ހަބަރު

ފަނޑިޔާރުން އައްޔަން ކުރަނީ ގޭންގުތައް ބޭނުންވާ ގޮތަށް: ކޮމިޝަން

Dec 30, 2018
16

ރާއްޖޭގައި ހިންގާ ގޭންގުތަކުގެ ނުފޫޒު ޝަރުއީ ދާއިރާއަށް ވަރަށް ބޮޑަށް ވަދެވައިވާ ކަމަށާއި ބައެއް ގޭންގުތަކުން ބޭނުންވާ ގޮތަށް ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރާ ކަމަށް މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މަރުތައް ބަލާ ކޮމިޝަންއިން ބުނެފި އެވެ.

މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ރައީސް ހުސްނު ސުއޫދު ވިދާޅުވީ އެ ކޮމިޝަނުން ކުރާ ތަހުގީގުތަކަށް ފަހު ޝަރުއީ ނިޒާމުގެ ތެރެއިން ރަނގަޅަށް އެ މައްސަލަތައް ކުރިޔަށް ދިޔުން ވަރަށް މުހިންމު ކަމަށެވެ. ނަމަވެސް ކޯޓުތައް ހުރީ ވަރަށް ބޮޑަށް ގޭންގުތަކުގެ ނުފޫޒު ފޯރާފައި ކަމަށާއި މަރުގެ ބޮޑެތި މައްސަލަތަކުގައި ވެސް ގޭންގުތަކުން ބުނާ ގޮތަށް ބައެއް ފަނޑިޔާރުން ހަދާ ކަމަށް ސުއޫދު ވިދާޅުވި އެވެ.

"ފަނޑިޔާރުން ވެސް ކޮންމެވެސް ވަރަކަށް ޝާމިލުވެގެން އެބަހުރި މަރުތަކުގެ މައްސަލަ ސާބިތު ނުކޮށް، ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުންގެ މައްޗައް ފޯރާފައި އެބަހުރި، ގޭންގުތަކުން ބައެއް ހެކިން ހާޒިރުކޮށްފައި ތިއްބާ ހެކިންނަށް ގޭންގުތަކުން ނުފޫޒު ފޯރުވާފައި އެބަހުރި، ހަމަ އެގޮތަށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި އެބަހުރި،" ސުއޫދު ވިދާޅުވި އެވެ.

ފަނޑިިޔާރުން ސެކިއުރިޓީ ފޯރުކޮށްދިނުމުގައި ބައެއް ގޭންގުތައް ހަރަކާތްތެރިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި ފަނޑިޔާރުން އައްޔަން ކުރުމުގެ ކޯޓާތަކެއް ވެސް ބައެއް ގޭންގުތަކަށް ލިބިފައި އޮންނަ ކަމަށް ސުއޫދު ވިދާޅުވި އެވެ. އެ ގޭންގުތައް ބޭނުންވާ ބަޔަކު ވަކި ކޯޓުތަކަށް އައްޔަން ކުރާ ކަމަށް ސުއޫދު ވިދާޅުވި އެވެ. އޭގެ އިތުރުން ގޭންގުތަކާ ގުޅުން ހުރި މައްސަލަތައް ކުރިޔަށް ދާއިރު ބައެއް ސިއްރު ހެކިތައް ދޭ ފަރާތްތަކުގެ މައުލޫމާތު ގޭންގުތަކަށް ދޭ ކަމަށް ސުއޫދު ވިދާޅުވި އެވެ.

"ބައެއް ގޭންގުތަކަށް އޮވޭ ކޯޓާއެއް ލިބިފައި ފަނޑިޔާރުން އައްޔަން ކުރުމުގެ، ކްރިމިނަލް ކޯޓަށް މިވެނި ގޭންގަކުން ކޯޓާއެއް، ގޭންގުތަކުން ނޮމިނޭޓު ކުރާ ފަރާތްތަކުން ކޯޓުތަކަށް އައްޔަން ކުރުން، މިއީ ހިނގާފައި ހުރި ކަންތައްތައް،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ ޝައުރީ ނިޒާމްގެ ހާލަތު އެގޮތަށް ހުރުމާ ގުޅިގެން މަރުގެ މައްސަލަތަކުގައި އިންސާފު ހޯދުމަށް ބޮޑެތި ހުރަސްތަކެއް ހުންނަ ކަމަށެވެ. މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ކޮންމެ މައްސަލައެއް ކިތަންމެ ވަރަކަށް ތަހުގީގު ކުރި ނަމަވެސް ކޯޓުތައް އިސްލާހު ނުކުރެވޭހާ ހިނދަކު ރައްޔިތުން އެދޭ އިންސާފާ ހަމަޔަށް ވާސިލުވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި މިހާރު ތިބި ފަނޑިޔަރުން ބައިތިއްބައިގެން އިންސާފު ލިބިދާނެ ކަމުގެ އިތުބާރެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކިތަންމެ ރަނގަޅަކަށް ތަހުގީގުކޮށްފައި ފޮނުވިޔަސް، މިހާރު އޮތް ކްރިމިނަލް ކޯޓުން މިހާރު ތިއްބެވި ފަނޑިޔާރުން ތިއްބަވައިގެން އިންސާފު ލިބިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން، އަޅުގަނޑަށް ހީވަނީ މުޅި ލީގަލް ކޮމިއުނިޓީގެ ވިސްނުމަކީ ވެސް އެއީ ހެން،" ސުއޫދު ވިދާޅުވި އެވެ.