެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ގެސްޓް ހައުސްތަކަށާއި ރާއްޖޭގައި ހިންގާ ހުރިހާ ވިޔަފާރިތަކާއި، އަދި އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އެކަމަށް އިންވެސްޓްކުރާނެ ފައިސާ، ފަސޭހައިން ހަމަނުޖެހުން ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން މިވެރިކަމަށް ކުރިމަތިލައިގެން އުޅުނުއިރުގައި މެދު އަދި ކުދިފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށްޓަކައި ފަސޭހައިން ލުއިލޯނު ލިބޭނެގޮތް އިންތިޒާމް ކުރާނެ ވާހަކަ ވަޢުދެއްގެ ގޮތުގައި އަޅުގަނޑުމެން އޮންނާނީ ރައްޔިތުންނާ ހިއްސާކޮށްފައި. އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ފެބުރުވަރީ މަހުގެ ތެރޭގައި އެސްއެމްއީ ބޭންކެއް ހުޅުވުމުގެ މަސައްކަތް އަމަލީގޮތުން ފެށޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި އެކަން ފެށުމުގެ ގޮތުން ފައިނޭންޝަލް އިންސްޓިޓިއުޝަނެއް ގާއިމުކޮށް ގެސްޓް ހައުސް އެޅުމަށް ބޭނުންވާ ލޯނު އަދި ގެދޮރު އިމާރާތް ކުރުމަށް ލޯނު ލިބޭނެ ގޮތް ފެބުރުވަރީ މަސް ނިމުމުގެ ކުރިން ހަމަޖެހިގެންދާނެ އެވެ.

"ކޮންމެ ވިޔަފާރިއެއްގެ މައިބަދައަކީ، މާލީ ތަނަވަސްކަން، އެކަން ފަހިކޮށްދިނުމަށްޓަކައި އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން ސަރުކާރުން ވިސްނާފައި އޮތީ އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްއެފްޑީސީ)ގެ ނަމުގައި ދިވެހި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއް އުފައްދަން، މިކުންފުނި ފުރަތަމަ ގާއިމް ކުރެވޭނީ ޑިޕޮސިޓް ނުނަގާ ފައިނޭންޝަލް އިންސްޓިޓިއުޓެއްގެ ގޮތުގައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މެދުރާސްތާއެއްގައި އެސްއެމްއީ ބޭންކެއްގެ ގޮތުގައި ޑިޕޮސިޓް ވެސް ނެގޭ ގޮތަށް ބަދަލުވެގެންދާނެ ކަމަށެވެ. އެ ކުންފުނިން ލޯނު ދޫކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި އެސްއެމްއީ ބޭންކުގައި ލާމަރުކަޒީ ނިޒާމަށް ފުރުސަތު ދިނުމުގެ ގޮތުން، ތިން ސިޓީ ކަމުގައިވާ މާލޭ ސިޓީ އާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ހިއްސާ ހިމެނޭ ގޮތަށް އެ ބޭންކް ބޭނުންކުރެވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ގެސްޓް ހައުސް ވިޔަފާރި ތަރައްގީކުރުމަށް މި ސަރުކާރުން ހޭދަކުރާނެ، ގެސްޓް ހައުސްތައް ހިންގުމުގައި ދިމާވާ މާލީ ދަތިކަން ފޫބެއްދުމުގައި އެހީތެރިވެދިނުމުގެ އިތުރުން، ގެސްޓް ހައުސް ހިންގުމުގައި ދިމާވާ ފަންނީ ދަތިތައް ހައްލުކޮށްދިނުމުގައިވެސް، ސަރުކާރުގެ އެއްބާރުލުން ލިބޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ގެސްޓް ހައުސް ވިޔަފާރިއަށް ސަރުކާރުން ދޭ މާލީއެހީތެރިކަން ދިނުމުގައި، ލޯކަލް ޓޫރިޒަމް މިހާރުން މިހާރަށް ފުޅާކުރުމަށް ސަރުކާރުން ނިންމާފައިވާ ސަރަހައްދުތަކަށް ހާއްސަ އަހަންމިއްޔަތު ކަމެއް ސަރުކާރުން ދޭނެ ކަމަށެވެ. ގެސްޓް ހައުސް ވިޔަފާރިއަކީ، ރަށުގެ އާންމު އަސާސީ ހިދުމަތްތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ވިޔަފާރިއެއް ކަމަށާއި ރަށުގައި އެކަށީގެންވާ ނަރުދަމާ ނިޒާމެއް ނެތުމަކީ، ނުވަތަ ރައްކާތެރި ގޮތުގައި ކުނި ނައްތައިލާނެ ނިޒާމެއް ނެތުމަކީ، ގެސްޓް ހައުސް ތަރައްގީ ކުރުމަށް އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.

"ގެސްޓް ހައުސް ވިޔަފާރި ފުޅާކުރަން ބޭނުންވާނަމަ، އެ ރަށެއްގައި ރަނގަޅު ފެންވަރުގެ ބަނދަރެއް އޮންނަންޖެހޭ، އެރަށަކުން، އެކަށީގެންވާ ރަނގަޅު ސިއްހީ ހިދުމަތް ލިބެން ހުރުމަކީވެސް، ގެސްޓް ހައުސް ވިޔަފާރިއަށްޓަކައި ހަމަ އެހާމެ މުހިންމު ކަމެއް، މިއިން އެނގެނީ ރަށްރަށް ތަރައްގީކޮށްގެން މެނުވީ ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވެން ނެތްކަން، ފަތުރުވެރިކަން ކުރިއަރުވައިގެން ނޫނީ، ރަށްރަށް ތަރައްގީ ކުރެވެންވެސް ނެތްކަން، އެހެންކަމުން، ރަށުގެ ތަރައްގީއަކީ އޭގައި ގެސްޓް ހައުސް ވިޔަފާރި ޝާމިލުވެފައިވާ، ވަށައިޖެހިފައިވާ ފުރިހަމަ ނިޒާމަކަށް ހަދަންޖެހޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރަށްރަށް ތަރައްގީކޮށްގެން މެނުވީ ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވެން ނެތްކަން ކަމަށާއި ފަތުރުވެރިކަން ކުރިއަރުވައިގެން ނޫނީ، ރަށްރަށް ތަރައްގީ ކުރެވެންވެސް ނެތް ކަމަށެވެ. އެހެންކަމުން، ރަށުގެ ތަރައްގީއަކީ އޭގައި ގެސްޓް ހައުސް ވިޔަފާރި ޝާމިލުވެފައިވާ، ވަށައިޖެހިފައިވާ ފުރިހަމަ ނިޒާމަކަށް ހަދަންޖެހޭ އެވެ.