ހަބަރު

ރިހެބިލިޓޭޝަން ސެންޓަރުގައި ޖާގަ ނެތި ހާހަކަށްވުރެ ގިނަ މީހުން ކިޔޫގައި

މަސްތުން ސަލާމަތް ވުމަށް އަމުރު ކުރެވި، އެހެން ނަމަވެސް ރިހެބިލިޓޭޝަން ސެންޓަރުގައި ޖާގަ ނެތުމުގެ ސަބަބުން ފަރުވާ ނުފެށި ހާހަކަށް ވުރެ ގިނަ މީހުން ތިބި ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ސީއީއޯ ހަސަން ޝަހީލު ވިދާޅުވެއްޖެ އެވެ.

ޖެންޑާ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރަގް އޭޖެންސީގެ ސީއީއޯ ވިދާޅުވީ އެ އެޖެންސީއަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުން އެއީ އެ އޭޖެންސީއިން އެންމެ މުހިއްމުކަމެއްގެ ގޮތުގައި މިހާރު ބަލާ ކަންތައް ކަމަށެވެ. އަދި އޭގެތެރެއިން އެއް ކަމަކީ ފަރުވާއަށް އަމުރު ކުރާ ހިސާބުން، ފަރުވާ ދެވޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ.

އެގޮތުން، ވެއިޓް ލިސްޓުގައި މިހާރުވެސް 1118 ގިނަ މީހުން ތިބި ކަމަށާއި، އެކަން ހައްލު ކުރުމަށް އިތުރު ތިން ސެންޓަރު އަތޮޅުތެރޭގައި ގާއިމް ކުރާނެ ކަމަށެވެ. އަދި އެ ސެންޓަރުތައް ގާއިމް ކުރުމުން މި މައްސަލަތަކަށް ލުޔެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރުވެސް ފަރުވާއަށް އަމުރުކޮށް، ސެންޓަރުތަކުގައި ޖާގަ ނެތުމުގެ ސަބަބުން ކިޔޫގައި އެބަތިބި 1118 މީހުން. އެހެންވީމަ އެކަން ހަައްލުކުރުން އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒު، އަދި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ރިހެބިލިޓޭޝަން ސެންޓަރުތައް ގާއިމް ކުރީމައި އެއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ، އެހެންނަމަވެސް، މި ދެންނެވި 1118 މީހުންނަށް އެއްފަހަރާ ފަރުވާ ފެށޭނެ ވަރެއް އަދި ނުވާނެ،" ޝަހީލް ވިދާޅުވި އެވެ.

ރިހެބިލިޓޭޝަން ސެންޓަރުތައް ގާއިމް ކުރުން އެއީ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ވަައުދެކެވެ. އަދި މި މައްސަލަތައް މިނިސްޓްރީ އޮފް ޖެންޑާއިން ވަނީ މިހާރު ހުރި ހަތް ސެންޓަރުގެ އިތުރުން ތިން ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމް ކުރުމަށް ހަމަޖައްސާފަ އެވެ. އެގޮތުން، ހދ. ގދ. އަދި އައްޑޫ ސިޓީގައި އަލަށް ގާއިމް ކުރެވޭ ރިހެބިލިޓޭޝަން ސެންޓަރުތަކުގެ ސަބަބުން މި މައްސަލައަށް ލުޔެއް ލިބޭނެ ކަމަށް އެންޑީއޭގެ ސީއީއޯ ވިދާޅުވި އެވެ.