އަޔުޝްމާން ކުރާނާ

ތިން ޚާނުން ފަހަތަށް ލުމަށްފަހު އަހަރުގެ ތަރިއަކަށް އަޔުޝްމާން

މިއަހަރު ވެގެންދިޔައީ ބޮލީވުޑްގެ ތަރި އަޔުޝްމާން ކުރާނާ އަށް ވަރަށް ކާމިޔާބު އަހަރަކަށެވެ. އަޔުޝްމާން ކުޅުނު ތަފާތު ދެ ފިލްމު ވެސް ބޮކްސް އޮފީހުގައި ވިދާލީ ހީނުކުރާހާ ވެސް އުހުގަ އެވެ. "އަންދާދުން" އާއި "ބަދާއީހޯ" ވެގެން ދިޔައީ މިއަހަރުގެ އެންމެ މަގުބޫލު ފިލްމު ތަކުގެ ލިސްޓުގައި ހިމެނުނު ދެ ފިލްމަށެވެ މީގެ ތެރެއިން "އަންދާދުން" އަށް ލިބުނު ތަރުހީބާއެކު މިއަހަރުގެ "ސްޓާ އޮފް ދަ އިޔާ" ގެ ޝަރަފު ވެސް ލިބުނީ އަޔުޝްމާން އަށެވެ.

އަޔުޝްމާންގެ "އަންދާދުން" އަކީ އެންމެ މޮލު ފިލްމުކަމަށް އިންޓަނެޓް މޫވީ ޑާޓާ ބޭސް (އައިއެމްޑީބީ) އިން ވަނީ ޔަގީން ކޮށްދީފަ އެވެ. މި ފިލްމުގެ ކާމިޔާބާ ބެހޭގޮތުން، އިންޑިއާގެ ނޫސް "ހިންދުސްތާން ޓައިމްސް" އަށް ދިން އިންޓަވިއުއެއްގައި އަޔުޝްމާން އާ ސުވާލު ކުރުމުން ބުނީ، މި ފިލްމު ކުޅުނީ ހިންދީ ސިނަމާއަށް ދެވޭ ލޯތްބެއްގެ ބޮޑު ކަމުން ކަމަށެވެ.

އަދި މި ފިލްމުގެ ނެރޭޝަން އަޑު އެހުމަށްފަހު މި ފިލްމަކީ އޭނާއަށް ކުޅުމުގެ ފުރުސަތު ލިބިއްޖެ ކަމުގައިވާނަމަ، ތަފާތު ފާޑު ކިޔުން އަމާޒު ވާނެ ފިލްމެއް ކަމަށް ކަމަށް ވެސް އޭނާ ބުންޏެބެ. އޭނާ އަދި ބުނީ މީގެ ކުރިން ދުވަހަކުވެސް ފިލްމު ޕްރޮޑިއުސަރެއް ކައިރީ ފިލްމެއް ކުޅުމުގެ ފުރުސަތަށް އަމިއްލަ އަށް ނާހާ ކަމަށެވެ.

އަޔުޝްމާން އަކީ ބޮލީވުޑްގައި ވޭތުވެދިޔަ ހަ އަހަރު މަސައްކަތް ކޮށްފައިވާ ތަރި އެކެވެ. އޭނާ ކުޅުނު ގިނަ ފިލްމުތައް ބޮކްސް އޮފީސް ޗާޓުގައި ލައްވާނުލި އިރު، މިހާތަނަށް ކުޅެފައިވާ ގިނަ ފިލްމުތަކަށް، މި ފިލުމަށް ލިބުނު ތަރުހީބާ ގާތް ކުރާ ވަރަށް ވެސް ނުލިބެ އެވެ. ސްކްރީނުގެ ކުރިމަތިން ފެނުމުގެ އިތުރުން ގިނަ ފިލްމުތަކަކަށް ލަވަވެސް ވަނީ ކިޔައިދީފަ އެވެ.

މިއަހަރުގެ އޮކްޓޯބަރުގައި ރިލީޒް ކުރި، "އަންދާދުން" އަކީ ލޯ އަނދިރި ކަމަށް ހެދިގެން އުޅޭ މީހެއްގެ ދިރިއުޅުމުގައި ދިމާވާ ތަފާތު ތަޖުރިބާތަކެއް ދައްކުވައިދޭ، މަޖާ ބިރުވެރި ޖޯންރާއެއްގެ ފިލްމެކެވެ. މި ފިލްމުގައި އަޔުޝްމާން އާއެކު ތައްބޫ އަދި ރާދިކާ އާޕްތޭ ލީޑުން ފެނުނެވެ.

ބޮލީވުޑްގެ އެންމެ މަގުބޫލު ތިން ޚާނުން ފަހަތަށް ޖައްސާލާ ހިންދީ ސިނަމާގެ އެންމެ ކުރީގައި އަޔުޝްމާން ފައިވަރުގަދަ ކޮށްލުން ވެގެން ދިޔައީ، އޭ ލިސްޓު ތަރިންނަށް ކުރި މަލާމާތަކަށެވެ.