ބަންގްލަދޭޝްގައި މަރުވި ރައުދާ އާތިފްގެ މައްސަލައާއެކު ޖުމްލަ 25 މައްސަލައެއް ބަލަން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ނިންމައިފި އެވެ.
ގަރާރަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކޮމިޝަންގެ ފަރާތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވަނީ ކޮމިޝަނުން ބަލަން ނިންމާފައިވާ 25 މައްސަލަ ހާމަ ކުރައްވާފަ އެވެ.
އޭގެ ތެރޭގައި ރައުދާގެ މަރުގެ މައްސަލައިގެ އިތުރުން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލަ އާއި ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލަ އާއި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަފްރާޝީމް އަލީ މަރާލި މައްސަލަ ހިމެނެ އެވެ. އޭގެއިތުރުން ރ. މީދޫ، މުހައްމަދު އަނަސް މަރާލި މައްސަލަ އާއި ކުޑަ ކުދިންގެ ހިޔާގައި މަރުވި ފަސް މަހުގެ ކުއްޖާގެ މައްސަލަ އާއި ޖަލުގައި މަރުވި ތިން ގައިދީއެއްގެ މައްސަލައެއް ހިމެނެ އެވެ.
ސުއޫދު ވިދާޅުވި ގޮތުގައި އެ މައްސަލަތައް ކޮމިޝަނުން ބަލަނީ އެ އާއިލާތަކުގެ ހުއްދަ ވެސް ހޯދައިގެންނެވެ. އަދިވެސް އެ ކޮމިޝަނަށް ބައެއް މައްސަލަތައް ހުށަހެޅިފައިވާ ކަމަށާއި އަދި ވެސް އާންމުންގެ ފަރާތުން މައްސަލަތައް ހުށަހަޅަން ފުރުސަތު އޮންނާނެ ކަމަށެވެ. އެހެންކަމުން ކޮމިޝަނުން ބަލާނެ މައްސަލަތައް އިތުރުވުމަކީ އެކަށީގެންވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. އެގޮތުން ވ. ރަކީދޫގައި މަރާލި މުހައްމަދު އިބްތިހާލުގެ މައްސަލަ ވެސް ހުށަހެޅިފައިވާ ކަމަށާއި ނަމަވެސް އާއިލާގެ ނުރުހުންތަކެއް ހުރުމުން އެ މައްސަލަ ބެލުމާމެދު އަދި ގޮތެއް ނުނިންމޭ ކަމަށެވެ.
ކޮމިޝަނުން ބަލާ މައްސަލަތައް:
- ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލަ
- އެމްއެމްއޭ ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ އިބްރާހިމް އާގިލް މަރާލި މައްސަލަ
- 2014 ވަނަ އަހަރު ހިނގާފައިވާ މަރުގެ މައްސަލައެއް
- ލ. ކަލައިދޫގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި އުމުރުން 14 އަހަރުގެ އަހުމަދު ވިޝާލްގެ މަރުގެ މައްސަލަ
- ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރާލި މައްސަލަ
- ހ. ދޫހިމެރިގޭ ނަދާލް ރަޝީދުގެ މަރުގެ މައްސަލަ
- ހ. ފިލިކުރިގޭ މޫސާ ނައީމް ދޫނިދޫ ޖަލުގައި ބަންދުކޮށްފައިވަނިކޮށް ކުއްލިއަކަށް މަރުވި މައްސަލަ
- ގ. ފެހިމާގޭ އަލީ އަބްދުﷲ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މަރުވި މައްސަލަ
- ދ. ކުޑަހުވަދޫ އަބްދުﷲ މާހިލް ގެއްލިފައިވާ މައްސަލަ
- ރައުދާ އާތިފްގެ މަރުގެ މައްސަލަ
- ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު މަރުވި މައްސަލަ
- ފުވައްމުލައް ސިޓީ އޮޅުތެރޭގޭ މުހައްމަދު ޝަފީއު އިބްރާހިމް ގެއްލިފައިވާ މައްސަލަ
- ހއ. ތަކަންދޫ ޖަނަވަރީގޭ އަބްދުއްޝަކޫރު އަބްދުﷲ މަރުވި މައްސަލަ
- ރ. އުނގޫފާރު ގުލްފާމްގޭ ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލަ
- ސ. ފޭދޫ ޗަބޭލީގޭ އާމީން ރަޝީދު މަރާލި މައްސަލަ
- ހ. އޮގަސްޓާ އަހުމަދު ނަޒީފް ޝައުކަތު އަޑު ޕާކް ތެރޭގައި މަރުވެފައި އޮތްވާ ފެނުނު މައްސަލަ
- މ. މާކަރީ މުހައްމަދު ޝަހުދުގެ މަރުގެ މައްސަލަ
- މާލެ، ހާބަރު ޅިޔަނު ކެފޭގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހީން މިއާ މަރާލި މައްސަލަ
- ލ. މުންޑޫ ނޫރުވިލް އަލީ ޒިޔަދަމްއަށް ހަމަލާދީ މަރާލި މައްސަލަ
- 2016 ވަނަ އަހަރު މާލޭގައި ހިނގާފައިވާ މަރުގެ ދެ މައްސަލައެއް
- ހ. ހަންޑްރެޑް ފްލާވާ އަހުމަދު ޖައިލަމް ޝާކިރު މަރާލި މައްސަލަ
- ފުވައްމުލައް ސިޓީ ދޫނޑިގަމް އަވަށު، ނާޝިދު މޫސާގެ މަރުގެ މައްސަލަ
- ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދަމުން ދިޔަ އަހުމަދު މިޝްފާގު ގެއްލިފައިވާ މައްސަލަ
- 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން ދިޔަ ފަސް މަހުގެ ކުއްޖަކު މަރުވި މައްސަލަ
މައްސަލަތައް ބެލުމުގައި ބޭރުގެ އެހީ ކޮމިޝަނުން ހޯދާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ. އެގޮތުން އެފްބީއައިގެ ކޮންސަލްޓެންޓެއްގެ އެހީ ވަރަށް އަވަހަށް ކޮމިޝަނަށް ލިބޭނެ ކަމަށާއި އޭނާއަކީ ބޮޑެތި އަދި ދުވަސްވީ މައްސަލަތައް ބެލުމަށް ތަޖުރިބާހުރި ފަރާތެއް ކަމަށެވެ. އޭގެއިތުރުން އޮސްޓްރޭލިއާއިން ވެސް އެކްސްޕާޓެއްގެ އެހީ ހޯދުމަށް ވަނީ ނިންމާފަ އެވެ.
ސުއޫދު ވިދާޅުވި ގޮތުގައި ޕްރޮފެސަރު ހަސަން އުގެއިލް ވެސް އެހީތެރިކަން ދޭން ނިންމައި އެ ކޮމިޝަންގެ މަސައްކަތްތަކާ ވަރަށް އަވަހަށް ގުޅެން ވަނީ ނިންމަވާފަ އެވެ. އަދި ބޭރުގެ އަމިއްލަ ޖަމިއްޔާއަކުން ވެސް ކޮމިޝަނަށް އެހީވުމަށް އަމިއްލައަށް ހުށަހަޅާފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.