ފައްޔާޒް އިސްމާއީލް

ކޯޓުގެ ހުރުމަތް ކެނޑޭ ހާލަތު އިސްލާހު ކުރަން ޖެހޭ: ފައްޔާޒް

ކޯޓުތަކުގެ ހުރުމަތް ކެނޑޭ ގޮތްތައް ބަޔާން ކޮށްފައިވާ ގާނޫނޫ، ރައްޔިތުންގެ މަޖިލީހުން އިސްލާހުކުރަންޖެހޭ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކައިފައިވާއިރު މަޝްހޫރު ގާނޫނީ ވަކީލު އަދި ގެއްލުވާލާފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދާއި ފޮނަދޫ ދާއިރާއަށް އަލަށ އިންތިހާބުވެވަޑައިގަތް މެންބަރު އަދި ގާނޫނީ ވަކީލު މޫސާ ސިރާޖު ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އެދި ވަނީ ޗިޓު ފޮނުވާފަ އެވެ،

ސުއޫދު ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އެންގީ ރާއްޖެޓީވީގެ ފަލަ ސުރުޙީ ޕްރޮގްރާމްގައި ޖުޑިޝަރީއާއި ބެހޭގޮތުން ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. އަމުރާއި ގުޅިގެން ސުއޫދު ވިދާޅުވީ، އެވާހަކަތައް ދެއްކެވީ ވަކި މަގުސަދެއް ހާސިލް ކުރަން ނޫން ކަމަށާއި، ފާޅު ކުރީ އޭނާގެ ހިޔާލު ކަމަށެވެ.

ސުޕްރީމް ކޯޓުން އެންމެ ގިނައިން ސަސްޕެންޑް ކުރާ އެއް ވަކީލެވެ. މީގެކުރިން ވެސް އެކި ފަހަރު މަތިން އޭނާ ސަސްޕެންޑްކޮށްފައިވެ އެވެ. ސުއޫދަކީ ޝަރުއީ ދާއިރާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އިސްލާހު ކުރުމުގެ ވާހަކަ ގިނައިން ދައްކަވާ ބޭފުޅެކެވެ.

މޫސާ ސިރާޖު އެންގީ މިދިޔަ އަނގާރަ ދުވަހު އޭނާ ސުޕްރީމް ކޯޓަށް ފާޑު ވިދާޅުވެ ކުރި ޓްވީޓަކާ ގުޅިގެނެވެ. އެގޮތުން ފަނޑިޔާރުގެ އިސްލާހު ކުރެވޭނީ ފަނޑިޔާރުން ވަކިކޮށްގެން ކަމަށާއި ހާއްސަކޮށް ސުޕްރީމް ކޯޓުގައި ތިބި ކޮރޮޕްޓް ފަނޑިޔާރުން ވަކި ކުރަން ޖެހޭ ކަމަށެވެ.

އެކަމާ ގުޅިގެން ސިރާޖު މިއަދު ވިދާޅުވީ ސުޕްރީމް ކޯޓަށް ދުވާލަކު ދެ ފަހަރު ހާޒިރު ކުރިޔަސް ފަނޑިޔާރުގެ އިސްލާހު ކުރެވޭނީ ފަނޑިޔާރުން ވަކިކޮށްގެން ކަމަށް ވިދާޅުވާ ވިދާޅުވުން ބަދަލު ނުކުރައްވާނެ ކަމަށާއި އިންސާފުވެރި ފަނޑިޔާރުގެއެއް ބިނާ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ،

މިނިސްޓަރު ފައްޔާޒްގެ ޓުވީޓުގައި އިތުރަށް ވިދާޅުވީ، ކޯޓުގެ ހުރުމަތް ކެޑޭ ގޮތަށް އޮތް ގާނޫނު ބަދަލުކޮށް ޝަރުއީ ނިޒާމަށްވެސް ސީދާކޮށް ފާޑު ކިޔޭގޮތް ހަދަން ޖެހޭ ކަމަށެވެ. ހާއްސަކޮށް ގާޒީ އިންނަށް ފާޑު ކިޔެން ޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ޖެހޭކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްވެސް ފާޑު ކިޔޭ ކަމަށެވެ. އެހެންކަމުން ކޯޓު ތަކުގެ ގާޒީ އިންނަށް ފާޑު ނުކިޔޭންވި ސަބަބެއް ނެތް ކަމަށެވެ. ދައުލަތުގެ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ފާޑު ކިޔުމަށް އެއްވެސް ހުރަހެއް އޮވެގެން ނުވާނެ ކަމަށްވެސް މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.