ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިދިޔަ ސަރުކާރުން ހަދަން ފެށި އާ ޓާމިނަލް ހެދުން މަޑުޖެހިފައިވަނީ ފައިސާ ދޭން ހަމަޖެހިފައިވާ ފަރާތްތަކުން އެކަން މަޑުޖައްސާލާފައިިވާތީ ކަމަށާއި ނަމަވެސް އެ މަޝްރޫއުއަށް ސައުދީ އަރަބިއްޔާއިން ފައިސާ ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީ ކުރާ އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. އެ ކުންފުންޏާ މި މަޝްހޫރު ހަވާލު ކޮށްފައިވަނީ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރަށެވެ. މި މަޝްހޫރުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ ފަހުކޮޅު އެވެ.
"އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށި، އިތުރު ރަންވޭއެއް ހެދި، މިއަދާ ހިސާބަށް އައިއިރުގައި ވެސް ބައެއް އިތުރު މަސައްކަތްތައް ޓާމިނަލުގެ މަސައްކަތް މިއަދުވަނީ ކުރިއަށް ނުގޮސް، ފައިސާދޭ ފަރާތުން ފައިސާ ދިނުން އެތައް ސަބަބުތަކަކާ ހުރެވަނީ މަޑުޖައްސާލާފައި، ނަމަވެސް، މިވީ ދެ ހަފުތާގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތުގެ އަލީގައި އެކަމަށް އެންމެ ބޮޑު ލޯނު އެހީދޭ ފަރާތް ކަމުގައިވާ ސައޫދީ އަރަބިއްޔާއިން އެއަށް ބޭނުންވާ ފައިސާ ދޭނެކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް މިހާރުވަނީ ދީފައި،" ގެސްޓް ހައުސް މަހާސިންތާ ނިންމުމުގެ ޖަލްސާގައި ރޭ ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ވަރަށް އަވަހަށް އެއާޕޯޓްގެ ޓާމިނަލުގެ މަސައްކަތް ފަށައި މިހާރު ނިންމަން ހަމަޖެހިފައި އޮތް މުއްދަތަށްވުރެ އަވަހަށް އެކަން ނިމޭނެ ކަމުގެ ޔަގީންކަން އެބަ އޮތެވެ.
އެ މަޝްރޫއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އިއްޔެ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ އެއާޕޯޓުގައި ހަދަމުންދާ އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ނިމޭނީ 2022 ގައި ކަމަށެވެ. ނަމަވެސް ކުރީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވެފައިވަނީ އާ ޓާމިނަލްގެ ނިންމައި އަންނަ އަހަރު ބޭނުން ކުރަން ފަށާނެ ކަމަށެވެ.
ނޫސްވެރިންގެ ސުވާލަކަށް ޖަވާބު ދެއްވަމުން އެކްޓިން އެމްޑީ ސޯލިހު އިއްޔެ ވިދާޅުވީ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ލަސްވެގެން ގޮސްފައިވަނީ ހަތަރު ޕާޓިީން ފައިނޭންސް ހޯދައިގެން ކުރިއަށްދާ މަޝްރޫއަކަށްވާތީ ކަމަށެވެ.
ރާއްޖޭގެ މައި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އާ ޓާމިނަލްގެ އިތުރުން އާ ރަންވޭގެ އާއި ސީޕްލޭން ޓާމިނަލް އަދި ކާގޯ ޓާމިނަލްގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މީގެ އިތުރުން ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.