ހަބަރު

ދިވެހި މުވައްޒަފުން އިތުރުނަމަ، ޓެކްސްގެ ލުޔެއް ދެނީ

ރިސޯޓްތަކުގައި ދިވެހި މުވައްޒަފުން ގިނަ ނަމަ ޓެކްސްގެ ލުޔެއް އެ ރިސޯޓްތަކަށް ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

އެކަން އެމަނިކުފާނު ހާމަ ކުރެއްވީ ގެސްޓްހައުސް މަހާސިންތާ ނިންމުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހު ވިދާޅުވީ ރަށްރަށަށް ފަތުރުވެރިކަން ތައާރުފު ކުރުމުގެ މަގުސަދަކީ ފަތުރުވެރިކަމުގެ މަންފާގެ އެންމެ މަތީ މިންވަރެއް، ސީދާ ރައްޔިތު މީހާގެ ޖީބަށް ވަންނަކަން ކަށަވަރުކުރުމަށް ކަމަށެވެ. ނަމަވެސް މިއަދުވެސް ބައެއް ރިސޯޓުތަކުން އިވެނީ، ސާވިސް ޗާޖު ނުލިބޭ ވާހަކައާއި، ގާނޫނުގައި ބުނާ ނިސްބަތުން ދިވެހީންނަށް ރިސޯޓް ވަޒީފާ ނުލިބޭ ވާހަކަ ކަމަށެވެ.

މިފަހުން ވަނީ އއ. އަތޮޅު ރިސޯޓެއްގައި އެންމެ ފަސް ދިވެހި މުވައްޒަފުން އުޅޭ މައްސަލައެއް ލޭބާ ރިލޭޝަން އޮތޯރިޓީއިން ފެންމަތިކޮށްފަ އެވެ.

"މި ޝަކުވާތަކަށް ނިމުމެއް ގެނައުމަށްޓަކައި، ގާނޫނާ އެއްގޮތަށް ސާވިސް ޗާޖު ދެވޭކަން ކަށަވަރުކުރުމުގެ މަސައްކަތް، ޓޫރިޒަމް މިނިސްޓްރީން ފުރިހަމަކުރަމުން ގެންދާނެ ވާހަކަ މި ފުރުސަތުގައި ދަންނަވަން، ހަމައެފަދައިން، ވަޒީފާތަކުގައި ދިވެހީން ގެންގުޅެންޖެހޭ މިންގަނޑުތައް މުރާޖައާކޮށް، ތަންފީޒުކުރުން ހަރުދަނާކުރެވޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

"މިކަންކަން ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ އެއް ވިސްނުމަކީ، ދިވެހިން ގެންގުޅެންޖެހޭ ނިސްބަތަށްވުރެ އިތުރަށް ދިވެހިން ގެންގުޅޭނަމަ، އެ ރިސޯޓަކަށް ނުވަތަ އެ ގެސްޓް ހައުސްއަކަށް ޓެކްސް އިންސެންޓިވެއް ދިނުން، މިއީ ދިވެހީންނަށް ރިސޯޓް ވަޒީފާ ކަށަވަރުކުރުމަށް އެޅޭ ހަރުދަނާ ފިޔަވަޅަކަށްވާނެ،"

ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ހަރުދަނާކޮށް، ގެސްޓްހައުސް ވިޔަފާރިވެސް ހިމެނޭ ގޮތަށް، ޓޫރިޒަމްގެ އެކި ދާއިރާތައް އިޝްތިހާރުކުރުން އިތުރުކުރުމަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ރާވާފައިވާ ކަމެއް ކަމަށާއި އެކަމަށްޓަކައި ކުރާ ހޭދަ، މިހާރަށްވުރެ މަދުވެގެން ތިން ގުނައަށް އިތުރުވާނެ ކަމަށެވެ.

"ހިތްހަމަޖެހުމާއެކު އެނބުރި ގައުމަށް ދާ ކޮންމެ ފަތުރުވެރިއަކީ، އަބަދަށް ދިރިހުރި ފަތުރުވެރިކަމުގެ އިޝްތިހާރެއް، އަޅުގަނޑުމެންނާ ބައްދަލުކުރާ ޓޫރިސްޓް މީހާ ގާތުގައި އަޅުގަނޑުމެން ދައްކާ ވާހަކަތައް، މާގިނަ ދުވަހު އޭނާގެ ހަނދާނުގައި ނުހުރެދާނެ، އެކަމަކު އޭނާއަށް ކުރެވޭ އިހްސާސްތައް ތާއަބަދަށް ދެމިހުންނާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގެސްޓް ހައުސް ވިޔަފާރިއާއި މުޅި ފަތުރުވެރިކަން ދެމިއޮންނާނީ، ޓޫރިސްޓުންނަށް ކުރެވޭ ތަޖުރިބާތަކާއި ކުރެވޭ އިހްސާސްތަކުގެ މަތީގައި ކަމަށާއި މި ސިނާއަތުގެ އަރަގަކީ، މި ޖަޒީރާވަންތަ ރަށްތަކުން ފަތުރުވެރިންނަށް ކުރެވޭ އިހްސާސްތަކާއި ތަޖުރިބާތައް ކަމަށެވެ. ޓޫރިސްޓުން ހޭދަކުރާ ކޮންމެ ފައިސާފޮއްޗެއް އަގުކުރެވެންވާނީ، އުފާވެރިކަމާއި ހިތްހަމަޖެހުމުން ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުން އަމާޒުކުރަންވީ މި ދެންނެވި މިސްރާބަށް، ރިސޯޓްތަކަށް ނުވަތަ ގެސްޓް ހައުސްތަކަށް ވިޔަސް، އަންނަ ފަތުރުވެރިޔާއަށް އުފަލާއި ހިތްހަމަޖެހުން ލިއްބައިދިނުން ފިޔަވައި، އިތުރު ވިސްނުމެއް އޮވެގެނެއް ނުވާނެ.، ގެސްޓް ހައުސް ހުންނަ ރަށަކީ، ފަތުރުވެރިންނަށް ފަހި މާޙައުލަކަށް ވާންޖެހޭނެ، އެ އަމާޒަށް އަޅުގަނޑުމެންނަށް ވާސިލުވެވޭނީ، ފަތުރުވެރިކަމުގެ ސިނާއަތު ވެސް ލާމަރުކަޒީ ކުރެވި، ގެސްޓް ހައުސް ވިޔަފާރީގެ މައި އިންޖީނަކީ ކައުންސިލްތައް ކަމުގައި ހެދިގެން،" ރައީސް ވިދާޅުވި އެވެ.