ހަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހޯދުމަށް ޖެންޑާއިން އެހީވަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބާރުވެރި ކުރުމުވުގެ ގޮތުން، މިނިސްޓްރީ އޮފް ޖެންޑާއިން އެ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމުގައި އެހީވާން ފަށައިފި އެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވައި މިއަދު މިނިސްޓަރު ޝިދާތާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުވުމާއި އެފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހި ކޮށްދިނުމަކީ މިނިސްޓްރީއަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން އެންމެ އިސްކަންދީގެން ކުރާނެ ކަމެއް ކަމަށެވެ. އެގޮތުން މިހާރު 20 ފަރާތަކުން ވަނީ ވަޒިފާގެ ފުރުސަތަށް އެދިފައި ކަމަށާއި އޭގެތެރެއިން ހަ ފަރާތަކަށް ވަޒީިފާ ހޯދައިދިނުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އަދި އެ ފަރާތްތަކުގެ ތެރެއިން، މިހާރު އެއް ފަރާތަކަށް ވަޒީފާ ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެ އިސްކަމެއް ދީގެން މި ބަލަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހަމަ ވަޒީފާ އަށް ފޮނުވުމުގެ ބަދަލުގައި، އެ ފަރާތްތަކުގެ ހުރި ގާބިލިއްޔަތުކަމާއި ހުނަރާއި ޝައުގުވެރިކަމަށް ބަލާފައި އެފަރާތްތަކަށް އެންމެ އެކަށީގެންވާ ވަޒީފާ ހަމަޖައްސައި ދިނުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައި ދިނުމުގައި މިނިސްޓްރީ އިން އެންމެ ބޮޑަށް ބަލާނީ އެ ފަރާތްތަކަށް ދެވޭ ވަޒީފާ އަކީ ރައްކާތެރި މާހައުލަކަށްވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާހައުލުގައި ބާރުވެރި ކުރުވައި، ވަޒީފާތަކަށް އަމިއްލަ އިހުތިޔާރުގައި ކުރިމަތިލާ އެ މަސައްކަތުން ދިރިއުޅުން ބައްޓަން ކުރުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުން ވައުދެކެވެ. މިނިސްޓްރީ އޮފް ޖެންޑާއިން މިހާރު ވަނީ ކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތަފާތު ތެރަޕިއުޓިކް ހިދުމަތްތައް އާސަންދައިގެ ތެރެއިން ހިލޭ ފޯރުކޮށްދޭ ހިދުމަތްތަކަކަށް ހަދާފަ އެވެ.