ހަބަރު

ސުއޫދަށް ފިޔަވަޅު އަޅަން ހުރަހެއް ނެތް: ޑީޖޭއޭ

ގެއްލުވާލާފައިވާ މީހުންނާއި، މަރުތަކުގެ މައްސަލަ ބަލަން ރައީސުލް އެކުލަވާލެއްވި ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ޖުޑިޝަރީއާބެހޭ ގޮތުން ދެއްކެވީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށާއި، ސުއޫދާމެދު ފިޔައަޅަން ހުރަހެއް ނެތް ކަމަށް ޖުޑިޝަރީއިން ބުނެފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުޑީޝަލް އެކެޑަމީގެ ޗާންސެލާ އަހުމަދު މާޖިދު ވިދާޅުވީ ދިވެހި ރާއްޖޭގެ ކޯޓުތަކާއި، ފަނޑިޔާރުންނާއި މައްސަލަތައް ބަލަމުންދާ ގޮތްތަކާމެދު ބޮޑެތި އިލްޒާމްތައް އަޅުވާ ސުއޫދު ވާހަކަފުޅު ދައްކަވާފައިވާ ކަމަށާއި، އޭގެ ތަފްސީލުތައް ހިއްސާ ކުރުމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ.

އެ މައުލޫމާތު ހިއްސާ ކުރަން ސުއޫދު ދެކޮޅު ހެއްދެވުމުން ސުއޫދުގެ އިހުލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމަށާއި، އެ މައުލޫމާތު ޖުޑީޝަރީއިން ބޭނުންވަނީ އެކަންކަމުގެ ހަގީގަތް ބަލައި ފިޔަވަޅު އަޅަން ކަމަށެވެ. މާޖިދު ވިދާޅުވީ ސުއޫދު ދެއްކެވި ވާހަކަ ތަކަކީ ހަގީގަަތެއް އެކުލެވޭ ވާހަކަތަކެއް ނަމަ ސްޕްރީމްކޯޓާއި އެ މައުލޫމާތު ހިއްސާކުރަން ޖެހިލުންވާންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މާޖިދު އިތުރަށް ވިދާޅުވީ، ސުއޫދު ހިންގެވީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާއި، ދިވެހި ރާއްޖޭގެ ގާނޫނުތަކާއި، ކޯޓުތަކުގެ ގާނޫނުން ވެސް ޖުޑީޝަރީއާއި މެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލޭފަދަ ވާހަކަތައް ދެއްކުމަކީ ކޯޓުތަކުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށެވެ. އަދި ގާނޫނު ތަންފީޒު ކުރުމުގައި އެއްވެސް މީހަކު އިސްތިސްނާވެގެން ނުވާއިރު، ސުއޫދާއި މެދުވެސް ފިޔަވަޅު އެޅުމުގައި ހުރަހެއް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ސުއޫދާއި މެދު ފިޔަވަޅު އެޅުމަށް ހުރަހެއް ނެތް ކަމަށް ވިދާޅުވި ނަމަވެސް، ފިޔަވަޅު އަޅާނެތޯއާއި، އަޅާނެ ފިޔަވަޅެއް ނިންމާނީ ކޯޓުތަކުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.