ހަބަރު

ބޮޑު ތިން މައްސަލާގެ ފަހަތުގައި ތިބި މީހުން ދެނެގަނެވިއްޖެ: ސުއޫދު

ޑރ. އަފްރާޝީމް އަލީ އާއި ބޮލްގާ ޔާމީން ރަޝީދު މަރާލި މައްސަލަ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގެ ފަހަތުގައި ތިބީ ކޮން ބައެއްކަން ދެނެގަނެވިފައިވާ ކަމަށް ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ އެ ތިން މައްސަލާގެ މޯޓިވް އާއި އޭގެ ފަހަތުގައި ތިބި މީހުން ހޯދިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ސުއޫދު ހާމައެއް ނުކުރައްވަ އެވެ. ވިދާޅުވީ ކޮމިޝަންގެ މަސައްކަތުގެ ކުރިމަރާލަން ބޭނުން ނުވާ ކަމަށެވެ.

ސުއޫދު ވިދާޅުވީ އެ މައްސަލަތަކުގެ ފަހަތުގައި ތިބި މީހުންނާއި މޯޓިވް ހޯދަން ތަހުގީގު އިދާރާތަކުން ވޭތުވެދިޔަ ދުވަސްތަކުގައި އެކަށީގެންވާ މަސައްކަތެއް ކޮށްފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ނަމަވެސް ކޮމިޝަނުން އެކަމުގައި ފިޔަވަޅު އަޅައި، އޭގެ ފަހަތުގައި ތިބި މީހުން ވެސް އިންސާފުގެ ކުރި މައްޗަށް ގެންނާނެ ކަމަށް ވިދާޅުވި އެވެ.

އެ ތިން މައްސަލާގެ މޯޓިވް ހޯދުމަކީ ކޮމިޝަންގެ އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި ސުއޫދު ފާހަގަ ކުރެއްވި އެވެ. ނަމަވެސް އޭގެ ފަހަތުގައި ތިބި މީހުންގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް މިހާތަނަށް ހެކި ލިބިފައި ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ ހެކިތައް ވެސް ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ސުއޫދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިހާރު ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި ވެސް އެ އާއިލާތަކަށް އިންސާފު ހޯދައިދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ ތަހުގީގު އެއްކޮށް ނިންމާލުމަށް ބޮޑެތި ހުރަސްތަކެއް ހުރި ކަަމަށެވެ. އެގޮތުން މައްސަލަތަކާ ގުޅިގެން އެކި ފަރާތްތަކުގެ ބަޔާން ނެގި ނަމަވެސް 2017 ވަނަ އަހަރު ތަސްދީގު ކުރި ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮންނަ ގޮތުން އެ ބަޔާންތައް ޝަރީއަތުގައި ސާބިތު ނުކުރެވޭނެ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

"ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ޖިނާއީ މައްސަލަތަކުގެ ތަހުގީގަށް ބަޔާން ނަގާ އެ ބަޔާންތަައް ކޯޓަށް ފޮނުވޭނީ ތަހުގީގީ ބާރުތައް ދީފައިވާ ފަރާތްތައް، ނަމަވެސް އަޅުގަނޑުމެންގެ އެ ބާރެއް އަދި ނުލިބޭ، އެހެންވެ އެ ބަޔާންތައް ނެގިކަމުގައިވީ ނަމަވެސް އަދި އޭގައި ތަހުގީގަށް ކިތަންމެ މުހިންމު ވާހަކަތަކެއް ހުރި ނަމަވެސް އެ ކޯޓުގެ މަރުހަލާގައި ބަލައެއް ނުގަނެވޭ،" ސުއޫދު ވިދާޅުވި އެވެ.

މަރުގެ ކޮމިޝަނަށް ބާރު ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ވަނީ އެ ބާރުތައް ވެސް އެ ކޮމިޝަނަށް ދޭ ގޮތަށެވެ. ނަމަވެސް އެ ބިލު މަޖިލީހުގައި ފާސް ނުވެ އޮތީ ހިފަހައްޓައިފަ އެވެ. އެހެންވެ ތަހުގީގަށް ބޭނުންވާ ބާރުތައް އެ ކޮމިޝަނަށް ނުލިބެ އެވެ. ނަމަވެސް އާ މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެ ރައީސް ސޯލިހުގެ އެ ވައުދު ފުއްދުމަށްޓަކައި ކޮމިޝަނަށް ބާރުތައް ދޭން ފާސް ކުރާނެ ކަމަށް ބެލެވެ އެވެ.

ސުއޫދު ވިދާޅުވީ ކޮމިޝަންއަށް ގާނޫނީ ބާރު ލިބުމާއެކު ތަހުގީގަށް ހުރި ބޮޑެތި ގޮންޖެހުންތައް ފިލައިގެން ދާނެ ކަމަށެވެ. ނަމަވެސް އަލުން އެ ފަރާތްތަކުގެ ބަޔާންތައް ނަގަން ޖެހޭނެ ކަމަށް ސޫއޫދު ވިދާޅުވި އެވެ.

މަރުގެ ކޮމިޝަނުން އަންނަނީ ނޫސްވެރިޔާ އަހުމަަދު ރިލްވާން ގެއްލުވާލި މައްސަލަ އާއި ޑރ. އަފްރާޝިމް އަދި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އިތުރުން ވެސް އާންމުނަށް ހުޅުވާލައިގެން ހުށަހެޅުނު ގިނަ މައްސަލަތަކެއް ވެސް ތަހުގީގު ކުރަމުންނެވެ.