ހަބަރު

ބައެއް ޑައިވް، ސާފް ޕޮއިންޓްތައް ވަގުތީ ގޮތުން ބަންދުކުރަނީ

ބައެއް ޑައިވް އަދި ސާފް ޕޮއިންޓްތަކާއި ފަރުތައް ވަގުތީ ގޮތުން ބަންދު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

އެކަން ރައީސް ސޯލިހު ހާމަ ކުރެއްވީ ގެސްޓްހައުުސް މަހާސިންތާ ނިންމުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ، ފަތުރުވެރިކަމުގެ ތަރައްގީއާ އެކީގައި ފައި ހަމަކުރަންޖެހޭ އަނެއް ކަމަކީ، ތިމާވެށި ހިމާޔަތްކުރުން ކަމަށެވެ. އެ ވިސްނުމުން ބަލާއިރު، ބައެއް ސަރަހައްދުތަކުގެ ފަތުރުވެރިކަން ކުރިއަރައި ދިޔައިރު، ބައެއް ފަރުތައް މާބޮޑަށް ބޭނުންކުރުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެ، ދިރުން ގެއްލި، ވީރާނާވެފައިވާކަމީ ހިތާމަހުރި ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ބައެއް ސާފިން ޕޮއިންޓްތަކާއި ޑައިވްކުރާ ބައެއް ސަރަހައްދުތައް ވެސް އޮތީ، މިދެންނެވި ހާލަތުގައި، މިއީ، ދެމެހެއްޓެނިވި ފަތުރުވެރިކަމާ ވަރަށް ބީރައްޓެހި ކަންތައް، ސަރުކާރުގެ ވިސްނުމަކީ، އެފަދަ ފަރުތަކާއި ސާފިން ޕޮއިންޓްތައް އަލުން ދިރި އާލާވުމުގެ ފުރުސަތު ދިނުމަށްޓަކައި، ވަކި މުއްދަތަކަށް އެތަންތަން ބަންދުކުރުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ނަމަވެސް ބަންދު ކުރަން ނިންމާފައިވާ ސަރަހައްދުތަކުގެ ތަފްސީލް ރޭ ރައީސް ސޯލިހު ހާމަ ކުރައްވާފައެއް ނުވެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެ ސަރަހައްދުތައް ފަތުރުވެރިންނަށް އަލުން ހުޅުވައިލާނީ، ދެމެހެއްޓެނިވި ގޮތަށް އެފަދަ ތަންތަން ބެލެހެއްޓޭނެ އިންތިޒާމަކާވެސް އެކުގަ އެވެ. އެކަމަށް ބޭނުންވާ ގަވާއިދުތައް ވެސް ހަދާނެ ކަމަށާއި އެއީ، ފަތުރުވެރިކަން ތަރައްގީ ކުރުމުގެ ނަމުގައި، ތިމާވެށްޓަށް ގޯނާކުރުން ހުއްޓިގެންދާނެ ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ހަރުދަނާކޮށް، ގެސްޓްހައުސް ވިޔަފާރިވެސް ހިމެނޭ ގޮތަށް، ޓޫރިޒަމްގެ އެކި ދާއިރާތައް އިޝްތިހާރުކުރުން އިތުރުކުރުމަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ރާވާފައިވާ ކަމެއް ކަމަށާއި އެކަމަށްޓަކައި ކުރާ ހޭދަ، މިހާރަށްވުރެ މަދުވެގެން ތިން ގުނައަށް އިތުރުވާނެ ކަމަށެވެ.

"ހިތްހަމަޖެހުމާއެކު އެނބުރި ގައުމަށް ދާ ކޮންމެ ފަތުރުވެރިއަކީ، އަބަދަށް ދިރިހުރި ފަތުރުވެރިކަމުގެ އިޝްތިހާރެއް، އަޅުގަނޑުމެންނާ ބައްދަލުކުރާ ޓޫރިސްޓް މީހާ ގާތުގައި އަޅުގަނޑުމެން ދައްކާ ވާހަކަތައް، މާގިނަ ދުވަހު އޭނާގެ ހަނދާނުގައި ނުހުރެދާނެ، އެކަމަކު އޭނާއަށް ކުރެވޭ އިހްސާސްތައް ތާއަބަދަށް ދެމިހުންނާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގެސްޓް ހައުސް ވިޔަފާރިއާއި މުޅި ފަތުރުވެރިކަން ދެމިއޮންނާނީ، ޓޫރިސްޓުންނަށް ކުރެވޭ ތަޖުރިބާތަކާއި ކުރެވޭ އިހްސާސްތަކުގެ މަތީގައި ކަމަށާއި މި ސިނާއަތުގެ އަރަގަކީ، މި ޖަޒީރާވަންތަ ރަށްތަކުން ފަތުރުވެރިންނަށް ކުރެވޭ އިހްސާސްތަކާއި ތަޖުރިބާތައް ކަމަށެވެ. ޓޫރިސްޓުން ހޭދަކުރާ ކޮންމެ ފައިސާފޮއްޗެއް އަގުކުރެވެންވާނީ، އުފާވެރިކަމާއި ހިތްހަމަޖެހުމުން ކަމަށެވެ.